ޖުމްހޫރީ ޕާޓީން ސާފު ނިންމުމެއް ނިންމަންޖެހޭ: އެމްޑީޕީގެ ޕީޖީ ލީޑަރު

ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ސާފު ނިންމުމެއް ނިންމަންޖެހޭ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް (ޕީޖީ) ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
އަސްލަމް އެގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރަށް އެއްބާރުލުން ދިނުމަށް ދެކޮޅު ހަދައި، އިދިކޮޅު ޕީޕީއެމާއެކު ކުރިއަށްދާތަން މަޖިލީހުންގެ ނިންމުންތަކުން ފެންނަމުންދާތީ އެވެ.
އެގޮތުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އިދިކޮޅު ޕީޕީއެމް ކޯލިޝަންގެ 14 މެމްބަރަކު ސޮއިކޮށް، މަޖިލީހަށް ހުށަހަޅާފައިވަނިކޮށް، މަޖިލީހުގެ ގަވާއިދަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާތީ އާއި ސަރުކާރުން ހުށަހަޅާފައިވާ ބައެއް ބިލްތަކާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން ހުށަހަޅާފައިވާ ބައެއް ބިލަތަކާ ދެކޮޅަށް އިދިކޮޅު ޕީޕީއެމާއެކު ޖުމްހޫރީ ޕާޓީން މަސައްކަތް ކުރަމުންދާތީ އެވެ.
އަސްލަމް ވިދާޅުވީ ސަރުކާރު ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ މެޖޯރިޓީ މަޖިލީހުގައި އޮތް ނަމަވެސް، މިހާރު މަޖިލީހުން ފެންނަނީ ސަރުކާރަށް ބިރުދައްކަމުންދާ މަންޒަރު ކަމަށެވެ.
"މަޖިލީހުން މިހާރު ނިންމާ ނިންމުންތަކަކީ ސަރުކާރަށް ބިރުދެއްކުމަށް ނިންމާ ނިންމުންތަކެއް،" ހޯމަ ދުވަހު ބޭއްވި ޖަލްސާގައި މަޖިލީހުގެ ގަވާއިދަށް ގެންނަމުންދާ އިސްލާހު ގެނައުމުގެ ބިލްތަކަށް ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕާއެކުވެސް މިހާރު މަސައްކަތްތަކެއް ކުރުމުގެ ފުރުސަތު ނުލިބޭ ކަމަށާއި ޖުމްހޫރީ ޕާޓީން ސާފު ނިންމުމެއް ނިންމަންޖެހޭ ކަމަށެވެ.
"އަޅުގަނޑު ޔަގީންކުރަން، މަނިކުފާނަށް އެނގި އޮޅުން ފިލައިގެން ނަމަވެސް ނުވަތަ ނޫން ނަމަވެސް، ވަކިގޮތަކަށް ރޭވިގެން ބައެއްކަންކަން ސަރުކާރަށް ދަތިވާގޮތަށް މި މަޖިލީހުން ކަންކަން ނިންމަމުންދާކަން... ސަރުކާރުގެ މައިގަނޑު ސިޔާސަތުތައް ތަންފީޒުކޮށް ކުރިއަށް ގެންދިއުމުގެ ޖާގަ ލިބިދޭން ޖެހޭ. އަދި ސަރުކާރަށް ދަތިވާގޮތަށް މަޖިލީހަށް ގާނޫނު އަސާސީން ލިބިދޭ ބާރު ނަހަމަ ގޮތުގައި ބޭނުން ކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން،" ރިޔާސަތުގައި އިންނެވި ޖޭޕީގެ ލީޑަރު ގާސިމްއަށް ނިސްބަތްކުރައްވާ އަސްލަމް ވިދާޅުވި އެވެ.
ސަރުކާރު ކޯލިޝަންގެ މެޖޯރިޓީ މަޖިލީހުގައި އޮތް ނަމަވެސް ސަރުކާރަށް ދަތިވާގޮތަށް ކަންކަން ނިންމުމުންދާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ދައުލަތުގެ ފައިސާއާ މުދަލަށް ހިޔާނާތްތެރިވުމުގެ މައްސަލަތައް ބެލުމަށް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނާއި ގޮތްނޭނގޭ މަރުގެ މައްސަލަތައް ބެލުމަށް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނަށް ގާނޫނީ ބާރު ލިބިދޭ ބިލް އޮތީ މަޖިލީހުގެ ކޮމެޓީގައި ބާއްވާފަ އެވެ. އެބިލް ކޮމެޓީން ދިރާސާކޮށް ނިންމުމަށްފަހު، މަޖިލީހުންގެ ތިން ޖަލްސާއަކަށް ވޯޓަށް އެހުމަށް ތާވަލްކުރި އެވެ. ނަމަވެސް ގާނޫނީ އަދަދަށް މެމްބަރުން ޖަލްސާގައި ނެތުމުން ވޯޓަށް އެހާފައެއް ނުވެއެވެ. ހަތަރު ވަނަ ޖަލްސާއަށް ވޯޓަށް އެހުމަށް އެޖެންޑާ ކުރުމަށްފަހު، ވޯޓަށް ނާހައި، ގާސިމް ވަނީ އެބިލް އަލުން ކޮމެޓީއަށް ފޮނުވާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ