މިހާރަށްވުރެ އިތުރު ބާރު ލިބެންޖެހޭ ކަމަށް ގަބޫލުކުރަން، ވިސްނުމަކީ ޝޮކް ދޭ ބަޑި ބޭނުންކުރުން: ސީޕީ

ކުށްކުރާ ފަރާތްތަކުގެ ފަރާތުން ފެންނަ އަނިޔާވެރިކަމަށް ބަލާއިރު، މިހާރަށްވުރެ އިތުރު ބާރު ފުލުހުންނަށް ލިބެންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށާއި ވިސްނުމަކީ އިލެކްޓްރިކް ޝޮކް ދޭ ބަޑި ބޭނުންކުރުން ކަމަށް ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) މުހައްމަދު ހަމީދު ރޭ ވިދާޅުވެއްޖެ އެވެ.
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަށް ދެއްވި އިންޓަވިއުއެއްގައި ސީޕީ ވިދާޅުވީ ރައްޔިތުންނަށް ހިދުމަތްކުރަން ތިބޭއިރު، އެ ރައްޔިތުން ތިބޭ މާހައުލުގައި ކުށްތައް އާލާވަމުންދާ ނުވަތަ އަލަށް އުފެދެމުންދާ ކުށްތަކާއި އެ ކުށްތަކުގެ ނުރައްކާތެރިކަމާއި ކުށްކުރާ ފަރާތްތަކުގެ ނުރައްކާތެރިކަން، ހާއްސަކޮށް އެ މީހުންގެ ފަރާތުން ފެންނަ އަނިޔާވެރިކަމަށް ބަލާއިރު ލެސް ލީތަލް ނުވަތަ ކަރަންޓް ޝޮކް ދޭ ބަޑި ބޭނުންކުރަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ބޮޑީ ކެމެރާއާ އެކު ޝޮކް ދޭ ބަޑި ބޭނުންކުރަން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް މިދިޔަ ހަފުތާގައި ފުލުހުން އިއުލާނުކުރުމާ އެކު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ. އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީއަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.
ސީޕީ ވިދާޅުވީ އެކަމުގައި ކުރިއަށްދާނީ ހުރިހާ ފަރާތްތަކެއްގެ ވިސްނުމާއި މަޝްވަރާއާ އެކު ކަމަށެވެ.
"އުއްމީދަކީ ހުރިހާ ފަރާތެއްގެ މަޝްވަރާއާ އެކު ކުރިއަށްދެވުން. އޭގެ އިތުރުން މުޖުތަމައުގެ ރައްކާތެރިކަން ދެމެހެއްޓުމަކަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މި ކަމަކީ ވެސް ބޭނުންތެރި ޓޫލެއް. މި އޮޕްޝަން ބޭނުންކުރަން ވިސްނުން ހުރީ،" ސީޕީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކަރަންޓު ޝޮކް ދޭ ބަޑި ބޭނުންކުރުމުގައި އާއްމުންގެ ގިނަ ކަންބޮޑުވުމެއް އޮތީ، ވޭތުވެދިޔަ އަހަރުތަކުގައި ސިޔާސީ އެއްވުންތަކާއި ހަރަކާތްތައް ރޫޅާލުމުގައި ފުލުހުންގެ ފަރާތުން ފެނިފައި ހުރި ބައެއް ކަންކަމާ ގުޅިގެން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް އެ ބަޑި އަކީ ގިނަ ބަޔަކު އެއްވެ އުޅޭއިރު ބޭނުންކުރާ އެއްޗެއް ނޫން ކަމަށް ވިދާޅުވި އެވެ.
Fuluhun electric hathiyaaru beynun kuran fashanee
Mihaaru
އޭގެ ބަދަލުގައި، ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ވަކި ފަރުދުންނަށް ނުވަތަ ފުލުހެއްގެ ފުރާނަ އަށް ނުރައްކާވާވަރުގެ އަނިޔާއެއް ލިބިދާނެ ކަމަށް ގަބޫލުކުރެވޭ ހާލަތުގައި ކަރަންޓް ޝޮކް ދޭ ބަޑި ބޭނުންކުރާނެ ކަމަށް ވިދާޅުވި އެވެ.
ސީޕީ ވިދާޅުވީ މިހާރު ވެސް ވަރަށް ގިނަ ގައުމުތަކުގައި އެ ވަސީލަތް އަންނަނީ ބޭނުންކުރަމުން ކަމަށެވެ. ދުނިޔޭގެ 18،000 އަށްވުރެ ގިނަ އެޖެންސީތަކުގައި އޭގެ 850،000 އަށް ވުރެ ގިނަ ޑިވައިސް ބޭނުންކުރެ އެވެ. ބަޑި ނެގުމާ އެކު ކެމެރާ މަސައްކަތްކުރާނެ ކަމަށާއި ކުރިއަރާފައިވާ ޓެކްނޮލޮޖީގެ ވަސީލަތް ހިމެނޭ ބަޑި ބޭނުންކުރި މީހާ ވެސް ދެނެގަނެވޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.
"ފުލުހުންގެ މުއައްސަސާ ހަރުދަނާކުރުމާ އެކީގައި ވެސް އެބަޖެހޭ ފުލުހުންނަށް އެ ލިބެންޖެހޭ ވަސީލަތްތައް ފުރިހަމަވާން. ޕްްރޮފެޝަނަލައިޒް ކުރެވޭނީ ހަމައެކަނި ފުލުހުންގެ ތެރެ މިއޮތް ގޮތަށް ދެމި އޮވެގެނެއް ނޫން. އިތުރު ތަރައްގީ އަންނަންޖެހޭނެ،" ސީޕީ ވިދާޅުވި އެވެ.
"އުއްމީދަކީ ހުރިހާ ފަރާތެއްގެ މަޝްވަރާއެކު ކުރިއަށްދެވުން. އޭގެ އިތުރުން މުޖުތަމައުގެ ރައްކާތެރިކަން ދެމެހެއްޓުމަކަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މި ކަމަކީ ވެސް ބޭނުންތެރި ޓޫލެއް. މި އޮޕްޝަން ބޭނުންކުރަން ވިސްނުން ހުރީ،" ސީޕީ ވިދާޅުވި އެވެ.
ނުރައްކާތެރި ހާލަތްތަކުގައި ފުލުހުންނަށް ވެސް އަނިޔާވެފައި އެބަހުރި ކަމަށާއި އަދި ފުލުހުން ވެސް ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށްފައި ހުރި ކަމަށް އޭނާ ވިދާޅުވި އެވެ. މި ފަހުން ވެސް އެފަދަ މައްސަލަތަކާ ގުޅިގެން ފިޔަވަޅު އަޅާފައިވާކަން ފާހަގަކުރެއްވި އެވެ.
މީގެ ހަތް އަހަރު ކުރިއަށް ބަލާއިރު، ހާލަތާ ނުބައްދަލުގެ ބާރު ބޭނުންކޮށްގެން 32 މައްސަލައެއް ބަލައި، ހަތަރު މައްސަލައެއްގައި ވަޒީފާއިން ވަކިކުރުމުން ފެށިގެން ޑީމޯޓްކުރުމާ ހިސާބަށް ފިޔަވަޅު އަޅާފައިވާ ކަމަށް ވިދާޅުވި އެވެ.
Shock dhey badi fuluhunah: Rangalhutha? Noonee goahehtha?
Mihaaru
"އެކަންކަން ހަރުދަނާކުރުމާއެކީގައި ވެސް މުޖުތަމައުގައި ތިބި މީހުން އަދި ބޭރު މީހުން ރައްކާތެރިކޮށް ހިމާޔަތްކުރުމަށްޓަކައި ޕޮލިސް ސާވިސްއެއްގެ ހައިސިއްޔަތުން އެ ނުރައްކާތަކާ ކުރިމަތިލުމަށްޓަކައި އަޅުގަނޑުމެންނަށް އެ ވަސީލަތްތައް ނުވަތަ އެ ޓޫލްސްތައް ލިިބެންޖެހޭ،" ސީޕީ ވިދާޅުވި އެވެ. "ކިތަންމެ ހަގަސް ޖެހޭނީ އެ ފިޔަވަޅު އެޅޭ އޮނިގަނޑުތައް ހަރުދަނާކުރަން. އެއީކީ ސަބަބަކަށް ވެގެން ނުވާނެ ކުރިމަތިލާންހުރި ނުރައްކާތަކާ ކުރިމަތިނުލުމަށް."
އެ ބަޑިއަކީ ކޮންމެ ފުލުހަކު ބޭނުންކުރާނެ އެއްޗެއް ނޫންކަމަށާއި އެ ދޭނީ ހާއްސަ ތަމްރީނުތަކެއް ދީ އެކަމުގެ ތަޖުރިބާކޮށްފައި ހުރި މީހަކަށް ކަމަށް ސީޕީ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ