މޯރީ ގަރާޖުގައި ރޯވެ، ގެއްލުން ލިބުނު އާއިލާތަކަށް އެހީވުމަށް ފަންޑެއް ހުޅުވައިފި

މި މަހުގެ ތިން ވަނަ ދުވަހު ގ. މޯރީގަރާޖުގައި ރޯވެ ގެއްލުން ލިބުނު އާއިލާތަކަށް އެހީވުމަށް އެ ހުރިހާ އާއިލާތައް ހިއްސާވާ ގޮތަށް އިއްޔެ ފަންޑެއް ހުޅުވައިފި އެވެ.
އަލިފާން ރޯވެ އެއްކޮށް އަނދައި ހުލިވެފައިވާ މޯރީގަރާޖު ހުރި ބިމުގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި މި ފަންޑް ހުޅުއްވައިދެއްވީ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ފިނޭންސް މިނިސްޓަރު ގާސިމް އިބްރާހީމެވެ. "ފަޔާ ރިކަވަރީ ފަންޑް" ގެ ނަމުގައި މި ފަންޑް ހުޅުވުމުގެ ރަސްމިއްޔާތުގައި އެނާޖީ މިނިސްޓަރު އަދި ގަލޮޅު އަވަށު އޮފީހުގެ ވެރިޔާ އަހުމަދު އަބްދުﷲ އާއި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މުޝީރު އުމަރު ޒާހިރާއި މޯރީގަރާޖުގެ ވެރިޔާ މޯރީ އަބްދުއްލަތީފާއި ގަލޮޅު އަވަށު އޮފީހުގެ އިސް ވެރިންނާއި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު އާއިލާތަކުން ބައިވެރިވި އެވެ. އަދި ފަންޑް ހުޅުއްވައިދެއްވުމަށް ފަހު ގާސިމް އިބްރާހީމާއި އުމަރު ޒާހިރު އަދި އަހުމަދު އަބްދުﷲ ފަންޑަށް ފައިސާގެ އެހީއެއް ވެދެއްވި އެވެ.
މާލޭގައި މީހުން ދިރިއުޅޭ ސަރަހައްދެއްގައި މިހާތަނަށް ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު އާއިލާތަކަށް އެހީވުމަށް މި ފަންޑް ހުޅުވުމުގައި އިސްކޮށް ހަރަކާތްތެރިވާ އާދަމް ސަލީމް މިއަދު ވިދާޅުވީ ފަންޑަށް ލިބޭ ފައިސާ ބަހާނީ ކޮންމެ ގެއަކަށް ގެއްލުން ލިބުނު ނިސްބަތަކުން ކަމަށާއި އެގޮތަށް ބެހުމަށް ކޮންމެ އާއިލާއަކާ އެކު އެގްރީމަންޓެއް ހަދައިފައިވާނެ ކަމަށެވެ. އެގޮތުން އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ހަ ގެއިން ކުރެ ކޮންމެ ގެއަކަށް ބޭނުންވާނެ ފައިސާގެ އަދަދު މިހާރު ވަނީ ކަނޑައަޅައިފަ އެވެ.
"ގެއްލުން ލިބުނު ކޮންމެ ގެއަކަށް ހަރަދުވާނެ ފައިސާގެ އަދަދު މިހާރު އަޅުގަނޑުމެންނަށް އެނގޭ. އެހެންވެ ފަންޑަށް ފައިސާ ލިބެމުންދާ މިންވަރަކުން ކޮންމެ ގެއަކަށް ވެސް އަޅުގަނޑުމެން ފައިސާ ދޭނަން. އެގޮތަށް ކޮންމެ އާއިލާއަކާ އެކު ވަނީ އެގްރީމަންޓް ވެސް ކޮށްފައި. އަޅުގަނޑުމެން ނިންމައިފައި އޮތީ އިއްޔެއިން ފެށިގެން ތިން މަސް ދުވަސް ވަންދެން މި ފަންޑް ހުޅުވާފައި ބަހައްޓަން،" އަލިފާނުގެ ހާދިސާގައި އެންމެ ބޮޑަށް ގެއްލުންވި ހިޔަރޯދިގޭ ސަލީމް ބުންޏެވެ.
އޭނާ ބުނީ ފަންޑް އިއްޔެ ހުޅުވުމާއެކު ރޭގެ ނިޔަލަށް 103،135ރ. ލިބިފައިވާ ކަމަށެވެ. އެހެން ނަމަވެސް މިއަދު އަދި އެއްވެސް ފައިސާއެއް ނުލިބުނު ނަމަވެސް ފައިސާ ދިނުމަށް ޝައުގުވެރިވެގެން ބައެއް ފަރާތްތަކުން ގުޅަމުންދާ ކަމަށް ސަލީމް ބުންޏެވެ.
އޭނާ ބުނީ ފަންޑަށް ފައިސާ ޖަމާކުރަން ބޭނުންވާ ފަރާތްތަކުން ބެންކް އޮފް މޯލްޑިވްސްގެ ދެ އެކައުންޓަކަށް ޖަމާކުރެވޭނެ ކަމަށެވެ. އެއީ
001- 255120- 7701 (ދިވެހި ރުފިޔާ) އާއި 002- 255120- 7701 (ޔޫ.އެސް ޑޮލަރު) އެކައުންޓެވެ.
"ހެޔޮ އެދޭ ފަރާތްތަކުން އަޅުގަނޑުމެންނަށް ފައިސާ ޖަމާކޮށްދިނުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް. އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ގިނަ އާއިލާތައް މިހާރު ދިރިއުޅެމުންދަނީ ވަރަށް ދަތި ހާލުގައި. ގެއްލުންވި ހަ ގެގޭ ތެރެއިން ފަސްގެ ޖެހެނީ މުޅިން އެއްކޮށް ތަޅާލާފައި އެއްކޮށް ހަދަން. އެކަމަށް ހަރަދުވާނެ ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ،" ސަލީމް ބުންޏެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން ސަރުކާރުން ވަނީ ގެއްލުން ލިބުނު ކޮންމެ ގޭބިސީއަކަށް ރަމްޒީ ފައިސާގެ އެހީއެއް ވެ ދީފަ އެވެ. އަދި އެމްޑީޕީން ވެސް ވަނީ އެ އާއިލާތަކަށް އެހީވުމަށް މި މަހުގެ ތެރޭގައި ފަންޑެއް ހުޅުވައި އެ ފަންޑަށް ލިބުނު 30،500ރ. ގެ އެހީއެއްވެ ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ