ހައިޓީގެ ފުޓުބޯޅަ ފެޑެރޭޝަނުގެ ރައީސް ސަސްޕެންޑް ކޮށްފި

ހައިޓީގެ ފުޓުބޯޅަ ފެޑެރޭޝަނުގެ ރައީސް ޔުވެސް ޖީން-ބާޓް ފުޓުބޯޅައިގެ ހުރިހާ ހަރަކާތްތަކަކުން 90 ދުވަހުގެ މުއްދަތަކަށް ސަސްޕެންޑް ކޮށްފި އެވެ. ޔުވެސް ޖީން-ބާޓްއަށް މި އަަދަބު ދީފައިވާކަން ފީފާއިން މިއަަދު ރަސްމީކޮށް އަންގާފައިވަނީ އޭނާއަށް ކޮށްފައިވާ ސީރިއަސް ތުހުއްމަތުތަކެއްގެ މައްސަލް ހައިޓީގެ ފުލުހުން ތަހުގީގު ކުރަން ފެށުމާ ގުޅިގެންނެވެ. ހައިޓީގެ މީޑިއާ ރިޕޯޓްތަކުގައިވާ ގޮތުންޔުވެސް ޖީން-ބާޓް ވަނީ އެގައުމުގެ އަންހެން ފުޓުބޯޅަ ކުޅުންތެރިންނާއި ގަދަކަމުން ބަދުއަޙުލާގީ އަމަލު ހިންގުމަށް މަސައްކަތް ކޮށްފަ އެވެ. މި މައްސަލައިގެ ތަހުގީގު ފުލުހުން ފެށުމާ އެކު މައްސަލައަށް ގޮތެއް ނިމެންދެން ފީފާއިން ވަނީ ޔުވެސް ޖީން-ބާޓްއަށް ފިޔަވަޅު އަޅައިފަ އެވެ. އެގޮތުން 90 ދުވަހުގެ މުއްދަތަކަށް ގައުމީ އަދި ބައިނަލް އަގުވާމީ އެއްވެސް ފުޓުބޯޅަ ހަރަކާތެއްގައި އޭނާއަކަށް ބައިވެރިއެއް ނުވެވޭނެ އެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ޔުވެސް ޖީން-ބާޓްވަނީ އަންހެން ޓީމު ބައެއް ކުޅުންތެރިންނާ އެކު ޓްރެއިނިންގް ފެސިލިޓީތަކުގައި އެކަހެރިވެ ޓީމުން ވަކި ކުރާނެ ކަމުގެ ބިރު ދައްކާފަ އެވެ. އަދި އޭނާއާ އެކު ބަދުއަޚްލާގީ އަމަލު ހިންގައިފި ނަމަ ޓީމުން ފުރުސަތު ދޭނެކަމަށް ބައެއް ކުޅުންތެރިން ގާތު ބުނެފައިވާ ކަމަށް ވެސް ރިޕޯޓުތަކުން ވަނީ ބުނެފަ އެވެ. ނަމަވެސް ޔުވެސް ޖީން-ބާޓްއާ ދެކޮޅަށް އުފުލާފައިވާ ދައުވާތަކަށް އޭނާ ވަނީ އިންކާރުކޮށްފަ އެވެ. އަދި އެއީ ހިނގާދިޔަ ކަމެއް ނޫން ކަމަށާއި، އެކަމަކީ އޭނާ ފްރޭމް ކުރުމަށް ބަޔަކު ރާވައިގެން ކުރާ ކަމެއް ކަމަށް ޔުވެސް ޖީން-ބާޓް ވަނީ ތުހުމަތު ކޮށްފަ އެވެ. އުމުރުން 73 އަހަރުގެ ޔުވެސް ޖީން-ބާޓް ވަނީ ވޭތުވެ ދިޔަ 20 ވަރަކަށް އަހަރު ވަންދެން ހައިޓީގެ ފުޓުބޯޅަ އިދާރައިގެ އިސްވެރިޔާގެ މަގާމު ފުރާފަ އެވެ. އޭނާއަށް މިހާރު ކޮށްފައިވާ ތުހުމަތު ތަކަކީ މީގެ ފަސް އަހަރު ކުރިން ހިނގާދިޔަ ކަންތައްތަކެއް ކަމަށް މައުލޫމާތު ލިބެ އެވެ. މީގެ ކުރިން އަފްގާނިސްތާނުގެ ފުޓުބޯޅަ އިދާރައިގެ ރައީސް ކެރަމުއްދީން ކަރީމް ވެސް ވަނީ އެގައުމުގެ އަންހެން ކުޅުންތެރިންތަކަކާ ބެހުނު މައްސަލައެއްގައި މަގާމުން ދުރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ