ބިގަށް ފައިސާ ދޭން ޖެހުމުގެ ޒިންމާ ނަގަން ޖެހޭނީ އެމްއެންބީސީގެ ޑިރެކްޓަރުން: ރިއްފަތު

ދައުލަތުގެ މީޑިއާ ކުރިން ހިންގި މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގް ކޯޕަރޭޝަން (އެމްއެންބީސީ) އިން ބިޒްނަސް އިމޭޖް ގްރޫޕު (ބިގް) އަށް 78 މިލިއަން ރުފިޔާ ދައްކަން ޖެހުނު މައްސަލާގައި ޒިންމާ ނަގަން ޖެހޭނީ އޭރު އެމްއެންބީސީގެ ޑިރެކްޓަރުންގެ ބޯޑުން ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެ އެވެ.
ބިގާއެކު ވެފައިވާ އެއްބަސްވުމެއްގެ ސަބަބުން ގިނަ އަދަދެއްގެ ފައިސާ ދައްކަން ސިވިލް ކޯޓުން ހުކުމް ކުރީ ޖޫން 7 2016 ގައެވެ. އެ މައްސަލާގައި އެޓާނީ ޖެނެރަލް ރިއްފަތާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާ ސުވާލު ކުރުމަށް މިއަދު ހެނދުނު އޮތް މަޖިލިހުގެ ޖަލްސާއަށް ވަނީ ހާޒިރުކޮށްފަ އެވެ. އެ ދެބޭފުޅުންނާ ސުވާލުކުރަން އެދުނީ ކާށިދޫ ދާއިރާގެ މެމްބަރި އަބްދުﷲ ޖާބިރެވެ.
މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރިއްފަތު ވިދާޅުވެފައި ވަނީ ދައުލަތަށް ދައުވާ ލިބުނު މައްސަލައެއް ނޫން ކަމަށާއި އެހެންވެ އެ މައްސަލައަކީ ދައުލަތުން އިސްތިއުނާފް ކުރަން ޖެހޭ މައްސަލައެއް ނޫން ކަމަށެވެ. ރިއްފަތު ވިދާޅުވީ ދައުލަތުގެ މީޑިއާ ހިންގާ ކުންފުންޏަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ގާނޫނީ ބާރު އޮތް ވަކި ގާނޫނީ ޝަހުސެއް ކަމަށެވެ.
"އެ ކުންފުނިތައް ޝަރީއަތުގެ މަޖިލިހުގައި ތަމްސީލް ކުރަން ޖެހޭނީ އެޓާނީ ޖެނެރަލްގެ އޮފީހަކުން ނޫން،" ރިއްފަތު ވިދާޅުވި އެވެ.
އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރިއްފަތު ވިދާޅުވީ އެ މައްސަލަ ކޯޓުގައި ހިނގަމުން ދިޔައިރު، އެމްއެންބީސީގެ ފަރާތުން ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެފައި ނުވާ ކަމަށާއި ހުކުމް ކުރީ ވެސް އެމްއެންބީސީގެ ގައިރު ހާޒިރުގައި ކަމަށެވެ.
އެކަމުގައި އެމްއެންބީސީގެ އޭރުގެ ޑިރެކްޓަރުންގެ ބޯޑުން ޒިންމާ ނަގަން ޖެހޭނެ ކަމަށް ރިއްފަތު ވިދާޅުވި އެވެ.
"މައްސަލަ ކުރިއަށް ދިޔައިރު، އެމްއެންބީސީ އަށް ޗިޓު ފޮނުވި ކޯޓަށް ހާޒިރުވާން. އެކަމަކު ކޯޓަށް ހާޒިރުވެފައެއް ނުވޭ. ހުކުމް ކުރީ ކޯޓުގައި އަމަލުކުރާ ގަވައިދުގެ މަތިން އިއުލާނުކޮށްގެން ވެސް އެފަރާތުން ކޯޓަށް ހާޒިރުނުވީމަ، އެމްއެންބީސީގެ ގައިރު ހާޒިރުގައި،" ރިއްފަތު ހާމަކުރެއްވި އެވެ.
އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްގެ ސުވާލަކަށް ޖަވާބު ދެއްވަމުން ރިއްފަތު ވިދާޅުވީ އެ މައްސަލާގައި ހުކުމް ކުރިއިރު އެޓާނީ ޖެނެރަލަކީ މުހައްމަދު އަނިލް ކަމަށެވެ. އެ މައްސަލައަކީ ދައުލަތަށް ދައުވާ ލިބުނު މައްސަލައެއް ނޫން ނަމަވެސް، އެމްއެންބީސީން ލަފާ ހޯދުމުން، ބިގަށް އެ ފައިސާ ދޭން އޭރުގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހްމަދު އުޝާމް ވަނީ އެޓާނީ ޖެނެރަލް އޮފީހުގެ ސިޓީގައި ސޮއިކުރައްވާފަ އެވެ.
އޭގެ އިތުރުން މި މައްސަލާގައި އެމްއެންބީސީން ކޯޓަށް ހާޒިރުވެފައި ނުވާތީ ކުރީގެ ސަރުކާރުން އެއްވެސް ފިޔަވަޅެއް އެޅިކަމުގެ ލިޔެކިޔުމެއް ނެތް ކަމަށް ރިއްފަތު ފާހަގަކުރެއްވި އެވެ. ބިގަށް ފައިސާ ދޭން ހުކުމް ކުރިއިރު، އޮތީ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރެވެ.
މިއަދު ރިއްފަތާއި އިކޮނޮމިކް މިނިސްޓަރު މަޖިލިހަށް ހާޒިރު ކުރިއިރު، މިއީ 19 ވަނަ މަޖިލީހުގައި މިނިސްޓަރުން ހާޒިރުކޮށް ސުވާލުކުރާ ފުރަތަމަ ފަހަރެވެ.
ބިގު ކުންފުންޏަށް ދިނުމަށް ސިވިލް ކޯޓުން ހުކުމްކުރި ފައިސާގެ ތެރެއިން 30 މިލިއަން ރުފިޔާ މިހާރު ވަނީ ދީފައެވެ. ބިގަށް ފައިސާ ދިނުމަށް ހުކުމްކުރީ އެމްއެންބީސީއާ އެކު ވެފައި އޮތް އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ލިބެން ޖެހޭ ފަސް މިލިއަން ރުފިޔާ ނުލިބި އޮތުމުންނެވެ. އެ އަދަދު 78 މިލިއަން ރުފިޔާ އަށް އިތުރުވީ ފައިސާ ނުދައްކާ ގިނަ ދުވަސްވުމުން ޖޫރިމަނާ އެރުމުގެ ސަބަބުންނެވެ.
ރައީސް އޮފީހުގެ ކޮމިޔުނިކޭޝަން ސެކްރެޓަރީ ހަސަން އިސްމާއިލްގެ 90 ޕަސެންޓް ހިއްސާ އޮންނަ ބިގާ އެކު އެމްއެންބީސީން މާޗު 7، 2010 ގައި ވީ އެއްބަސްވުމުގެ ދަށުން، އެމްއެންބީސީއަށް އިސްތިހާރުތަކުން ލިބޭ އާމްދަނީން ފަސް ޕަސެންޓްގެ ކޮމިޝަނެއް ބިގަށް ދޭން ޖެހެ އެވެ.
އެކަމަކު އޭރުގެ އޮޑިޓަ ޖެނެރަލް ނިިޔާޒު އިބްރާހިމް 2014 ގައި ނެރުއްވި އޮޑިޓް ރިޕޯޓެއްގައި ބުނެފައި ވަނީ ބިގުން އެއްވެސް މަސައްކަތެއްނުކޮށް، ޓީވީއެމް އާއި ދިވެހިރާއްޖޭގެ އަޑުން ފޮނުވާ އިއުލާން ފަދަ އެއްޗެހިން ލިބޭ އާމްދަނީން ކޮމިޝަނެއް ދޭން ނުޖެހޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ