ދިޔަމިގިއްޔަށް ފޮނުވި އެހީގެ ތަކެތި ބެހުމުގެ ކުރިން އެ މީހަކަށް އަތުޖެހުނު އެއްޗެއް ގެންގޮސް ހުސްކޮށްލައިފި

ސުނާމީގައި ތ. އަތޮޅުން ގެއްލުން ލިބުނު ދިޔަމިގިއްޔަށް މިދިޔަ ހަފުތާގައި ފޮނުވި އެހީގެ ތަކެތި ބެހުމުގެ ކުރިން އެ ރަށު މީހުން އެ މީހަކަށް އަތުޖެހުނު އެއްޗެއް ގެންގޮސް ހުސްކޮށްލައިފި ކަމަށާއި އެ މައްސަލަ ބެލުމަށް މިއަދު އެ ރަށަށް ދިޔަ ފުލުހުންނާއި އަތޮޅު އޮފީހުގެ ބޭފުޅުން ރަށުތެރެ އަށް އެރިޔަ ނުދީ ހިފަހައްޓައިފި ކަމަށް ރަށު އޮފީހުން ވިދާޅުވެއްޖެ އެވެ.
ބޮޑު ކަތީބު ހުސައިން ހަސަން މަނިކު މިއަދު މެންދުރެއްހާއިރު ވިދާޅުވީ ރައްޔިތުން ގެންދިޔަ އެހީގެ ތަކެއްޗަކީ މި މަހުގެ 19 ވަނަ ދުވަހު އެ ރަށަށް ފޮނުވި ތަކެތި ކަމަށެވެ.
"އޭގެ ތެރޭގައި ހުރީ 16 ގޭސްފުޅި އާއި 16 ގޭސް އުނދުނާއި 16 ތަށި ސެޓް. މި ތަކެއްޗަކީ ރެޑް ކްރޮސް އިން ފޮނުވި ތަކެތި. ހާލުގައި ޖެހިފައިވާ މީހުންނަށް މި ތަކެތި ނުބަހަނީސް ރައްޔިތުންގެ ތެރެއިން ބަޔަކު މިތަކެތި ގެންދިޔައީ، އެހީގެ ތަކެތި ލިބޭގޮތާ މެދު ހިތްހަމަ ނުޖެހިގެން،" ކަތީބު ވިދާޅުވި އެވެ. "ނުގެންދާށޭ ބުނެބުނެ އޮއްވާ ރައްޔިތުންގެ ތެރެއިން ބަޔަކު އެހީގެ ތަކެތި ގެންދިޔައީ."
ހަސަން މަނިކު ވިދާޅުވީ އެހީގެ ތަކެތި ގޭގެ އަށް ގެންދިއަ ފަހުން، އެ ތަކެތި އަނބުރާ ގެނައުމަށް ރަށު އޮފީހުން އެންގުމުން ހަތަރު ގެއަކުން ތަކެތި ގެނެސްފައިވާ ކަމަށެވެ.
"މި މައްސަލަ ބެލުމަށްޓަކައި ރަށަށް އައި ފުލުހުން އެބަތިބި އަތިރިމަތީގައި ރައްޔިތުންނާ ވާހަކަ ދައްކަން. އެ މީހުން އެއްގަމަށް އެރިއަކަ ނުދިން،" ހަސަން މަނިކު ވިދާޅުވި އެވެ. "ރައްޔިތުން ހަމައަކަށް އެޅުވޭތޯ މިދަނީ މަސައްކަތްކުރަމުން. ފުލުހުން ވެސް ރައްޔިތުންނާ ވާހަކަ ދައްކަމުން ދަނީ."
ދިޔަމިގިލީ އަންހެނަކު މިއަދު ފޯނުން ބުނީ ސުނާމީގައި އެ ރަށުން ހާލުގައި ޖެހުނު މީހުން އަދިވެސް ތިބީ ވަރަށް ހާލުގައި ކަމަށެވެ.
"ސަރުކާރުން ކަންތައްކުރާ ގޮތާ މެދު ހިތްހަމަނުޖެހިގެން ރައްޔިތުން ނިކުމެ މިތިބީ،" އެއްވެތިބި މީހުންގެ ތެރޭގައި ހުރި އަންހެނަކު ބުންޏެވެ. "ރަށުގެ ރައްޔިތުންގެ ގިނަ ބަޔަކު މިތަނުގައި އެބަތިބި. ރައްޔިތުން ބޭނުންވަނީ ސުލްހަވެރިކަމާ އެކު މައްސަލަ ނިންމަން. ސުނާމީ އެހީ ރަނގަޅަށް ލިބެން."
ސުނާމީގައި ދިޔަމިގިލިން 35 މީހަކު ހާލުގައި ޖެހުނު ކަމަށާއި އަދި ހާލުގައި ޖެހުނު ވިލުފުށީ 15 މީހަކު ވެސް އެ ރަށުގައި ދިރިއުޅޭ ކަމަށް ދިޔަމިގިލީ ރަށު އޮފީހުން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ