ފުވައްމުލަކު ޗަސްބިން ސަރަހައްދުގައި އަލިފާން ނިއްވާ ނިޒާމެއް ގާއިމްކުރަން ސާވޭކޮށްފި

ފުވައްމުލަކުގެ ކުޅިތައް ވަށައިގެން އޮތް ޗަސްބިން ސަރަހައްދުގައި، ފަސޭހަ އިން އަލިފާން ނިއްވޭނެ ނިޒާމެއް ގާއިމްކުރުމުގެ ސާވޭއެއް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން ކޮށްފިއެވެ.
މި ސާވޭކޮށްފައި ވަނީ ފީލްޑް އިންޖިނިއަރެއްގެ އެހީގައި ކަމަށާއި ސާވޭގައި ބޮޑަށް ބަލާފައިވަނީ ލިބެންހުރި ވަސީލަތްތައް ބޭނުންކޮށްގެން ވީހާ ވެސް އަވަހަކަށް އަލިފާންގަނޑު ނިއްވާލެވޭނެ ގޮތަކަށް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
"އަޅުގަނޑުމެންގެ އަތުގައި ހުރި ވަސީލަތްތައް ބޭނުންކޮށްގެން އަވަހަށް ނިއްވާލެވޭނެ ގޮތެއް މި ސާވޭގައި ބެލެވިފައިވަނީ. އެގޮތުން ބެލިބެލުމުން އެންމެ ރަނގަޅު ހައްލެއް ކަމަށް ފެނުނީ ޗަސް ބިމުގެ އެކި ސަރަހައްދުގައި ފެންވަޅުތައް ގާއިމްކުރުން. މި ސިސްޓަމަކީ އައްޑު އަތޮޅު ހިތަދޫ ޗަސް ބިމުގައި ވެސް ގާއިމްކޮށްފައިވާ ސިސްޓަމް،" އެމްއެންޑީއެފްގެ ލެފްޓިނެންޓް އަލީ ސަލީމް ވިދާޅުވި އެވެ. ސަލީމް ވިދާޅުވީ ހިތަދޫގައި ގާއިމްކޮށްފައިވާ ސިސްޓަމް ވަރަށް ކާމިޔާބު ކަމަށް ތަޖްރިބާ ކުރެވިފައިވާ ކަމަށެވެ.
ފުވައްމުލަކު ޗަސްބިން ސަރަހައްދަކީ ދޭތެރެދޭތެރެ އިން އަލިފާނުގެ ހާދިސާ ހިނގަމުންދާ ސަރަހައްދެކެވެ. މި ސަރަހައްދުގައި އަލިފާން ރޯވެއްޖެ ނަމަ މިހާރު ނިއްވާލެވެނީ ވަރަށް އުނދަގުލުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ