ހިތަދޫ ހޮސްޕިޓަލަށް ބައެއް ބަދަލުތައް ގެންނަން ނިންމައި، މަސައްކަތް ކުރާނެ ފަރާތެއް ހޯދަނީ

ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ބައެއް ބަދަލު ގެންނަން ނިންމައި އެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކުންފުނިން އިއުލާންކޮށްފި އެވެ.
މިދިޔަ އަންގާރަ ދުވަހު އެ ކުންފުނިން ނެރެފައިވާ އިއުލާނުގައި ބުނެފައި ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އިމާރާތުގެ ބައެއް ތަންތަނަށް ބަދަލު ގެނައުމާއި ޕޯޓިކޯ ހެދުމުގެ މަސައްކަތް ކުރަން ބޭނުން ވާތީ އެ މަސައްކަތްތައް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މާދަމާ އެ ކުންފުންޏަށް ސިޓީ ފޮނުވަން ޖެހޭ ކަމަށެވެ.
އެޗްއެސްސީން ބުނިގޮތުގައި ހޮސްޕިޓަލުގެ އިމާރާތުގެ ފެންވަރު މިހާރަށް ވުރެ ރަނގަޅު ކުރުމަށާއި ހިދުމަތްތައް ފުޅާކުރުމަށް ކުރިއަށް ގެންދަން ނިންމައިފައިވާ މި މަޝްރޫއާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް އަންނަ މަހުގެ 6 ގައި ޕްރީ ބިޑް މީޓިން ބާއްވައި ބީލަން ހުށަހެޅުމުގެ މުއްދަތު މާޗު 10 ވަނަ ދުވަހާ ހަމައަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ.
ނޮވެންބަރު ،1 2010 އިން ފެށިގެން ފުވައްމުލަކާއި އައްޑޫ ސިޓީގެ ސިއްހީ ހިދުމަތް ދޭ ތަންތަން އެޗްއެސްސީގެ ދަށުން ހިންގަމުން އަންނަ އިރު، ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ތަރައްގީ ކުރުމަށް ކުރިއަށް މި ގެންދާ މި މަޝްރޫއު ޓެންޑާ އުސޫލުން ބަޔަކާ ހަވާލުކުރާ އިރު ބައެއް ކަންތައްތަކަށް އިސްކަން ދޭނެ ކަމަށް އެ ކުންފުނިން ބުނެފައި ވެ އެވެ.
އެޗްއެސްސީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ރަޝީދު މިއަދު ވިދާޅުވީ ހަ މަސް ދުވަހުގެ ތެރޭގައި ނިންމޭނެ ކަމަށް ޓާގެޓްކޮށްގެން ހޮސްޕިޓަލް ތަރައްގީ ކުރުމަށް ކުރިއަށް މި ގެންދާ މަޝްރޫއުގެ ދަށުން 50 އެނދުގެ ހޮސްޕިޓަލުގެ އައިސީޔޫ އާއި އިމަޖެންސީ ރޫމު އިތުރަށް ތަރައްގީ ކުރުން ހިމެނޭ ކަމަށެވެ. އެގޮތުން މިހާރު އައިސީޔޫގެ ހިދުމަތް ދެމުން އަންނަ ތަން އެހެން ދިމާލަކަށް ބަދަލުކޮށް އެތަނުގެ ޖާގަ ދޭކުން ފަހަކަށް އިތުރުވެގެން ދާނެ ކަމަށެވެ. އަދި އިމަޖެންސީ ރޫމުގެ ޖާގަ ވެސް ދޭކުން އަށަކަށް ބަދަލު ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ހޮސްޕިޓަލުގެ ކުރިމަތި ބަދަލުކޮށް، އެ ތަނުގެ ރިސެޕްޝަން އޭރިއާ އަށް ވެސް ބަދަލުތަކެއް ގެނެސް ސެކިއުރިޓީ އަށް ހާއްސަކޮށްގެން މަސައްކަތްތަކެއް ކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. މީގެއިތުރުން ވެސް ހޮސްޕިޓަލުގެ އެތެރޭގައި ފާމަސީއެއް ހެދުމުގެ މަސައްކަތް ވެސް ކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. ފާމަސީ ހެދުމުގެ މަސައްކަތް ސީދާ ކޯޕަރޭޝަންގެ ފަރާތުން މިހާރު ކުރަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ