ރކ. ކޮމިޓީގެ ހުއްދަ ނެތި ފައިސާ ބޭނުންކޮށްފައިވާ މައްސަލަތަކެއް އޭސީސީން ބަލަން ފަށައިފި

ރކ. ކޮމެޓީގެ ހުއްދަ ހޯދުމަކާ ނުލައި ރައްޔިތުންގެ ފައިސާ ބޭނުންކޮށްފައިވާ ކަމަށް ބުނާ މައްސަލަތަކެއް ތަހުގީކުރުމުގެ މަސައްކަތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ދެ ޓީމަކުން ހަތަރު އަތޮޅެއްގައި ފަށައިފި އެވެ.
އޭސީސީ އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އޭސީސީގެ ޓީމުތައް އއ. އދ. އަދި ފުވައްމުލަކާއި އައްޑު އަތޮޅަށް ގޮސް، ތަހުގީގުކުރަމުން ދަނީ އެ އަތޮޅުތަކުގައި ހުރި ސަރުކާރުގެ ބައެއް ދާއިރާތަކުގެ މުވައްޒަފުންނާ ބެހޭ ގޮތުން އެ ކޮމިޝަނަށް ހުށަހަޅާފައިވާ 21 މައްސަލައެއް ކަމަށެވެ.
އެ ކޮމިޝަނުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ 2007 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން އިއްޔެގެ ނިޔަލަށް ހުށަހަޅާފައިވާ މައްސަލަތައް ކަމަށެވެ.
"އެންމެ ކުރީގެ މައްސަލައަކަށް އޮތީ 2007 ވަނަ އަހަރުގެ ފަހުކޮޅު ހުށަހެޅިފައިވާ މައްސަލައެއް. ނަމަވެސް އޭގެ ތެރެއިން އެންމެ ގިނައީ މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ހުށަހަޅާފައިވާ މައްސަލަތައް. އެ ހުރިހާ މައްސަލަތަކެއް ވެސް އެ ޓީމުތަކުން ތަހުގީގުކުރާނެ،" އޭނާ ވިދާޅުވި އެވެ.
އޭސީސީން ބުނީ އެ ދެ ޓީމުން ބަލާ މައްސަލަތަކުގެ ތެރޭގައި ރކ. ކޮމިޓީގެ ހުއްދަ ހޯދުމަކާ ނުލައި ރައްޔިތުންގެ ފައިސާ ބޭނުންކުރުމާއި އެ ފައިސާ ރައްޔިތުންނަށް ހާމަނުކުރުމާއި ހާއްސަކޮށް ރައްޔިތުންގެ އިންޖީނުގެ ފައިސާ އާއި ތަކެއްޗަށް ހިޔާނާތްތެރިވުން ފަދަ މައްސަލަތައް ހިމެނޭ ކަމަށެވެ. މީގެ އިތުރުން ސަރުކާރުންނާއި އެހެނިހެން ފަރާތްތަކުން ބަނދަރު ހެދުމާއި ރަށުގެ ތަރައްގީ އަށް ހިންގާ ބޮޑެތި ޕްރޮޖެކްޓްތަކަށް ދޭ އެހީ އަށް ހިޔާނާތްތެރިވުމާއި ރަށްރަށުން ބިން ދޫކުރުމުގައި ގަވައިދާ ހިލާފުވެފައިވާ މައްސަލަތައް ވެސް ހިމެނޭ ކަމަށް އޭސީސީ އިން ބުނެ އެވެ.
އޭސީސީ އިން ބުނީ އެ މައްސަލަތަކުގެ އިތުރަށް އާއްމު ރައްޔިތުންގެ ރުއްގަހަށް ބަދަލު ދިނުމަށް ސަރުކާރުން ދޭ ފައިސާ އަށް ހިޔާނާތްތެރިވުމާއި ސްކޫލާއި ރަށު އޮފީސްތަކުގެ ވެރިން އެތަންތަނުގެ ފައިސާ އަށާއި ތަކެއްޗަށް ހިޔާނާތްތެރިވެ އެ ތަކެތި ވިއްކުމުގެ މައްސަލަތައް ވެސް ތަހުގީގުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން އެސްޓިމޭޓް އުސޫލުން ކުރުވަން ޖެހޭ މަސައްކަތްތައް އެއްވެސް އިއުލާނެއް ނުކޮށް ގާތް ރައްޓެހިންނާ ހަވާލުކޮށްގެން ކުރުވާފައިވުމާއި ތަނަށް ބަލައިގަންނަ ފައިސާ ޖަމާނުކޮށް އަމިއްލަ ކަންތައްތަކަށް ބޭނުންކުރުމާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގާތް މީހުންނަށް ވަޒީފާ ހަމަޖެއްސުން ފަދަ މައްސަލަތައް ވެސް ތަހުގީގުކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ އޭސީސީ އިން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ