ގުދުރަތީ ރީތިކަން އެންމެ ބޮޑު އެއް އަތޮޅަކީ އައްޑޫ: ނަޝީދު

ގުދުރަތީ ރީތިކަން އެންމެ ބޮޑު އެއް އަތޮޅަކީ އައްޑޫ ސިޓީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ޓޫރިޒަމްގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސް މަރުހަލާގެ ތެރެއިން ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން ގުދުރަތީ ރީތިކަން އެންމެ ބޮޑު އެއް އަތޮޅަކީ އައްޑޫ ކަމަށާއި އައްޑޫގެ ގުދުރަތީ އުފެދުން، ރާއްޖޭގެ އެހެން ހުރިހާ ރަށަކާއި ތަފާތު ވާނެ ކަމަށެވެ.
އަދި ރާއްޖޭގައި މިހާތަނަށް ވިއްކަމުން އަންނަނީ ދޮންވެލި ގޮނޑުތައްކަން ފާހަގަ ކުރައްވަމުން، ނަޝީދު ވަނީ ގުދުރަތީ ރީތި ކަމުގެ ބޭނުން ފަތުރުވެރިންނަށް ހިފިފައިނުވާ ކަމަށްވެސް ވިދާޅުވެފައެވެ.
"ގިފިލިދޮށް އަޅުގަނޑުމެން ނުވިއްކާ. ބެކްގާޑަން އަޅުގަނޑުމެން ނުވިއްކާ. އަޅުގަނޑުމެންގެ ގަސްގަހާ ގެއްސާއި، އަޅުގަނޑުމެންގެ ފަތްޕިލާވެއްޔާއި، އަޅުގަނޑުމެންގެ މާމެލާވެއްޔާއި، އަޅުގަނޑުމެންގެ ދޫނި ސޫފާ ސޫފި، އެއީ ގުދުރަތީ ގޮތުން މީހުން ޝައުގުވެރިވާ ކަންކަން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ސާފުވޭ" ނަޝީދު ވިދާޅުވިއެވެ.
ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ޓޫރިޒަމް ކުރިއަށްގެންދަނީ އެ އުސޫލުން ކަމަށާއި، އެގޮތުން މިއަދުވެސް ސާވޭއެއް ހެދުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން އެންމެން އަންނަނީ އަބަދު ދޮންވެލި މަތީގައި އޯށިވެ ތިބެން ނޫންކަން ސާފުވާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
"ގުދުރަތީ ރީތި ކަމަކީ އެކި މީހުނަށް އެކި ގޮތަށް ހުންނަ ކަންތައް. އެ ގުދުރަތީ ރީތިކަން އަޅުގަނޑުމެން ތައާރަފް ކުރުމާ. އަމާޒު ކޮށްދިނުމާ. ވިއްކުމާ. އެއީ އަޅުގަނޑުމެން އަމިއްލައަށް ކުރަންޖެހޭ ކަމެއް" ނަޝީދު ވިދާޅުވިއެވެ.
އަދި އައްޑޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީ ކޮށްގެން، މުޅި ރާއްޖެއަށް މަންފާ ލިބޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ