ވެއްޓުނު މަރުކާގެ ބޯޓުތަކުގެ ލައިސެންސް ރިވިއުކުރަނީ

ވޮޝިންގްޓަން (މާޗް 20) - މިދިޔަ ހަފްތާގައި އިތިއޯޕިއާ އެއާލައިންސް ފްލައިޓު ވެއްޓުނު ހާދިސާއާ މިދިޔަ އޮކްޓޯބަރު މަހު އިންޑޮނީޝިއާގައި ހިނގި ހާދިސާއާ އެއްގޮތް ކަންތައްތަކެއްހުރި ކަމަށް ހާމަވުމާއެކު، ބޮއިންގް މަރުކާގެ އެ ބޯޓުތައް އުދުހުމަށް ދޫކޮށްފައިވާ ލައިސަންސް ރިވިއު ކުރުމަށް އަންގައިފި އެވެ.
އިތިއޯޕިއާއިން ފުރައިގެން 157 ފަސަންޖަރުން ގޮވައިގެން ދަތުރުކުރި ބޯޓު ވެއްޓުނީ ނައްޓާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެވެ. ބޮއިންގް 737 މެކްސް 8 މަރުކާގެ ބޯޓުން ދަތުރުކުރި ހުރިހާ ފަސަންޖަރުން އެ ހާދިސާގައި މަރުވެފައިވާކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ. މިއީ، ފާއިތުވި ފަސް މަހުގެ ތެރޭގައި އެ މަރުކާގެ ބޯޓެއް ވެއްޓުނު ދެވަނަ ފަހަރެވެ. މިދިޔަ އޮކްޓޯބަރު މަހު، އެ މަރުކާގެ ލަޔަން އެއާ ބޯޓެއް ވެއްޓި، 189 މީހުން ވަނީ މަރުވެފައި އެވެ.
އެ ދެ ހާދިސާގައި އެއްގޮތް ކަންތައްތަކެއް ފާހަގަވެފައިވާކަމަށް ތަޖުރިބާކާރުން ވިދާޅުވުމާއި ގުޅިގެން، އެމަރުކާގެ ބޯޓުތަކަށް އުދުހުމުގެ ލައިސަންސް ދޫކުރުމުގެ މުޅި މަރުހަލާ އަލުން ރިވިއުކޮށްދިނުމަށް އެމެރިކާގެ ޓްރާންސްޕޯޓް ސެކްރެޓަރީ އެލެއިން ޗާއޯ ވަނީ އެދިވަޑައިގެންފަ އެވެ.
އެ ދެ ބޯޓުން ހޯދި ޑޭޓާތަކަށް ބަލާއިރު، އެ ދެ ބޯޓުގައި ކުއްލި ކުއްލިއަށް ލޮޅުންތަކެއް އަރާފައިވާކަމަށް ވަނީ ފާހަގަކުރެވިފަ އެވެ.
އިތިއޯޕިއަން ފްލައިޓު ވެއްޓުނު ސަރަހައްދުން ލިބިފައިވާ އާ ހެކިތަކެއްގެ އަލީގައިކަމަށް ބުނެ، އެ މަރުކާގެ ހުރިހާ މަތިންދާބޯޓެއް ބޮއިންގް އިން ވަނީ ގްރައުންޑުކޮށްފަ އެވެ.
މަތިންދާބޯޓު އުފައްދާ އެމެރިކާގެ ކުންފުނިން 737 މެކްސް 8 މަރުކާގެ 371 ބޯޓު އުދުހުން މަނާ ކޮށްފައިވާ ކަމަށެވެ. އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން ބުނީ، ބޮއިންގްގެ އެ މަރުކާގެ ބޯޓުތައް ވަގުތީ ގޮތުން ގްރައުންޑުކުރަން ނިންމާފައިވަނީ ވެއްޓުނު އިތިއޯޕިއަން ފްލައިޓުން ހޯދުނު ހެކިތަކުގެ އިތުރުން ސެޓެލައިޓް މައުލޫމާތުތަކުގެ އަލީގައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ