އިމްރާން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ވައްދައިފި.

11 މެންބަރުންގެ ސޮޔާއެކު ހޯމްމިނިސްޓަރ އިމްރާން އަބްދުﷲ ވަކިކރުމުގެ މައްސަލަ މިއަދު ރައްޔިތުންގެ މަޖިލީހަށް ވައްދައިފިއެވެ.
މިމައްސަލަ މަޖިލީހަށް ވައްދާފައިވަނީ އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ ފަރާތުންނެވެ.
އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށް ސޮއި ކުރެއްވި 11 މެންބަރުންގެ ތެރޭގައި ޕީޕީއެމް/ ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އަމިއްލަ ދެ މެމްބަރުން ކަމަށްވާ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އާއި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމްހިމެނެ އެވެ.
އިމްރާން ވަކިކުރުމަށް ހުށަހަޅާ މައްސަލައިގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމާއި ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލުމާބެހޭ ލިޔެކިޔުމާއި ހެކިތައް ފުލުހުން ގެންގޮސްފައިވާ ކަމަށާއި އެ ލިޔެކިޔުމާއި ހެކިތައް އެގެންދިޔަ ފުލުހުންނަށް އެނގޭނެ ކަމަށް އިމްރާން ވިދާޅުވެފައިވާ ކަމަށެވެ.
ނަމަވެސް އޭގެ ފަހުން ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި އަފްރާޝީމް އަލީ އާއި ރިލްވާންގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބަޔާންކުރި ލިޔެކިޔުންތަކާއި ހެކިތައް ފުލުހުން ގެންދިޔަ ކަމަށް ވިދާޅުވެފައިވާ ލިޔެކިޔުންތަކާއި ހެކިތަކަކީ އަސްލު އެއްޗެއް ނޫން ކަމަށް އިމްރާން ވިދާޅުވެފައިވުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށް ބުނެފައިވެ އެވެ.
އޭގެ އިތުރުން ހުޅުމާލެ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ކެންޔާގެ އަންހެނަކު ޖިންސީ ގޯނާ އަދި ރޭޕްކުރަން އުޅުމުގެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި ފުލުހުންނަށް ހުށަހަޅާފައިވާ ދަނޑިވަޅޭއްގައި އަދި އެ އަންހެން މީހާގެ ފަރާތުން ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާއިރު ސަފާރީގައި ހިނގާދިޔައީ ރޭޕެއް ނޫން ކަމަށް އިމްރާން ވިދާޅުވި މައްސަލަ ފާހަގަކޮށްފައިވެ އެވެ.
އެގޮތުން އެ މޭރުމުން އިމްރާން ވާހަކަދެއްކެވުމަކީ ހޯމް މިނިސްޓްރީއާ ހަވާލުވެ ހުންނެވި ވަޒީރުގެ ހައިސިއްޔަތުން އޭނާގެ ގާބިލުކަމާއި ޒިންމާދާރުކަމާމެދު ސުވާލު އުފެދޭ އަދި އެކަމުގެ ސަބަބުން ތަހުގީގު ކުރެވެމުންދާ މައްސަލައަކަށް މިނިސްޓަރު ނުފޫޒު ފޯރުވުން ކަމަށްވާތީ އަދި އެއްވެސް މައްސަލައެއް ކުޑަ ބޮޑުމިން ކަނޑައެޅުމަކީ މިނިސްޓަރަށް ލިބިގެންވާ ބާރަކަށް ނުވާތީ އާއި މިވާހަކަތަކުގެ ސަބަބުން އަންހެނުންނަށް ކުރެވޭ އެފަދަ އަނިޔާތަކަށް މިނިސްޓަރު އިމްރާން މަގާމުގައި ހުންނެވުމުން އިންސާފު ލިބޭނެ ކަމުގެ އުންމީދެއް ނެތް ކަމަށް ދޭހަވާ ކަމަށް މައްސަލައިގައި ބުނެފައިވެ އެވެ.
މައްސަލައިގައި އިތުރަށް ބުނީ، ހޯމް މިނިސްޓަރުކަމުގެ މަގާމުގައި ހުންނަވައިގެން އެފަދަ ދަށުދަރަޖައިގެ ކަންކަންކުރެއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ދިވެހިރާއްޖޭގައި އަދުލު އިންސާފު ގާއިމްކުރުމާއި ގާނޫނު ނަގަހައްޓާ ތަންފީޒު ކުރުމުގެ ޒިންމާ އުފުލައްވާ ވަޒީރުގެ ގާބިލްކަމާއި ތެދުވެރިކަމާއި އިހުލާސްތެރިކަމާމެދު ސުވާލު އުފެދޭތީ ކަމަށް ބުނެފައިވެ އެވެ.
“އެކަންކަމުގެ ސަބަބުން ހަމަހަމަކަމާއެކު އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ގަބޫލުކުރެވޭތީ އާއި ގާނޫނު އަސާސީގެ 132 ވަނަ މާއްދާގެ ދަށުން ވަޒީރުކަމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާނުކުރެވޭތީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 101 ވަނަ މާއްދާ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 207 ވަނަ މާއްދާގެ ދަށުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަމެވެ،” މައްސަލައިގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ