ދައުލަތުގެ ފައިސާ ބޭނުމެއް ނުކުރަން: ރައީސް ނަޝީދު

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭންގައި އެމްޑީޕީން ދައުލަތުގެ ފައިސާ އާއި ވަސީލަތްތައް ބޭނުންކުރަމުން ނުދާ ކަމަށް އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭންގައި އެމްޑީޕީން ދައުލަތުގެ ފައިސާއާއި ވަސީލަތްތައް ބޭނުންކުރަމުންދާ ކަމަށް އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕީއެމްއާއި ޕީއެންސީން ތުހުމަތުކޮށްފައި ވަނިކޮށެެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ހއ. އަތޮޅާއި ހދ. އަތޮޅަށް އެމްޑީޕީން މިއަދު ފެށި ދަތުރުގެ ކުރިން މާލޭގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ކެމްޕޭން ހަރަދުތައް ކުރަނީ އެޕާޓީން ކަމަށެވެ.
އެމްޑީޕީގެ ކެމްޕޭންގައި ދައުލަތުގެ ފައިސާއާއި ވަސީލަތްތައް ބޭނުން ނުކުރާނެ ކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ކައުންސިލް އިންތިހާބުގައި އެމްޑީޕީން ދައުލަތުގެ ފައިސާ ބޭނުންކުރާ ކަމަށް އިދިކޮޅު ފަރާތްތަކަށް ހީވަނީ ނިމިދިޔަ ސަރުކާރުގައި، އެ ސަރުކާރު ހިންގި ޕާޓީއަށް ނިސްބަތްވާ ބޭފުޅުންގެ ކެމްޕޭންގައި ދައުލަތުގެ ފައިސާއާއި ވަސީލަތްތައް ބޭނުންކޮށްފައިވާތީ ކަމަށެވެ.
"އެބޭފުޅުން ސަރުކާރުގެ ހުރިހާ ވަސީލަތްތަކެއް ބޭނުން ކުރެއްވި. އެހެންވީމުން އެމްޑީޕީން ވެސް އެ ބާވަތުގެ ކަމެއް ކުރާނެ ކަމަށް އެ ބޭފުޅުންގެ ހިތަަށް ވަންނަނީ. ހަސަނަށް ހީވާނެ ފުޅަށް ބުޑުން ދަންޏާ ކެޔޮގަނޑު ކަނޑާލަނީއޭ،" ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެމްޑީޕީގެ ހއ. އަދި ހދ. އަތޮޅުގެ ދަތުރުގައި ހުރިހާ ރަށަކަށް ވަޑައިގެން ވަކިވަކިން ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބަލާނެ ކަމަށެވެ.
ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭންގައި ވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދު ދައުލަތުގެ ފައިސާއާއި ވަސީލަތްތައް ބޭނުންކުރި ކަމަށް އޭރުވެސް އިދިކޮޅު ކޯލިޝަނުން ތުހުމަތުކޮށްފައިވެ އެވެ. ނަމަވެސް ރައީސް އޮފީހާއި އެމްޑީން އޭރުވެސް ބުނެފައިވަނީ ކެމްޕޭން ދަތުރުފުޅުތަކުގައި ރައީސް ސޯލިހާއި ރައީސް ނަޝީދު ކުރައްވާ ދަތުރުފުޅުތަކުގެ ހަރަދުތައް ބަލަހައްޓަނީ އެމްޑީޕީން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ