އައިއޯއައިޖީ: ރަފާ އާއި ޒީސްތު ކުއާޓާ ފައިނަލަށް

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އަންހެން ޓޭބަލް ޓެނިސް އިވެންޓުން ރަން މެޑަލް ހޯދި ދިވެހި ޓީމުގެ ކުޅުންތެރިޔާ އައިޝަތު ރަފާ ނާޒިމާއި ގައުމީ ފިރިހެން ޓީމުގެ ކުޅުންތެރިޔާ މުހައްމަދު ޒީސްތު ނަސީމުގެ ޕެއާ އިން މިކްސް ޑަބަލްސްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.
އެ ޕެއާ އިން ކުއާޓާ އަށް ދިޔައީ ދެ ވަނަ ބުރުގައި މިއަދު މަޑަގަސްކަރައިގެ ޕެއާގެ މައްޗަށް ސީދާ ހަތަރު ސެޓުން ކުރި ހޯދައިގެންނެވެ. ފުރަތަމަ ސެޓު ވަރަށް ވާދަވެރިކޮށް ގޮސް 16-14 އިން ރާއްޖެ މޮޅުވި ނަމަވެސް އަނެއް ތިން ސެޓުން ގެންދިޔައީ މާބޮޑު އުނދަގުލަކާ ނުލާ 11-6، 11-6 އަދި 11-7 އިންނެވެ.
ރަފާ އާއި ޒީސްތުގެ ޕެއާ އިން ދެ ވަނަ ބުރަށް ދަތުރުކުރީ މިއަދު ހެނދުނު ކުޅުނު ގްރޫޕް ސްޓޭޖުގައި، ގްރޫޕުގެ ތިން މެޗު ވެސް ކާމިޔާބުކޮށް އެއް ވަނަ ޕެއާގެ ގޮތުގަ އެވެ. ގްރޫޕުގެ ފުރަތަމަ މެޗުން މަޑަގަސްކަރައިގެ ރަޒަފިންޑްރަކަމްބޯ ޒޯ އާއި ރަޖަޮނާ ރޮންޑްރޯގެ ޕެއާގެ މައްޗަށް ކުރީ 3-1 ސެޓުންނެވެ. ސްކޯއަކީ 11-5، 11-5، 7-11 އަދި 11-7 އެވެ.
ގްރޫޕުގެ ދެ ވަނަ މެޗުން ރިޔޫނިއަންގެ ހޮރާރީ ތޯމަސް އާއި ހޮރާއޫ ކްލެމެންސްގެ ޕެއާ އަތުން މޮޅުވީ ސީދާ ތިން ސެޓުންނެވެ. ސްކޯއަކީ 11-9، 11-4 އަދި 12-10 އެވެ. ފަހު މެޗުން ވަނީ ސީޝެލްސްގެ ބަނާނޭ ޑޯރިއަން އާއި ފާތިމާ ބޮނިފޭސް އަތުން މޮޅުވީ 11-6، 11-3 އަދި 11-2 ގެ ސްކޯއަކުން ސީދާ ތިން ސެޓުންނެވެ.
ގްރޫޕް ސްޓޭޖުގައި ދެން ވާދަކުރި ރާއްޖޭގެ ތިން ޕެއާ އަށް ދެ ވަނަ ބުރުން ފުރުސަތެއް ނުލިބެ އެވެ. އެކަމަކު ފާތިމަތު ދީމާ އަލީ އާއި މުންތިފް އަހުމަދުގެ ޕެއާ އަދި ފާތިމަތު ޖުމާނާ ނިމާލާއި މޫސާ މުންސިފްގެ ޕެއާ ކެޓީ ސެޓުގެ ތަފާތުންނެވެ. މުއީނާ މުހައްމަދާއި ޝައްފާން އިސްމާއިލްގެ ޕެއާ ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ.
ދީމާ އާއި މުންތިފް ފުރަތަމަ މެޗުން މޮރިޝަސް އަތުން 3-1 އިން (11-13، 11-4، 11-6، 11-12) އިން މޮޅުވި ނަމަވެސް ދެ ވަނަ މެޗުން ރިޔޫނިއަން އަތުން 3-2 އިން (7-11، 9-11، 11-6، 11-9، 7-11) އިން ބަލިވީ އެވެ. އެކަމަކު ތިން ވަނަ މެޗުން ސީޝެލްސްގެ ޕެއާގެ މައްޗަށް ސީދާ ތިން ސެޓުން (11-2، 11-6، 11-9) އިން ކުރި ހޯދި ނަމަވެސް ރޭންކިން ބެލިއިރު ސެޓުގެ ތަފާތުން ކެޓީ އެވެ.
ރާއްޖޭގެ އެއް ވަނަ ފިރިހެން ކުޅުންތެރިޔާ މުންސިފާއި ޖުމާނާގެ ޕެއާ ފުރަތަމަ މެޗުން މެޔޯޓް އަތުން 3-0 އިން ބަލިވި ނަމަވެސް އަނެއް ދެ މެޗުން މޮޅުވި އެވެ. އެއީ ސީޝެލްސް އަތުން 3-1 އިން އަދި ރިޔޫނިއަން އަތުން ސީދާ ތިން ސެޓުންނެވެ. އެކަމަކު މި ޕެއާ އަށް ވެސް ރޭންކިންގައި ކުރި ނުލިބުނީ ސެޓުގެ ތަފާތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ