ހެލްތް މިނިސްޓަރު ކުރައްވާ މަސައްކަތްފުޅަކީ ކޮބައިކަމެއް ނޭނގޭ - ޑރ.ޑީޑީ

ސިއްހީ ދާއިރާ ބޮއްސުންލާފައިވާ އިރު ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ކުރައްވާ މަސައްކަތެއް ނޭނގޭކަމަށް ވިދާޅުވެ ކުރީގެ ފިޝަރީސް މިނިސްޓަރ އަދި އެމްޑީޕީގެ ހެލްތް ކޮމިޓީގެ ޗެއާމަން ޑރ.އިބްރާހިމް ދީދީ (ޑރ.ޑީޑީ) ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
"ސަންގް ޓީވީ" ގެ ޕްރޮގްރާމެއްގައި މިރޭ ވާހަކަފުޅު ދައްކަވަމުން ޑީޑީ ވިދާޅުވީ ސިއްހީ ދާއިރާއަށް ދިމާވެފައިވާ މައްސަލަތައް އެނގިވަޑައިގަންނަވާ ބޭފުޅަކު ހެލްތު މިނިސްޓްރީގެ ސިޔާސަތުތައް ކަނޑައަޅާ ލެވަލްގައި ނުވެސް ނެތް ކަމަށެވެ.
"ދެން ބައެއް ބޭފުޅުން ވިދާޅުވާނެ ކޮންމެވެސް މަސައްކަތެއް ބަޔަކާއި ހަވާލުކޮށްފި. ކޮންމެ ވެސް ސިއްހީ މަރުކަޒެއް ހޮސްޕިޓަލަށް ބަދަލު ކުރަން އެއްބަސްވެއްޖެ. މިއީ އެއް ނޫން ރައްޔިތުން އުއްމީދު ކުރާ ކަންކަމަކީ. އައިޖީއެމްއެޗްގެ އާއިމާރާތް ނުހުޅުވި ލަސްވާ މައްސަލައިގައި ހެލްތު މިނިސްޓަރާއި ސުވާލު ކުރުމުން މިވިދާޅުވަނީ ތިމަންނަ އާއި ބެހޭ ކަމެއް ނޫނޭ. ސިޔާސީ ގޮތުން ބަލާއިރު އެއީ އެމަނިކުފާނަށް ދެންނެވިދާނެ ޖަވާބެއް ނޫން." ޑީޑީ ވިދާޅުވިއެވެ.
މިހާރު ވެސް މާލެ އާއި ހުޅުމާލޭގައި ރޯގާތައް ފެތުރެމުންދާ އިރު އެއްވެސް މަސައްކަތެއް ކުރެވޭތަނެއް ނުފެންނަ ކަމަށް ޑީޑީ ވިދާޅުވިއެވެ.
ސިއްހީ ދާއިރާއިން މީހުން ބިނާކުރުމަށް ކުރައްވާ މަސައްކަތެއް ވެސް ނޭނގޭކަމަށް ވިދާޅުވެ ޑީޑީ ވަނީ ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ޑޮކްޓަރުކަން ކިޔެވުމަށް ސަރުކާރުން މިފަހަރު ލޯން ހުޅުވާލާފައި އެންމެ ތިން ފުރުސަތުކަމަށެވެ.
"ޑޮކްޓަރުކަން ކިޔެވުމަށް އޮތީ އެންމެ ތިން ސްލޮޓް. އެތިން ސްލޮޓް ކަނޑައެޅީ ވެސް ބެލެނިވެރިން އެތައް ޝަކުވާއެއްކޮށް އެތައް މައްސަލައެއް ޖެއްސުމުން." ޑީޑީ ވިދާޅުވިއެވެ.
ޑީޑީ ވިދާޅުވީ ސަރުކާރުން ޑޮކްޓަރުކަން ކިޔެވުމަށް ތިން ލޯނެއްގެ ފުރުސަތު ދިނުމަށް އިއުލާން ކުރުން އެއީ ޖޯކެއް ކަމަށެވެ.
"ސިއްހީ ދާއިރާ މިހައި ދަށުދަރަޖަށް ވެއްޓިގެން ދާއިރު ހެލްތު މިނިސްޓަރ ކުރައްވާ ކަމެއް ނޭނގޭ. ނަރުހުންގެ މުސާރައިގެ އޮނިގަނޑު އިސްލާހު ކުރަން ކުރައްވާ މަސައްކަތެއް ނޭނގޭ." ޑީޑީ ވިދާޅުވިއެވެ.
ޑީޑީ މިރޭ އަމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއިރު މިއީ އެމްޑީޕީގެ ސީނިއާ މެންބަރަކު މިހައި ފާޅުކަން ބޮޑުގޮތެއްގައި މިސަރުކާރުގެ ވަޒީރަކަށް ފާޑުވިދާޅުވި ފުރަތަމަ ފަހަރެވެ.
އަމީން އަކީ ސިއްހީ ދާއިރާގެ އެއްވެސް ތަޖުރިބާއެއް ލިބިވަޑައިގެންފައިވާ ބޭފުޅަކަށް ނުވާތީ އޭނާ އަށް މިނިސްޓަރުކަން ދިނުމުން ވެސް ގިނަ ބަޔަކު ފާޑުކިޔާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ