ދިރާގު ހައި ސްޕީޑް ފައިބާރ އިންޓަނެޓްގެ ހިދުމަތް ތ. ގުރައިދޫއަށް!

ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ދިރާގުގެ ހައިސްޕީޑް ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް ތ. ގުރައިދޫގައި ތައާރަފްކޮށްފިއެވެ.
ފައިބާރުގެ ހިދުމަތް މުޅި ރާއްޖޭއަށް ފުޅާ ކުރުމަށް ދިރާގުން ބާރު މިނުގައި ކުރަމުންދާ މަސައްކަތް ތެރެއިން ތ. ގުރައިދޫއަށް އެ ހިދުމަތް ތައާރަފްކުރިއިރު، މިއީ ތ. އަތޮޅުގައި ދިރާގު ހައިސްޕީޑް ފައިބަރ އިންޓަނެޓް އިފްތިތާހްކުރި ފުރަތަމަ ރަށެވެ. އަދި މިހާރު އެ ރަށުގެ ގޭބިސީތަކާއި ވިޔަފާރިތަކަށް އެ ހިދުމަތް ފުރިހަމައަށް ލިބެމުންދާނެ ކަމަށް ދިރާގުން ބުނެއެވެ.
ރާއްޖޭގެ އެންމެބޮޑު މުވާސަލާތީ ކުންފުނިން ބުނީ، އެ ކުންފުނިން 2016 ވަނަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖޭގެ އާބާދީގެ 70 ޕަސެންޓަށް ހައިސްޕީޑް ފައިބަރ އިންޓަނެޓް ގެ ހިދުމަތް ފޯރުކޮށްދީފައިވާ ކަމަށެވެ. އެއީ މާލެ، ވިލިމާލެ އަދި ހުޅުމާލެ ގެ އިތުރުން 44 އެހެން ރަށެކެވެ.
ފައިބަރ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީއެވެ. އެގޮތުން ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސްކަމުގައިވާ 1ޓީބީގެ ޕެކޭޖް އެކުލެވިގެންވާ ހިދުމަތެވެ.
ދިރާގުން ވަނީ މި ހިނގާ ނޮވެމްބަރު މަހުގެ ނިޔަލަށް ފިކްސްޑް ބްރޯޑްބޭންޑް ޕްރޮމޯޝަނެއް ވެސް ފަށައިފައެވެ. އެ ޕްރޮމޯޝަނުގައި ގެ އަށް ފައިބަރ ކަނެކްޝަން މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ތިން މަސް ދުވަސް ވަންދެން ނަންގާ ކޮންމެ ފައިބަރ ބްރޯޑްބޭންޑް ކަނެކްޝަނަކަށް މަހުފީގެ ގޮތުގައި ދައްކާ އަދަދުން %25 ޕަސެންޓް ޑިސްކައުންޓެއް ލިބޭނެއެވެ.
ދިރާގުން ބުނީ، އެ ކުންފުނިން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ދެވޭނެ ލުއި ފަސޭހަގޮތްތައް ހޯދައިދިނުން ކަމަށާއި އެގޮތުން އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ