ލ. ކުނަހަންދޫގެ ރައްޔިތުން ވަނީ ބޯފެނަަަށް ޖެހިފައި: ކައުންސިލް

ލ. ކުނަހަންދޫން ބޯފެން ހުސްވަމުންދާތީ ރައްޔިތުންނަށް ބޯފެން ލިބުން ދަތިވެފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.
ވީނިއުސް އަށް މައުލޫމާތުދެއްވަމުން ކުނަހަންދޫ ކައުންސިލްގެ ނައިބު ރައީސް ލިރުޣާން ސައީދު ވިދާޅުވީ، ވާރޭ ނުވެހި ދުވަސްތަކެއް ވެފައި ވާއިރު، މި ރޯދަމަހާއި ދިމާކޮށް އެރަށުން ބޯފެން ލިބުން ދަތިވެފައިވާ ކަމަށެވެ.
"ވަރަށް ދަތިކޮށް ރައްޔިތުން މިއުޅެނީ. ބޯފެން ވަނީ ހުރިހާ ގެއަކުންހެން އެއްކޮށް ހުސްވެފަ. ބަނދަރުމަތީގަ ހުރި އާއްމު ފެންތާންގީތަކުން އެންމެން ފެންގެންދަނީ. ދޯނިފަހަރުންވެސް ބޭނުންކުރަނީ ހަމަ އެފެން. އެވެސް މިހާރު ހުސްވަނީއެ." މިރުޣާމް ވިދާޅުވި އެވެ.
ކައުންސިލް ނައިބު ރައީސް ވިދާޅުވީ ބޯފެން ލިބުން ދަތިވުމުން އެކަން ކަމާއިބެހޭ ފަރާތްތަކަށް މި މެއިމަހުގެ 2 ވަނަ ދުވަހުން ފެށިގެން ކައުންސިލުން އަންގަމުންދާ ކަމަށެވެ. ނަމަވެސް އެކަމަށް އަދި އަމަލީ ސިފައެއް އައިސްފައި ނުވާކަމަށްވެސް ވިދާޅުވި އެވެ.
ލިރުޣާމް ވިދާޅުވީ ރަށުގެ ރައްޔިތުން އާއްމުކޮށް ބޭނުންކުރަނީ ވާރޭފެން ތާންގީގައި ރައްކާ ކޮށްގެން ކަމަށާއި، ނަމަވެސް މިފަހަކަށް އައިސް ވާރޭ ނުވެ ގިނަދުވަސްތަކެއް ވުމުން ރަށުން އެއްކޮށްހެން ބޯފެން ހުސްވެފައިވާ ކަމަށެވެ. އަދި ގޭގެއިންނާއި މަސްދޯނި ފަހަރުންވެސް މިހާރު ރަށުގެ ބަނދަރުގައި ހުރި އާއްމު ފެންތާންގީބަރިން ފެން އުފުލަމުންދާއިރު، އެ ތާންގީތަކުގައިވެސް މިހާރު ފެން ހުރީ ވަރަށް މަދުންކަމަށްވެސް ކައުންސިލުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ