ކުޅުދުއްފުށީ ބަނދަރު ބޮޑުކުރަން 126 މިލިއަން ރުފިޔާ ހޭދަކުރަނީ

ހދ.ކުޅުދުއްފުށީ ބަނދަރު ބޮޑުކުރަން ހިންގާ 126 މިލިއަން ރުފިޔާގެ މަޝްރޫއު އެމްޓީސީސީއާ އިއްޔެ ހަވާލުކޮށްފި އެވެ.
ގާތްގަނޑަކަށް ފަސް މަސް ދުވަހުގެ ތެރޭގައި ނިންމަން، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުގައި ދަތުރުވެރިންނަށް ހާއްސަ ބައެއް ހެދުމާއި އާ ނެރެން ކެނޑުން ވެސް ހިމެނެ އެވެ. އޭގެ އިތުރުން ފެރީ ޓާމިނަލެއް ވެސް ހަދާ ގޮތަށް ވަނީ ހިމަނައިފަ އެވެ.
ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނީ ފެރީ ޓާމިނަލްގައި ފެރީ އޮޕަރޭޓް ކުރާ ފަރާތްތަކަށް ޓިކެޓް ވިއްކަން ޓިކެޓް ކައުންޓަރަކާއި އޮފީސް ބަޔަކާއި ރީޓެއިލް ފިހާރަ އާއި ނަމާދުކުރާ ތަނަކާއި މަދާސް ރޫމެއްގެ އިތުރުކުން ކެފޭއެއް ވެސް ހިމެނޭ ކަމަށެވެ.
މި މަޝްރޫއުގައި ބަނދަރުމަތީގައި މަސް މާރުކޭޓެއް ހަދަން ވެސް ވަނީ ހަމަޖައްސައިފަ އެވެ. މަސް މާރުކޭޓާ އެކު މަސްވެރިންނަށް ފާހާނާ އާއި ސްޓޯރެއްގެ އިތުރުން ފައިސާ ކައުންޓަރެއް ވެސް ހަދަ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި މޫދު ކުޅިވަރަށް ހާއްސަކޮށްގެން ވޯޓަ ފްރޮންޓް ޒޯނެއް ވެސް ބަނދަރުގެ އާ ތަރައްގީގެ ތެރޭގައި ހިމެނެ އެވެ.
މިއީ އާ ސަރުކާރުން ކުޅުދުއްފުށީގައި ފަށާ ފުރަތަމަ މަޝްރޫއު އެވެ.
ސަރުކާރުގެ ބަޖެޓުން އަންނަ އަހަރު ކުޅުދުއްފުށީގައި ކުރަން ކަނޑައަޅާފައިވާކަންކަމުގެ ތެރޭގައި މަގު ހެދުމާއި ސްޕޯޓްސް އެރީނާއެއް ތަރައްގީކުރުމާއި ކަސްޓަމްސް ނޯތު ރީޖަންގެ ހެޑް އޮފީސް އިމާރާތް ކުރުން ވެސް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ