ސާކްގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ހުރިހާ ގައުމެއް އެކުގައި މަސައްކަތް ކުރަންޖެހޭ: ޝާހިދު

ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ސާކްގެ ހުރިހާ ގައުމެއް އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށް ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ސާކްގެ 35 ވަނަ "ޗާޓަރ ޑޭ"ގެ މުނާސަބަތުގައި ސާކްގެ ސެކްރެޓަރީ ޖެނެރަލަށާއި، ސާކްގެ މެމްބަރު ގައުމުތަކަށް ފޮނުއްވެވި ތަހުނިޔާގެ މެސެޖުގައެވެ.
މިނިސްޓަރ ޝާހިދުގެ މެސެޖުގައި ސާކްގެ މެމްބަރު ގައުމެއްގެ ހައިސިއްޔަތުން ދެކުނު އޭޝިއާ ގައުމުތަކުގެ ލާބައާއި މަންފާއަށް ސާކްގެ އެންމެ އުހަށް ދިއުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ފާހަގަކުރެއްވިއެވެ. އަދި ސާކްގެ މެމްބަރު ގައުމުތަކުގެ މެދުގައި އޮންނަ ގުޅުމާއި، އެކުވެރިކަމާއި، އިތުބާރު ދަމަހައްޓަން ޖެހޭ ކަމަށްވެސް ޝާހިދުގެ މެސެޖުގައި ވަނީ ވިދާޅުވެފައެވެ.
ދިވެހިރާއްޖެ އަބަދުވެސް ސާކްގެ މެމްބަރު ގައުމެއްގެ ގޮތުގައި އޮންނާނެ ކަމަށާއި އަދި ސާކްގެ މެމްބަރު ހުރިހާ ގައުމެއްގެ ކުރިއެރުމަށް އެދޭކަމަށްވެސް މިނިސްޓަރުގެ މެސެޖުގައި ވަނީ ފާހަގަކުރައްވައިފައެވެ.
ސާކް އުފެދިފައިވަނީ 1985 ވަނަ އަހަރު އެވެ. ސާކް އުފެއްދި މައިގަނޑު މަގުސަދުގެ ތެރޭގައި ހިމެނެނީ އުތުރު އޭޝިއާގެ ގައުމުތަކުގެ ލާބައާއި މަންފާއާއި ކުރިއެރުން އިތުރުކުރުމެވެ. އަދި ގައުމުތަކުގެ އިގްތިސާދު ކުރިއެރުވުމަށް އެހީވުން ވެސް މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ