ރައީސް ޔާމީން އަނެއްކާވެސް ފުލުހަށް ހާޒިރުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަނެއްކާވެސް މިއަދު ފުލުހަށް ހާޒިރުކޮށްފިއެވެ.
ރައީސް ޔާމީން ފުލުހަށް ހާޒިރުކޮށްފައި ވަނީ ދެންމެއެވެ. މިކަމާއި ގުޅިގެން ފުލުހުންގެ ކޮމެންޓެއް ލިބޭ ގޮތް އަދި ވަނީ ނުވެފައެވެ.
ފުލުހުން ރައީސް ޔާމީނާ ގުޅުންހުރި މަނީލޯންޑަރިން މައްސަލައެއް ބަލަމުން އަންނަ އިރު، އެ މަނިކުފާނުގެ ބޭންކް އެކައުންޓްތަކުގައި ހުރި 100 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ވަނީ ފްރީޒް ކޮށްފަ އެވެ.
ތިން ވަނަ ފަހަރަށް ރައީސް ޔާމީން ފުލުސް އޮފީހަށް ހާޒިރުކޮސްފައިވާއިރު، ފުލުހުން ކުރިން ނެރުނު ބަޔާނެއްގައި ބުނީ އެ އިދާރާ އިން ތަހުގީގު ކުރަމުން އަންނަނީ ރައީސް ޔާމީން ވެރިކަމުގައި ހުންނެވި އިރު ގާނޫނާ ހިލާފަށް މާލީ މުއާމަލާތްތަކެއް ހިންގެވި ކަމަށް ތުހުމަތު ކުރެވިގެން ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ހުށަހަޅާފައިވާ މައްސަލަ ތަކެއް ކަމަށެވެ.
ދައުލަތުގެ އިދާރާތަކުން ފުލުހުންނަށް ހުށަހަޅާފައިވާ ޝައްކު ކުރެވޭ މާލީ މުއާމަލާތުތަކުގެ ރިޕޯޓަކާއި، މައްސަލަތައް ބެލުމަށް ސާފުކުރެވުނު މައުލުމާތު ތަކުން، ރައީސް ޔާމީނުގެ ނަމުގައި ރާއްޖޭގެ ބޭންކުތަކުގައި ހުޅުވާފައިވާ އެކައުންޓް ތަކުގެ ތެރެއިން މިހާތަނަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ އެކައުންޓްތަކަށް އެ މަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި އެކި ފަހަރު މަތިން، ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކޮށް، އޭގެ މުއާމަލާތް ކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އެގޮތުން ފުލުހުން ބަލަމުން އަންނަ މައްސަލަތަކުގެ ތެރޭގައި ރިޔާސީ އިންތިހާބުގެ ކުޑަ ދުވަސްކޮޅެއް ކުރިން އެ މަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަކަށް 22.5 މިލިޔަން ރުފިޔާ ޖަމާކުރި މައްސަލަ އެވެ. އަދި އެ މައްސަލަ ބަލަން އެދުނީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖަންސް ޔުނިޓުން ކަމަށް ވެއެވެ.
އޭގެ އިތުރުން އެމްއެމްޕީއާރުސީ ހިޔާނާތުގައި ހިމެނޭ އެސްއޯއެފް ކުންފުނިން އެ މަނިކުފާނުގެ ނަމުގައި ހުޅުވާފައިވާ އިސްލާމިކް ބޭންކުގެ އެކައުންޓަކަށް އެއް މިލިޔަން ޑޮލަރު ޖަމާކުރުމުން، އެ ފައިސާ އޭސީސީ އަށް ހާވާލު ކުރި ކަމަށް ބުނެ އޮޅުވާލި މައްސަލައެއް ފުލުހުން އަންނަނީ ބަލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ