އިދިކޮޅަށް ރައީސް: ''ރައްޔިތުން ދުވަސްކޮޅަކަށް ވެސް ހަމަޖެހިލައިގެން އުޅެން ފުރުސަތު ދެއްވާކަށް ނުވޭތޯ''

ދިވެހި ރައްޔިތުން ކުޑަ ދުވަސްކޮޅަކަށް ނަމަވެސް ހަމަޖެހިލައިގެން އުޅެން ފުރުސަތު ދެއްވަން ނުވަނީތޯ ސުވާލު ކުރިމަތި ކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިދިކޮޅު ސިޔާސީ ބޭފުޅުންނަށް ވަރުގަދަ ރައްދުތަކެއް ދެއްވައިފިއެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، އުފާވެރިކަމާއެކު މިއަދު ހަމަޖެހިލައިގެން ދިރިއުޅުމެއް އުޅެލަން ދިވެހިންނަށް ހައްގު ނެތީތޯ އަދި ސުލްހަވެރިކަމަށް ގިނަ މީހުން ބީރައްޓެހި ވެގެން އުޅެނީ ކީއްވެގެންތޯ ސުވާލު އުފައްދަވައިފައެވެ.
"އަޅުގަނޑު ހިތަށް އަރަނީ، އުފާވެރިކަމާއެކު ހަމަޖެހިލައިގެން ދިރިއުޅުމަކީ އަޅުގަނޑުމެން ދިވެހިންނަށް ނެތް ހައްގަކީ ބާވައޭ. ސުލްހަވެރިކަން، އަޅުގަނޑުމެންނާ މިހާ ބީރައްޓެހިވެގެން މިއުޅެނީ ކީއްވެ ބާވައޭ. އަޅުގަނޑު މިއަދު ރާއްޖޭގެ ސިޔާސީ ބޭފުޅުންގެ އަރިހުން އަހާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ ރައްޔިތުން ދުވަސްކޮޅަކަށް ނަމަވެސް، ހަމަޖެހިލައިގެން އުޅެން ފުރުސަތު ދެއްވާކަށް ނުވޭތޯއޭ،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ރާއްޖޭގައި އިސްލާމް ދީނަށް ފުރައްސާރަކޮށް، މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ކުޑައިމީސްވާ ގޮތަށް ވާހަކަ ދެއްކުމަކީ އެއީ މިއަދަކު ހިނގާ ކަމެއް ނޫން ކަމަށާއި އެއީ މީގެ އެތައް އަހަރެއް ކުރިންސުރެ ހިނގަމުން އަންނަ ކަމަށެވެ.
ނަމަވެސް އެކަންކަމާ ދެކޮޅަށް މިހާރު ޝުއޫރު ފާޅުކުރައްވާ ބައެއް ސިޔާސީ ފަރާތްތަކަށް ރައްދު ދެއްވައި ރައީސް ވަނީ، އެބޭފުޅުންގެ ސަރުކާރުގައި އެކަންކަމަށް ފިޔަވަޅު ނާޅުއްވައި ތިއްބަވައިގެން މިއަދު އެވާހަކަ ދައްކަވަނީ ހަމަ އިހުލާސްތެރިކަމުންތޯ ސުވާލު އުފައްދަވައިފައެވެ.
''އޭރު އެއްވެސް ފިޔަވަޅެއް ނާޅުއްވައި ދެލޯ މަރާލައިގެން ތިއްބެވި ސިޔާސީ ބޭފުޅުން، މިއަދު ފިޔަވަޅު އަޅަން ގޮވާލައި އިހުތިޖާޖް ކުރަން ފެށްޓެވުމުން، މިއީ ހަގީގަތުގައި ވެސް، އިހުލާސްތެރިކަމެއް ހުރެގެން އުފުލާ އަޑުތަކެއްތޯ ސުވާލު ކޮށްލަންޖެހޭ. މިއީ މިއަދު އަޅުގަނޑުމެން ކޮންމެ މީހަކު ވެސް އަމިއްލައަށް ވިސްނާލަންޖެހޭ ކަމެއް," ރައީސް ވިދާޅުވިއެވެ.
ގައުމީ ދުވަހާއި ގައުމިއްޔަތާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގައުމިއްޔަތެއްގެ އެންމެ މުހިންމު ސިފަ އަކީ، ދާހިލީ ގޮތުންނާއި ހާރިޖީ ގޮތުން، އަދި ސިޔާސީ ގޮތުންނާއި އިގުތިސޯދީ ގޮތު ވެސް، އަމިއްލަ ހައިސިއްޔަތުން ބަސްބުނެ، އަޑު އުފުލުމުގެ ފުރިހަމަ މިނިވަންކަން ލިބިފައި އޮތުން ކަމަށެވެ.
އަދި ދިވެހި ގައުމިއްޔަތުގެ މައިގަނޑު ބަހާތަކަކީ، މާތްވެގެންވާ އިސްލާމް ދީނާއި މާދަރީ ބަހާއި ދިވެހި މުއްސަނދި ސަގާފަތާއި ތަރިކަކަން ފާހަގަކުރައްވާ، މިކަންކަން ހިމާޔާތް ކުރެއްވުމަށް މީގެ 460 އަހަރު ކުރިން އުތީމު ތިން ބެއިން ކުރެއްވި ގައުމީ ޖިހާދުގެ މައްޗަށް ވެސް އަލިއަޅުއްވާލެއްވިއެވެ.
އޭގެ އިތުރުން ދުނިޔެއަށް ފެތުރުނު ސިޔާސީ އަޅުވެތިކަމާއި އިސްތިއުމާރީ އޮއިވަރުގެ ތެރޭގައި، ރާއްޖޭގެ މިނިވަންކަން ވެސް އެތައް ފަހަރަކު ގެއްލިގެން ދިޔަކަމަށާއި ގައުމެއްގެ މިނިވަންކަން ގެއްލެން މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ، އެބައެއްގެ ގައުމިއްޔަތަށް އަރާ ލޮޅުންތައްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ