އުތުރުން ބާނާ މަސް، ކޫއްޑޫއަށް ކިރުވާ ދޯނި ފަހަރަށް އިނާޔަތެއް ދޭން މިފްކޯއިން ނިންމައިފި

ރާއްޖޭގެ އުތުރުން މަސްބާނައިގެން ގއ. ކޫއްޑޫއަށް މަސްކިރުވަންދާ މަސްވެރިންނަށް އިނާޔަތެއް ދޭން މިފްކޯއިން ނިންމައިފިއެވެ.
''ވަން'' އަށް މައުލޫމާތު ދެއްވަމުން މިފްކޯގެ އޮޕަރޭޝަނަލް މެނޭޖަރު މުހައްމަދު ދީދީ މިއަދު ވިދާޅުވީ، ކޫއްޑޫއަށް މަސްކިރުވާ މަސްވެރިންނަށް އިނާޔަތެއް ދިނުމަށް މިފްކޯއިން ނިންމީ އުތުރުން މަސްވެރިން ބާނާ މަސް ފެލިވަރުން ކިރުވުމަށްފަހު ކޫއްޑޫއާއި ހިސާބަށް ފޮނުވުމަށްޓަކައި ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަސް ނަގާތީ، އެކަން ހައްލު ކުރުމުގެ ގޮތުން ކަމަށެވެ.
މުހައްމަދު ދީދީ ވިދާޅުވީ އެކަން ހައްލުކުރުމަށް، މަސް ބާނައި ބަރުކޮށްގެން އަންނަ އުޅަނދުފަހަރަށް އިނާޔާތެއް ދީގެން ސީދާ ކުއްޑޫއަށް ދިއުމުގެ އިންތިޒާމު ހަމަޖެއްސުމަށް މިފްކޯއިން މިހާރު ނިންމާފައިވާކަމަށެވެ.
އެގޮތުން މަސް ސްޓޯރުކުރާ ބޮޑެތި ކަލެކްޓަރުތައް ކޫއްޑޫއާއި ފެލިވަރާއި ދެމެދު ދަތުރުކުރުމަށް ކޮޅަކަށް 48 ގަޑިއިރު ނަގާކަމަށާއި އޭގެ ސަބަބުން ދަތުރުކުރުމަށް ދެ ދުވަސް ހޭދަވާ ކަމަށް ވިދާޅުވިއެވެ. އަދި އެސަބަބާއި ހެދި ފެލިވަރުގެ މަސް ކިރުވުމަށް ވެސް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް މުހައްމަދު ދީދީ ވިދާޅުވިއެވެ.
މިދުވަސްވަރު އުތުރުގެ މަސްވެރިކަން އާދަޔާ ހިލާފަށް ވަނީ ރަނގަޅުވެފައެވެ. އެހެން ނަމަވެސް ފެލިވަރުގައި އެކަށީގެންވާ ކެޕޭސިޓީ ނެތުމުން، ފެލިވަރުގެ އޮޕަރޭޝަން ފުޅާކުރުމުގެ ގޮތުން ކޫއްޑޫގައި ހުރި ބޯޓުފަހަރު ފެލިވަރަށް ގެންގޮސް މަސްވެރިންނަށް މަސްކިރުވޭނެ މަގު މިފްކޯއިން ފަހިކޮށްދީފައި ވެއެވެ.
މީގެއިތުރުން އުތުރުގެ މަސްވެރިކަން ރަނގަޅުވުމުން ފެލިވަރުގެ ބަނދަރަށް އޮޑިދޯނިފަހަރުގެ ކިއު ދިގުވާންފެށުމާއެކު މިފްކޯއިން ވަނީ ށ. ކީކިމިނީގައި ތަރައްގީކޮށްފައިވާ މަސް ސްޓޯރޭޖް އޮޕަރޭޝަނަށް ގެންނާނެކަމަށްވެސް ބުނެފައެވެ.
ނަމަވެސް މުހައްމަދު ދީދީ ވިދާޅުވީ ކީކިމިނީ ސްޓޯރޭޖް މިވަގުތު ހުރީ ތައްޔާރަށް ކަމަށާއި މި ސްޓޯރޭޖްގެ އަމަލީ މަސައްކަތް ނުފެށި ލަސްވަނީ ސްޓޯރޭޖްގެ ފްރީޒިން ޓޭންކް ހަދަމުންދާތީ ކަމަށެވެ. އޭނާ ވިދާޅުވީ މި ޓޭންކްގެ މަސައްކަތް ނިންމުމަށް ދެމަސް ދުވަސް ނަގާނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ