މުއާޒުގެ ވާހަކަ ޤަބޫލު ކުރާތީ ހަމަ ހައިރާންވޭ - ރައީސް ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން ދަތުރުކުރައްވަމުން ގެންދެވި ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި އެއްޗެއް ގޮވުމާ ބެހޭގޮތުން ކުރީގެ ރިޔާސީ ތަރުޖަމާނު އިބްރާހީމް މުއާޒް އަލީ ދައްކަވާފައިވާ ވާހަކަތައް އެކަނި ޤަބޫލު ކުރާތީ ހައިރާންވާކަމަށް ޔާމީން ވިދާޅުވެއްޖެއެވެ.
މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޔާމީން ވިދާޅުވީ މުއާޒުގެ ވާހަކަ ޤަބޫލު ކުރަންޏާ ދައުލަތުގެ ތަހުގީގީ އިދާރާތަކުގެ އެއްވެސް ބޭނުމެއް ނެތްކަމުގައެވެ.
"ވީޑިޔޯ އެކްސްޕާޓުންނާ ސުވާލު ކުރަންވީ ނޫންތޯ... އަޅުގަނޑު ހަމަ ހައިރާންވޭ ހަމައެކަނި މުއާޒް އަލީގެ ވާހަކަ އަޅުގަނޑުމެންނަށް ޤަބޫލު ކުރެވޭތީ. މުއާޒް އަލީގެ ވާހަކަ ޤަބޫލު ކުރަންޏާ ދެން ކީއްކުރަންތޯ ދައުލަތުގެ ތަހުގީގީ އިދާރާތައް." ޔާމީން ވިދާޅުވިއެވެ.
މީގެއިތުރުންވެސް، ކުރީގެ ރައީސް ވިދާޅުވީ މިއީ ރިޔާސީ ކޮމިޝަނެއް އުފައްދަވައިގެން ތަހުގީގު ކުރެއްވި މައްސަލައެއްކަމުގައެވެ. ހަމައެހެންމެ، މިފަދަ މައްސަލައެއް ތަހުގީގު ކުރުމުގައި މުއާޒުގެ ޤާބިލު ކުރަން ހުރިތޯވެސް ޔާމީން ސުވާލު އުފައްދަވާފައިވެއެވެ.
"ދެން އޮތީ މުއާޒް އަލީ ދައްކާ ވާހަކަ. މުއާޒް އަލީ، އެންމެ ފަރުދަކު ދައްކާ ވާހަކައަށްތޯ އިތުބާރު އޮންނާނީ، ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުން އުފައްދާފައި އޮތް ރިޔާސީ ކޮމިޝަން އޭގެތެރޭގައި ފުލުހުންނާއި ސިފައިންނާ ތިބެގެން ތަހުގީގު ކޮށް ނިންމާފައި އޮތް މައްސަލައެއް. އެތަހުގީގުކޮށް ނިންމާފައި އޮތް މައްސަލައެއް، އެއަށްތޯ ބުރަވާނީ ނުވަތަ ވަކި ފަރުދަކު ދައްކާ ވާހަކައަށް، އޭނަގެ ކޮން ހައިސިއްޔަތަކުން، ކޮން ކެޕޭސިޓީއަކުން ނުވަތަ ކޮން ފެންވަރެއްތޯ ހުރީ ތަހުގީގެއް ކުރަން." އެމަނިކުފާނު ވިދާޅުވިއެވެ.
ހަމައެހެންމެ، އަމިއްލަފުޅު އަންހެނުންނާއި އާއިލާގެ މެންބަރުން ތިބި ލޯންޗެއް ގޮއްވާލަން އަމިއްލަފުޅަށް މަސައްކަތް ކުރައްވާނެކަމަށް ޤަބޫލުފުޅު ކުރައްވާތޯވެސް ޔާމީން ސުވާލު އުފައްދަވާފައިވެއެވެ.
"އަޅުގަނޑަށް ސުވާލަކަށް ސުވާލެއް ކޮށްލަންތޯ. ތިޔަބޭފުޅުންނަށް ޤަބޫލު ކުރެވޭތޯ އަޅުގަނޑާއި އަޅުގަނޑު އަންހެނުންނާ އަދި އަޅުގަނޑުގެ އާއިލާގެ މީހުން އަރާތިބި ލޯންޗެއް ގޮއްވާލަން އަޅުގަނޑު އަމިއްލައަށް މަސައްކަތް ކުރާނެކަމަށް ޤަބޫލު ކުރެވޭތޯ ދިވެހި ރައްޔިތުންނަށް." ޔާމީން ވިދާޅުވިއެވެ.
ޔާމީން އިތުރަށް ވިދާޅުވީ އެކި އިރު އެކި ފަރާތްތަކުގެ ވިސްނުމަށް ބަދަލު އަންނާނެކަމުގައެވެ. އަދި މުއާޒް ކުރިން މިކަމުގެ ވާހަކަ ދައްކަވާފައި ނުވާތީ އެކަމަށްވެސް ޔާމީން ސުވާލު އުފައްދަވާފައިވެއެވެ.
"ދެން އެކި މީހުންގެ ވިސްނުމަށް އެކި އިރު ބަދަލު އަންނާނެ ދެއްތޯ. ދެން މުއާޒުގެ ވިސްނުމަށް މިއަދު ބަދަލު އައީ." ކުރީގެ ރައީސް ވިދާޅުވިއެވެ.
މުއާޒް ވަނީ ފިނިފެންމާ ޙާދިސާއާ ގުޅޭގޮތުން މި ފަހުން ގިނަ ސުވާލުތަކެއް އުފައްދަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ