ރައީސް ޔާމީން މިނިވަން ކުރަން ޖެހޭ ސަބަބުތައް، ރައްޔިތުންގެ ދުލުން!

ރާއްޖޭގެ ތަރައްގީގެ ބާނީ ކަމުގައި ގިނަ ބަޔަކު ގަބޫލު ކުރާ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުގައި ހުންނަވާތީ ކަންބޮޑުވާ ކަމަށް ގިނަ ރައްޔިތުން ދަނީ ބުނަމުންނެވެ. ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި، ރައީސް ޔާމީނަށް ކުޑަގޮޅި ހައްގެއް ނޫނެވެ. ރާއްޖެއަަށް މަލްޓި ޕާޓީ ސިސްޓަމް ތައާރަފު ކުރި ފަހުން، ފަސް އަހަރުގެ ދައުރެއް ކާމިޔާބު ކަމާއެކު ފުރިހަމަކުރައްވައި، ރައްޔިތުންނަށް މަންފާ ވާނެ ފަދަ ހިދުމަތްތަކެއް ކޮށްދެއްވި ވެރިޔަކީ، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްކަން ފާހަގަކޮށް، ގިނަ ބަޔަކު ދަނީ ސިޔާސީ ގޮތުން އެމަނިކުފާނަށް ކުރަމުންދާ އަނިޔާތައް ހުއްޓާލުމަށް ސަރުކާރަށް ގޮވާލަމުންނެވެ. ރައީސް ޔާމީން މަނީ ލޯންޑަރަ ކުރެއްވިކަން އެމަނިކުފާނުގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި، އެމަނިކުފާނު ފަސް އަހަރަށް ޖަލަށް ލީ ނުހައްގުން ކަމަށް އެތައް ބަޔަކު ދަނީ ބުނަމުންނެވެ. ރައީސް ޔާމީނަށް އިއްވާފައިވާ ސިޔާސީ ހުކުމާ ދެކޮޅަށް އަޑު އުފުލުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވި ޖަލްސާގައި ބައިވެރިވެ، ޝުއޫރު ފާޅު ކުރި މީހަކު ބުނީ ރައީސް ޔާމީން މިއަދު ޖަލުގައި އޮންނަވަން ޖެހޭ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އަދި ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި ބޭނުންކުރަން ޖެހޭ ތަކެތި ޖަލަށް ވެއްދުމުގެ ފުރުސަތު ރައީސް ޔާމީނަށް ނުދޭކަން ފާހަގަކޮށް، އެއީ އަނިޔާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ." ރައީސް ޔާމީން ޖަލަށް ލެވިފައި އެވަނީ ނުހައްގުން ކަމަށް އަޅުގަނޑު މިބުނަނީ އަޅުގަނޑުމެންނަށް ނުލާހިކު ރަނގަޅަށް ކަންތައްތައް ކުރައްވާފައިވާ ބޭފުޅެއް، ރައީސް ޔާމީން އަކީ. އެބޭފުޅާ ކުރެއްވި ހިދުމަތުގައި އަދިވެސް މިތިބީ. އަދި އިތުރަށް ކުރެވުނު އެއްވެސް ކަމެއް ނެތް" ރޭގެ ޖަލްސާގައި ވާހަކަ ދެއްކި އަންހެނަކު ބުންޏެވެ.ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި، ރޭ އިދިކޮޅުން ބޭއްވި ޖަލްސާގައި ޝުއޫރު ފާޅު ކުރި އިތުރު މީހަކު ބުނެފައިވަނީ ރައީސް ޔާމީނަކީ ދުނިޔޭގެ ނެތް ފެންވަރުގެ ލީޑަރެއް ކަމަށާއި، ރާއްޖޭގެ ތާރީހީ ފޮތްތަކުގައި ރަން އަކުރުން އެމަނިކުފާނުގެ ނަން ލިޔެވިގެންދާނެ ކަމަށެވެ. އެފަދަ ސަބަބުތަކަށް ޓަކައި އެމަނިކުފާނު މިނިވަން ކުރަން ޖެހޭ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. "ތިންވަނަ ފަހަރަށް ކީއްކުރަން، ހަވަނަ ފަހަރަށްވެސް ވެރިކަމަށް ގެންނަން ބޭނުންވަނީ ރައީސް ޔާމީން." އޭނާ ބުންޏެވެ.ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ނުހައްގުން ކުރި ދައުވާއެއް، އެމަނިކުފާނުގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައިގެން ކަމަށް ގިނަ ބަޔަކު ބުނާ ސަބަބުތަކުގެ ތެރޭގައި، ފުރިހަމަ ނުވެ އޮތް ތަހުގީގެއްގެ މައްޗަށް ބިނާކޮށް އެމަނިކުފާނަށް ދައުވާ ކުރުމާއި، އެމަނިކުފާނުގެ އެކައުންޓުގައި ހުރި ފައިސާ އަކީ ދައުލަތުގެ ފައިސާކަން ޔަގީން ނުކުރެވޭ ކަމަށް ޝަރީއަތުގެ މަޖިލީހުގައި އޭސީސީން ބުނުން ފަދަ ކަންކަން ހިމެނެއެވެ.ރޭގެ ޖަލްސާގައި ވާހަކަ ދެއްކި މީހަކު ބުނީ ރައީސް ޔާމީން ޖަލަށް ލާފައިވަނީ ކުށެއް ކޮށްގެން ކަމަށްވާނަމަ، އެކުށަކީ ރާއްޖޭގެ ސިއްހީ ނިޒާމް އިންޑިއާގެ އަޅުވެތިކަމުގެ ދަށުގައި އޮންނަ އޮތުން ނިމުމަކަށް ގެނައުމަށް މަސައްކަތް ކޮށްދެއްވުމާއި، ރާއްޖޭގެ އިގްތިސާދު މިނިވަން ކުރުމަށް މަސައްކަތް ކުރެއްވުމާއި، ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރެއްވުމެވެ. ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމްގެ އިސްތިއުނާފު އަޑުއެހުންތައް މިމަހުގެ 28 ގައި ވަނީ ފަށަން ނިންމައިފައެވެ. އެމަނިކުފާނު ޖަލަށް ލުމަށް ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 30ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ