ވައިގެ ތެރޭގައި ހުރި ވިހަ މާއްދާތަކުގެ އަސަރު ނުރައްކާތެރިއެއް ނޫން

މިދިޔަ ހުކުރު ދުވަހުގެ ރޭ ހެންވޭރު އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާ ހިނގި ސަރަހައްދުގެ ވައިގެ ތެރޭގައި ވިހަ މާއްދާތައް ނުރައްކާތެރި މިންވަރަކަށް ނެތް ކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.
ހެންވޭރު އަބަދަށްފެހި މަގުގައި ހުކުރު ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ކެމިކަލް ރައްކާކޮށްފައިވާ ހުރި ގުދަންތަކެއް އަނދާ ހުލިވެފައިވެ އެވެ. އެ އިމާރާތްތައް ސާފުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު، އެ ސަރަހައްދުގައި ވިހަ ދުމުގެ އަސަރު އަދިވެސް އެބަހުއްޓެވެ.
އެކަމާ ގުޅިގެން އީޕީއޭ އިން ކުރި ޓެސްޓުތަކަށްފަހު މިއަދު ބުނީ ހާދިސާ ހިނގި ސަރަހައްދުގެ ވައިގެ ތެރޭގައި ކާބަން މޮނޮކްސައިޑް، ނައިޓްރޮޖެން ޑައިއޮކްސައިޑްގެ އިތުރުން ސަލްފާ ޑައިއޮކްސައިޑްގެ އަސަރު ހުރި ކަމަށެވެ. ނަމަވެސް އެ ވިހަ މާއްދާތައް ނުރައްކާތެރި މިންވަރަކަށްނެތް ކަމަށް އީޕީއޭ އިން ބުންޏެވެ.
ނަމަވެސް، އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ އިތުރުން ސާފު ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ވެސް މާސްކް ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އީޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
އޭގެ އިތުރުން، އެތަނުން އެރި ވިހަ ދުމުގެ އަސަރު ވާރޭ ފެނަށް ކޮށްފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެ ކަންބޮޑުވުންތަކާ ގުޅިގެން އެމްއެފްޑީއޭ އިން އިއްޔެ ބުނީ މާލެއަށް ވެހުނު ވާރޭ ފެން ޓެސްޓު ކޮށްފައިވާ ކަމަށާއި، އެ ފެނުން އެސިޑުގެ އެއްވެސް އަސަރެއް ފެނިފައި ނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ