ބޯންމަތުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވީ ގޯލްކީޕަރު އާރޮން ރާމްސްޑޭލް

ކޮރޯނާވައިރަސް (ކޮވިޑް-19) ށް ބޯންމަތުން ޕޮޒިޓިވްވީ އޭނާ ކަން އެ ކްލަބުގެ ގޯލްކީޕަރު އާރޮން ރާމްސްޑޭލް ހާމަކޮށްފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގު އަލުން ފެށުމަށް ތައްޔާރުވަމުން އަންނައިރު، ކްލަބުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުން އަންނަނީ ކޮވިޑް-19ށް ޓެސްޓު ކުރަމުންނެވެ. އެގޮތުން ފުރަތަމަ ބުރުގައި 748 މީހަކު ޓެސްޓުކުރިއިރު، ތިން ކްލަބަކުން ހަ މީހަކު ވައިރަހަށް ޕޮޒިޓިވްވި އެވެ.
އަދި ދެވަނަ ބުރުގައި 996 މީހަކު ޓެސްޓު ކުރިއިރު، ދެ މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އެއާއެކު ބޯންމަތުން ވަނީ އެ ކްލަބުގެ ކުޅުންތެރިއެއް ވައިރަހަށް ޕޮޒިޓިވްވި ކަން ހާމަކޮށްފައެވެ. އެކަމަކު ބޯންމަތުން ކުޅުންތެރިޔާގެ ނަން ހާމަކޮށްފައެއް ނުވެއެވެ.
ބޯންމަތުން ނަން ހާމަނުކުރި ނަމަވެސް، ރާމްސްޑޭލް ވަނީ އޭނާ ވައިރަހަށް ޕޮޒިޓިވް ވެފައިވާ ކަން ހާމަކޮށްފައެވެ. އުމުރުން 22 އަހަރުގެ އިންގްލެންޑުގެ ގޯލްކީޕަރު ރާމްސްޑޭލް ބުނީ ކޮވިޑް-19ށް އޭނާ ޕޮޒިޓިވްވިއިރު، މީގެ ތިން ދުވަސް ކުރިން ހެދި ޓެސްޓުން ނެގެޓިވްވި ކަމަށެވެ. އެހެންކަމުން ވައިރަހަށް ޕޮޒިޓިވްވީ މިދިޔަ ހަފުތާގައި ފިހާރަ އަށާއި ކާރަށް ޕެޓްރޯލް އަޅަން ދިޔުމުން ކަމަށް ވެދާނެ ކަމަށް ވަނީ ބުނެފައެވެ.
ދެވަނަ ބުރުން ބޯންމަތުގެ ގޯލްކީޕަރު ރާމްސްޑޭލް ކޮވިޑް-19ށް ޕޮޒިޓިވް ވިއިރު، މީގެ ކުރިން ފުރަތަމަ ބުރުން ވަޓްފޯޑުގެ ޑިފެންޑަރު އޭޑްރިއަން ޕަރިއަޕާ އާއި އެ ކްލަބުގެ ދެ އޮފިޝަލަކު ވަނީ ޕޮޒިޓިވް ވެފައެވެ. އަދި ބާންލީގެ އެސިސްޓަންޓް ކޯޗު އިއަން ވޯން ވެސް ވަނީ ކޮވިޑް-19ށް ޕޮޒިޓިވް ވެފައެވެ.
ޕްރިމިއާ ލީގުން ޖުމްލަ އަށް މީހަކު ކޮވިޑް-19ށް ޕޮޒިޓިވްވި ނަމަވެސް، ޕްރިމިއާ ލީގުގެ ކްލަބުތަކަށް ހޯމަ ދުވަހު ވަނީ ކުޅުންތެރިން ކޮންޓެކްޓް ވެވޭ ގޮތަށް ފަރިތަކުރަން ހުއްދަ ދީފައެވެ.
ޕްރިމިއާ ލީގުގެ މެޗުތައް ސަޕޯޓަރުން ނުވައްދާ ކުޅޭ ގޮތަށް ޖޫން މަހުގެ 19 ވަނަ ދުވަހު ފަށަން މަސައްކަތް ކުރަމުން އަންނައިރު، ލީގު ފުރިހަމަ ކުރަން ހުރިހާ ކްލަބުތަކުން މިހާރު ވަނީ އެއްބަސްވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ