ޝަހީމް ރާއްޖޭގެ ދާޚިލީ ކަންކަމަށް ފާޑުވިދާޅުވާ މައްސަލަ ބަލަނީ

އޮގަނައިޒޭޝަން އޮފް ދަ އިސްލާމިކް ކޮންފަރެންސް (އޯއައިސީ)ގެ ސެކްރެޓަރީ ޖެނަރަލްގެ އެޑްވައިޒަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރާއްޖޭގެ ދާޚިލީ ކަންކަމަށް ފާޑު ވިދާޅުވާ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
މަޖިލީހަށް މިމައްސަލަ ހުށަހަޅުއްވާފައިވަނީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައިދެއްވުމަށްފަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އަލީ އާޒިމް މިމައްސަލަ މަޖިލީހަށް ފޮނުއްވީ މިދިޔަ އޯގަސްޓް މަހުގެ ތެރޭގައި ކަމަށެވެ. އެހެންކަމުން މިމައްސަލަ މަޖިލީހުގެ ތަޅުމަށް ގެނައުން ލަސްވި ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
އަލީ އާޒިމް މަޖިލީހުގެ ރައީސްއަށް އެޑްރެސް ކުރައްވާ ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައިވަނީ ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އޯއައިސީގެ ސެކްރެޓަރީ ޖެނަރަލްގެ އެޑްވައިޒަރު ޑރ. ޝަހީމް ރާއްޖޭގެ ދާޚިލީ ކަންކަމަށް ފާޑުވިދާޅުވެ ވާހަކަދައްކަވަނީ އޯއައިސީގެ ސެކްރެޓަރީ ޖެނަރަލްގެ އެދިވަޑައިގަތުމަކަށްތޯ ބެއްލެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މިމައްސަލަ ބެލުމަށް ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއާ ހަވާލުކުރެވިފައިވާ ކަމަށްވެސް މަޖިލީހުގެ ރައީސް ވަނީ އިއުލާންކުރައްވާފަ އެވެ.
ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގެންދަވަނީ ރާއްޖެއިން ބޭރުގައި ހުންނަވައިގެން ސަރުކާރުގެ އެކިއެކި ސިޔާސަތުތަކަށް އެމަނިކުފާނުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކޮށްގެން ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ. މީގެއިތުރުން އަވަސް އޮންލައިންގައި އެމަނިކުފާނު ގެންދަވަނީ ސަރުކާރުގެ ސިޔާސަތުތަކަށާއި ބައެއް އެހެން މައްސަލަތަކުގައި އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތްތައް ގަވައިދުން ލިޔުއްވަމުންނެވެ.
ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަކީ އެމްޑީޕީގެ އިސް ބައެއް ބޭފުޅުންނާއި އާންމު ގިނަ މެންބަރުންގެ ފާޑުކިޔުން އަބަދުވެސް ވަރަށް ބޮޑަށް އަމާޒުވާ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ