މަ ހޭނެތިދާނޭ: ކޮޕީއެއްކަން އެނގުނީ އަދި ކިރިޔާ؟

ކުރީގެ މަޝްހޫރު ދެ ތަރިން ކަމަށްވާ އައިޝަތު ޝިރާނީ އާއި އަހުމަދު ގިޔާސްގެ މަޝްހޫރު ވީޑިއޯ ލަވަ "މަ ހޭނެތިދާނޭ" އާ ބެހޭ ގޮތުން މިހާރު ދެކެވެނީ އެހެން ވާހަކައެކެވެ. މި ލަވަޔަށް ބޮޑު މަގުބޫލުކަމެއް ލިބުނު އިރު، މިއީ ޝިރާނީގެ އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތެވެ. މިއީ ޝީރާނީ ކުޅުނު ފުރަތަމަ ވީޑިއޯ ލަވަ ވެސް މެ އެވެ.
"ހޭނެތޭ" ވަރަށް ނަށާލާ މި ލަވައިގެ ވާހަކަ އަނެއްކާ މި ދެކެވެނީ ލަވައިން ފެންނަ ނެށުމުގެ ސްޓެޕްތައް ހުރީ ހަމަ ސީދާ ހިންދީ ލަވަޔަކުން ކޮޕީކޮށްފައިކަން އެނގުމުންނެވެ.
ކޮލާޖްކޮށްފައިވާ ދެ ލަވައިގެ ވީޑިއޯ ބަލައިލާށެވެ.
ފޭސްބުކްގައި މިހާރު ވައިރަލް ވެފައިވާ މި ވީޑިއޯ އިން އެކަން ވަރަށް ރީތިކޮށް މިއޮތީ ފެންނާށެވެ. ލަވަ ތަފާތަސް "މަ ހޭނެތިނާދޭ" ގައި މިއޮތީ 1994 ގައި ރިލީޒްވި، އަކްޝޭ ކުމާރާއި މަދޫގެ ފިލްމު "އީލާން" ގެ ލަވަ "ސުބާ ހުއީ ޝާމް ހުއީ" ލަވައިގެ ސްޓެޕްތައް ހަމަ ދާދި އެއްގޮތަކަށް ކޮޕީކޮށްފަ އެވެ.
އެކަމަކު، "މަ ހޭނެތިދާނޭ" ގެ ސްޓެޕްތަކަކީ ކޮޕީއެއްކަން އެނގުނީ އެ ލަވަ ނެރުނުތާ 25 އަހަރު ފަހުން ހެއްޔެވެ؟
"ސުބާ ހުއީ ޝާމް ހުއީ" ލަވައިގެ ވީޑިއޯ.
ކޮންމެ ގޮތެއް ވިޔަސް، "މަ ހޭނެތިދާނޭ" ގެ މަގުބޫލުކަން ބޮޑުވި ވަރުން މި ލަވައަކީ އެކިއެކި ހަފުލާތަކުގައި ގެނެސްދޭ ޑާންސްތަކާއި ލަވަ ސެޓްތަކުގައި ވެސް ކޮންމެހެން ވެސް ހިމަނަން ޖެހޭ ލަވައެއްގެ ގޮތުގައި އޮތީ ވެފަ އެވެ.
"މަ ހޭނެތިދާނޭ" ގެ ވީޑިއޯ.
އެވޯޑް ހަފުލާތަކުގެ ސްޓޭޖް އައިޓަމްތަކުގެ ތެރޭގައި "މަ ހޭނެތިދާނޭ" މިހާތަނަށް ވަރަށް ގިނައިން ފެނިފައވެ އެވެ. އަދި މި ލަވައިގެ އާ ވާޝަނެއް ޑައިރެކްޓަރު އަމްޖަދު (އަމްޖޭ) އިބްރާހީމް، ކުރީގެ ބަތަލާ އާމިރާ ހިމަނައިގެން ގެނެސް ދީފައިވެ އެވެ.
އަދި މި އަހަރުގެ ޖުލައި މަހު ރިލީޒްކުރާ ޑާކް ރެއިން އެންޓަޓައިންމަންޓްގެ ފިލްމު "މާމުއި" ގެ ދިވެހި ލަވަތަކުގެ ސްޓެޕްތަކަށް ދޭ ޓްރިބިއުޓްގައި ވެސް "މަ ހޭނެތިދާނޭ" ގެ ހަރަކާތްތަކުގެ ހަނދާން އާކޮށް ދޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ