އެމްއެމްޕީއާރްސީ ފައިސާ ލިބުނު ފަސް ފުލުހެއްގެ ތަޙްޤީޤު ފަށައިފި

އެމްއެމްޕީއާރްސީ ފައިސާ ލިބުނު ފަސް ފުލުހެއްގެ ތަޙްޤީޤު ފަށައިފިއެވެ.
ފުލުހުން ދެންމެ ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލަ އާއި ގުޅިގެން ހިންގަމުންދާ ތަޙްޤީޤުގައި އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު ކަމަށް ފާހަގަ ކުރެވިފައިވާ ފުލުހުންގެ ވަޒީފާގައި މިވަގުތު ތިބި ފަސް މުވައްޒަފެއްގެ ޖިނާއީ އަދި އިދާރީ ތަޙްޤީޤެއް ހިނގަމުންގެންދާ ކަމަށެވެ.
ތަޙްޤީޤު ކުރަމުން ގެންދާތީ ފަސް ފުލުހުން ވެސް ތިބީ މަސްއޫލިއްޔަތުތަކުން ދުރުކޮށްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
އެމްއެމްޕީއާރްސީ މައްސަލައިގައި ހިމެނޭ ފަސް ފުލުހަކު މަސްއޫލިއްޔަތުން ދުރުކުރުމަށް ފަހު، އެފުލުހުންގެ މައްސަލަތައް ބަލަން ފަށާފައި މިވަނީ އެމްއެމްޕީއާރްސީ މައްސަލައިގެ ތަޙްޤީޤު ކުރިއަށްދާ ސްޕީޑް ލަސްކަމުން ވަރަށް ބޮޑަށް ފުލުހުންނާއި އަދި ސަރުކާރަށް ވެސް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.
އެމްއެމްޕީއާރްސީ މައްސަލައިގެ ތަޙްޤީޤު ލަސްވާތީ އެކަމަށް ފާޑުކިޔަމުންދާ ފަރާތްތަކުގެ ތެރޭގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ހިމެނެއެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތައް ލިބެން ޖެހޭ ބިލިއަނެއްގައި ރުފިޔާ ވަނީ އެކި ފަރާތްތަކަށް ބަހާލާފައެވެ. އެކަމުގައި އެންމެ އިސްކޮށް ހުންނެވީ ރައީސް ޔާމީންގެ ސަރުކާރުގައި ޓްއަރިޒަމް މިނިސްޓަރު ކަމާއި ނައިބު ރައީސް ކަން ކުރެއްވި އަހްމަދު އަދީބާއި، އެމްއެމްޕީއާރްސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތު އެވެ. ނަމަވެސް އަދީބާއި ޒިޔަތު މިހާރު ތިއްބަވަނީ ގޭގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ