އެވަޓަންގެ ފުރަތަމަ ބަލި، އުފާފާޅުކުރީ އާސެނަލް ސަޕޯޓަރުން

އެވަޓަން ފުރަތަމަ ފަހަރަށް މި ސީޒަންގެ ޕްރިމިއާ ލީގުގައި ބަލިވީ މިރޭ ސައުތުހޭމްޓަންއާ ދެކޮޅަށް ކުޅެގެންނެވެ. އެ މެޗުން އެވަޓަން 2-0ގެ ނަތީޖާއަކުން ބަލިވުމާއެކު ހަމައެކަނި އުފާފާޅުކުރީ ސައުތުހެމްޓަންގެ ސަޕޯޓަރުން އެކަންޏެއް ނޫނެވެ. އާސެނަލްގެ ސަޕޯޓަރުންނަށްވެސް އެ ނަތީޖާ ހާއްސަވިއެވެ. އެއީ އެވަޓަންގެ ބައްޔާއެކު މި ސީޒަންގެ ލީގުގައި މިހާރު ހުރިހާ ކްލަބަކުންވެސް ބައްޔެއް ވުމުން، އާސެނަލްގެ އިންވިންސިބަލްސް ރެކޯޑު އެހެން ކްލަބަކަށް މި ސީޒަންގައިވެސް މުގުރާ ނުލެވޭނެކަން ޔަގީންވުމުންނެވެ.
އާސެނަލްގެ ލެޖެންޑަރީ ކޯޗު އާސެން ވެންގާއާއެކު 2003-04 ވަނަ އަހަރުގެ ސީޒަންގެ ލީގު އާސެނަލުން ކާމިޔާބުކުރީ މެޗަކުން ބަލިނުވެއެވެ. އެއީ ޕްރިމިއާ ލީގުގެ އެރާގައި ޓީމަކުން އެކަންކުރި ފުރަތަމަ ފަހަރެވެ. އާސެނަލްގެ ކުރިން، އިނގިރޭސި ފުރަތަމަ ޑިވިޝަން ރީ ބްރޭންޑް ކުރުމުގެ ކުރިން އެކަން ކުރި ހަމައެކަނި ޓީމަކީ ޕްރިސްޓަން ނޯތު އެންޑެވެ. އެ ކްލަބުން ބަލިނުވެ އިނގިރޭސި ފުރަތަމަ ޑިވިޝަން ނެގީ 1888-89 ވަނަ އަހަރުގެ ސީޒަންގައެވެ.
އެވަޓަން ބަލިވުމާއެކު އާސެނަލްގެ ސަޕޯޓަރުން ވަނީ މުޅި މީސް މީޑިއާގައި "ހެޕީ އިންވިންސިބަލްސް ޑޭ" ގެ ޕޯސްޓްތައް ކޮށް، އެ ކްލަބުގެ ތާރީހީ ކާމިޔާބީގެ އުފާފާޅުކޮށްފައެވެ. ގިނަ ސަޕޯޓަރުން ބުނެފައިވަނީ 38 ހަފުތާގެ ލީގެއްގައި ހަ ހަފުތާއިން ހުރިހާ ޓީމަކުންވެސް ބައްޔާ ކުރިމަތިލާން ޖެހުމުން އެނގިގެން ދަނީ އާސެނަލުން 2003-04 ސީޒަނުގައި ހޯދި ކާމިޔާބީއަކީ އެންމެ ތާރީހީ، އަދި އެންމެ އުނދަގޫ އެއް ކާމިޔާބީ ކަމަށެވެ.
އާސެނަލުން އެފަހަރު ލީގުގައި ބަލިނުވެ 49 މެޗު ހަމަކުރި އިރު، އަނެއް ސީޒަނުގައި އާސެނަލްގެ ރެކޯޑަށް ނިމުން ގެނައީ މެންޗެސްޓާ ޔުނައިޓެޑުންނެވެ. އެ މެޗުގައި 2-0ގެ ނަތީޖާއަކުން ޔުނައިޓެޑް މޮޅުވި އިރު، ދެ ގޯލް ޖެހީ ވޭން ރޫނީއާއި ރޫދުވާން ނެސްތުރޫއީއެވެ. އާސެނަލްގެ އިންވިންސިބަލްސް ރެކޯޑާ ޗެލްސީ އަދި ލިވަޕޫލްގެ އިތުރުން ސިޓީވެސް ގާތް ކުރިއެވެ. މިދިޔަ ސީޒަނުގައި ލިވަޕޫލުން ލީގު ހޯދި އިރު، ބަލިވީ އެންމެ މެޗަކުންނެވެ. އޭގެ ކުރިން 2004-05 ވަނަ އަހަރުގެ ލީގު ޗެލްސީން ކާމިޔާބުކުރީވެސް އެއް މެޗުން ބަލިވެގެންނެވެ. ސިޓީ 2017-18 ސީޒަންގައި ދެ މެޗުން ބަލިވި އިރު، ލެސްޓާއިން އޭގެ ކުރީ ސީޒަންގެ ލީގު ނެގިއިރު ބަލިވީ އެންމެ ތިން މެޗުންނެވެ.
މިރޭ އެވަޓަން ކޮޅަށް ސައުތުހޭމްޓަންގެ ގޯލްތައް ޖަހައިދިނީ ވާޑްޕްރޯސްގެ އިތުރުން ޗާ އެޑަމްސްއެވެ. މެޗުގައި އެވަޓަންގެ ލޫކަސް ޑީނިއާއަށް ވަނީ ރަތް ކާޑުވެސް ދައްކައިފައެވެ. ލީގު ތާވަލުގެ ދެވަނައިގައި އެވަޓަން އޮތް އިރު، ސައުތުހޭމްޓަން ވަނީ ފަސްވަނައަށް ޖެހިލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ