ޔާމީން ހައްޔަރު ކުރުމަކީ ޑިމޮކްރެސީ މަރާލުން: އަދުރޭ

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ހައްޔަރުކުރުމަކީ ރާއްޖޭގެ ޑިމޮކްރެސީ މަރާލުން ކަމަށް ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާއިރު ސިއްހީ ހާލުކޮޅު ގޯސްވުމާ ގުޅިގެން ޔާމީން މިވަގުތު އޮންނެވީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި އެޑްމިޓް ކުރައްވާފައެވެ.
ޕީޕީއެމް އަދި ކޮންގްރެސް ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭ ވިދާޅުވީ ޔާމީން އަކީ ރާއްޖޭގައި މިވަގުތު ހުރި ހަމައެކަނި އިދިކޮޅު ލީޑަރު ކަމަށާއި ޔާމީން ހައްޔަރުކޮށްގެން އުޅުއްވަނީ އެމަނިކުފާނު ސަލާމަތުން ހުންނަވައިފިނަމަ މަޖިލީހުގެ ތަނަވަސް އަޣުލަބިއްޔަތެއް ހޯއްދަވާނެކަން މި ސަރުކާރަށް އެނގޭތީ ކަމަށެވެ.
"މި ގައުމުގައި މިވަގުތު ހުރި ހަމައެކަނި އިދިކޮޅު ލީޑަރަކީ ރައީސް ޔާމީން. ރައީސް ޔާމީން ހައްޔަރުކުރުމަކީ މި ގައުމުގެ އިދިކޮޅު ނައްތާލުން، ޑިމޮކްރެސީ މަރާލުން. އެހެންވީމަ މިފަދަ ނުރައްކާތެރި، ނުބައި ނުލަފާ، އަނިޔާވެރި، ޣައްދާރު ސަރުކާރަކާ ދެކޮޅަށް ދިވެހި ރައްޔިތުން ތެދުވާންޖެހޭ ވަގުތު މި އަންނަނީ" އަދުރޭ ވިދާޅުވިއެވެ.
ޔާމީން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި އޮންނަތާ ހަތަރު ދުވަސް ވެގެންދާއިރު "ވާނުވާ" އެއް ނޭނގޭ ކަމަށާއި މިއީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ. އަދި ޔާމީން މިހާރުން މިހާރަށް ބަންދުން ދޫކޮށްލުމަށް ވެސް އަދުރޭ ވަނީ ގޮވާލާފައެވެ.
ޔާމީން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ ހެއްކަށް ނުފޫޒު ފޯރުވަން އެމަނިކުފާނު މަސައްކަތް ކުރައްވާފައިވާ ކަމަށް ބުނެ ދައުލަތުން ހުށަހެޅި ކަންކަމަށް ރިއާޔަތް ކުރުމަށްފަހުއެވެ. ޔާމީންގެ ބަންދުގެ އަމުރު މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފް ކުރައްވާފައެވެ.
ޔާމީންގެ މައްޗަށް މަނީ ލޯންޑެރިންގެ ދައުވާ އުފުލީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ ތެރެއިން ހޯދާފައިވާ ބައެއް ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، ފައިސާ ލޯންޑަކުރި މައްސަލާގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ