އޮޑިޓް 2019: ޑްރަގް އެޖެންސީން ބީލަން ދިނީ ވަކި ބަޔަކަށް މަންފާވާ ގޮތަށް!

ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގާ ނޭޝަނަލް ޑްރަގް އެޖެންސީން ގދ. ތިނަދޫގައި ގާއިމްކޮށްފައިވާ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރަށް ބޭނުންވާ ތަކެތި ގަތުމުގައި ވަކި ބަޔަކަށް މަންފާ ލިބޭ ގޮތަށް އަމަލުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.
އޮޑިޓާ ޖެނެރަލް އޮފީހުން މިއަދު އާންމު ކުރި 2019 ވަނަ އަހަރުގެ ޖެންޑާ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި ނޭޝަނަލް ޑްރަގް އެޖެންސީން 2019 ވަނަ އަހަރުގައި ގދ. ތިނަދޫގައި ގާއިމު ކޮށްފައި ވާ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރަށް ބޭނުންވާ ބައެއް ތަކެތި ގަތުމަށް ކުރި އިއުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބުނު ފަރާތަށް ބީލަން ހުށަހަޅާފައި ވާ ކަމަށް ދައްކައެވެ. އެންމެ މަތިން ހުށަހަޅާފައިވާ ބީލަމުގެ އަގަކީ 328،770 ރުފިޔާ ކަަމަށް އެ ރިޕޯޓުގައި ބުނެއެވެ.
ޖުމްލަ ހަތަރު ފަރާތަކުން ބީލަން ހުށަހަޅާފައި ވާއިރު އެންމެ މަތިން ހުށަހެޅި އަގާއި އެންމެ ކުޑަ އަގާ އަޅާ ބަލާއިރު ޖުމްލަ 140،643 ރުފިޔާގެ ފަރަގެއް ހުރި ކަމަށް އެ ރިޕޯޓުގައި ބުނެއެވެ. ކަން މިހެން އޮތް އިރު އެންމެ މަތިން އަގު ހުށަހެޅި ފަރާތަށް ޕޮއިންޓް މަތިން ދީފައި ވަނީ އެއް ދުވަހުގެ މުއްދަތެއްގެ ތެރޭގައި ތަކެތި ހަވާލު ކުރާނެ ކަމަށް ބުނެފައި ވާތީ ކަމަށް އޮޑިޓުގައި ފާހަގަކޮށްފައި ވެއެވެ. ބިޑް އިވެލުއޭޓް ކުރުމުގައި މުއްދަތަށް 30 މާކްސް ހުށަހަޅާފައި ވާ ކަމަށް ވެސް ފާހަގަކޮށްފައި ވެއެވެ. އަދި ހޮވުނު ފަރާތަށް މަސައްކަތް ހަވާލުކޮށް އެއްބަސްވުމެއްގައި ސޮއި ކޮށްފައި ވަނީ އެއް މަސް ފަހުން ކަމަށް ވެސް އޮޑިޓުގައި ބުނެއެވެ.
ނޭޝަނަލް ޑްރަގް އެޖެންސީން ގަތުމަށް އިއުލާން ކޮށްފައިވާ ތަކެއްޗަކީ އަދަދުގެ ގޮތުން ގިނަ އަދި ވަކި ޝަރުތުތަކެއް އެކުލެވޭ ތަކެތި ކަމަށްވާ އިރު އާންމު އުސޫލެއްގެ ގޮތުން އެއް ދުވަސް ތެރޭގައި ހޯދަން އިއުލާން ކޮށްފައިވާ ހުރިހާ ތަކެތި ފޯރުކޮށް ދިނުމަކީ އާންމު ބުއްދީގެ ހަމަތަކުން ބަލާ ނަމަ ގަބޫލުކުރަން ދަތި ކަމެއް ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެއެވެ. ހަމައެއާއެކު އެއް މަސް ފަހުން ހޮވުނު ފަރާތާ އެކު އެއްބަސްވުން ހަދާފައި ވުމަކީ ތަކެތި ހޯދުމަށް ދިގު މުއްދަތެއް ލިބިގެން ގޮސްފައިވާ ކަމެއް ކަމަށާއި މިއީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފަށް ހިންގާފައިވާ އަމަލެއް ކަމުގައި ވެސް އެ ރިޕޯޓުގައި ބުނެއެވެ.
މީގެ އިތުރުން ވެސް 2019 ވަނަ އަހަރުގައި މިފަދަ އިތުރު މައްސަލަތައް ހުރިކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައި ވެއެވެ. އަދި މި މައްސަލަތަކުގައި އެއްބަސްވުން ހަދާފައި ވަނީ ލަހުން ކަން ފާހަގަކޮށް ބީލަން ކާމިޔާބު ކުރާ ފަރަތަށް އިތުރު ދުވަސް ލިބުމަށް މަގުފަހި ވެފައިވާ ކަން ފާހަގަކޮށްފައި ވެއެވެ. އެހެންކަމުން ނޭޝަނަލް ޑްރަގް އެޖެންސީން އަމަލުކޮށްފައި ވަނީ ދައުލަތުގެ ފައިސާ ހޭދަކޮށްގެން ތަކެތި ހޯދާ އިރު ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި އަމަލު ކުރަން ބަޔާންކޮށްފައިވާ ހަމަހަމަ ކަމާއި، ވާދަވެރި އަދި އިގްތިސޯދީ ގޮތުން އެންމެ ފައިދާ ހުރި ގޮތާ ހިލާފަށް ވަކި ފަރާތަކަށް މަންފާ ލިބޭ ގޮތަށް ކަަމަށް އޮޑިޓް ރިޕޯޓުގައި ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ