މިއަހަރު ތެރޭ އިންކަމް ޓެކްސް ނަގަން ފަށަންޖެހޭ: ރައީސް ނަޝީދު

މިއަހަރުގެ ތެރޭގައި އިންކަމް ޓެކްސް ނަގަން ފަށަންޖެހޭ ކަަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްެޖެ އެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ(މީރާ) އަށް ނުވަ އަހަރު ފުރުން ފާހަގަކުރުމަށާއި އެންމެ ގިނައިން ޓެކްސް ދެއްކި ފަރާތްތަކަށް "ރަން ލާރި" އެވޯޑު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އަންނަ އަހަރު ދައުލަތުން ލަފާކުރާ ބަޖެޓް ކަނޑައަޅާއިރު ވަރަށް ބޮޑަށް އާއްމު ރައްޔިތުންގެ އާމްދަނީން ލިބޭ ޓެކްސްއަށް ބަރޯސާ ވާން ޖެހޭ ކަމަށެވެ. އެހެންކަމުން މިއަހަރުގެ ތެރޭގައި އިންކަމް ޓެކްސް ނަގަންޖެހޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެެވެ.
ރައީސް ވިދާޅުވީ އެމްޑީޕީގެ ވެރިކަން 2012 ވަނަ އަހަރުގެ ތެރޭގައި ވައްޓާލާފައިވަނީ ވެސް ވަކި ވަކި ފަރުދުންގެ އަތުން ނެގޭ އިންކަމް ޓެކްސް ނަގަން ފެށުމުން ކަމަށެވެ. ނަމަވެސް އެނބުރި އައިސް މިތިބީ އިންކަމް ޓެކްސް ނެގުމަށް ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަމާޒަކީ ސެޕްޓެމްބަރު މަހު މަޖިލިސް ޗުއްޓީއަށް ދިޔުމުގެ ކުރިން އިންކަމް ޓެކްސްގެ ބިލް މަޖިލީހުގެ ތަޅުމަށް ފޮނުވުން ކަމަށާއި ނަމަވެސް މިހާރުވެސް މަޖިލީހުގެ ތަަޅުމުގައި ވަރަށް ބޮޑެތި ބިލްތަކެއް އެބަހުރި ކަންވެސް ނަޝީދު ވަނީ ފާހަގަކުރައްވާފަ އެވެ.
ދިވެހިރާއްޖެއަށް ޓެކްސްގެ ނިޒާމް މުޅިން އަލަށް ތައާރަފް ކޮށްދެއްވީ ރައީސް ނަޝީދުގެ ވެރިކަމުގަ އެވެ. އެކަމަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ ޓެކްސްގެ އެ ނިޒާމު ގާއިމުކުރަން ޖެހުނީ ރާއްޖޭގެ އިޖުތިމާއީ ރައްކާތެރިކަން އެކަށައަޅަން ޖެހިއްޖެކަން ދިވެހިންގެ ތެރެއިން އެތައް ބަޔަކަށް ސާފުވާން ފެށުމުން ކަމަށެވެ. އެގޮތުން ބޭސް ސިޓީއަށާއި ފޮތް ލިސްޓަށް އާދޭސް ކުރުމާއި، ފޯނު ބިލާއި ކުލި ނުދެއްކިގެން ރައްޔިތުން އޭރު ތިބީ ހާސް ކަމެއްގައި ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އޭރުވެސް ޓެކްސް ނެގުން އޮތީ ލަސްވެފައި ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ފަގީރުންނާއި މުއްސަނދިންނާ ދެމެދު އޮތް ފަރަގު ފުޅާވަމުންދާނަމަ، ގައުމެއް އެ ދަނީ ހަރާބުގެ މަގަށް ކަމަށެވެ. އަދި ގައުމު ހަމަމަގަށް އެޅޭނީ އެންމެންނަށް ލިބޭ އެއްޗެއް ހަމައަށް އެންމެންގެ މެދުގައި ބަހާލެވިގެން ކަމަަށްވެސް ރައީސް ވިދާޅުވި އެވެ. އެހެންކަމުން ޓެކްސަކީ މިކަމަށް އޮތް ހައްލު ކަމަަށްވެސް ރައީސް ވިދާޅުވި އެވެ.
ނަޝީދު އިތުރަށް ވިދާޅުވީ ޓެކްސްގެ ނިޒާމުގެ ކުރިން ރާއްޖޭގެ ދައުލަތުގެ ހަރަދުތައް ހަމަޖެއްސީ އިމްޕޯޓު ޑިއުޓީން ލިބުނު އެއްޗަކުން ކަމަށެވެ.
"މުދާ އެތެރެކޮށްފައި، އޭގެން ވިޔަފާރިކޮށްފައި ދެން ދައުލަތަށް އެއްޗެއް ދިނުމަކީ މާ އިންސާފުވެރި އުސޫލެއް ކަމަށް އަޅުގަނޑުމެންނަށް ފެނޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ޓެކްސްގެ ނިޒާމާއެކު ލިބުނު އެންމެ ބޮޑު ލުއިފަސޭހައަކީ ވިޔަފާރިތަކުގެ ހިސާބު ކިތާބު ބެހެލެއްޓުމުގެ ކަންތައްތައް ހަރުދަނާވުން ކަމަށެވެ. އަދި ރާއްޖޭގެ މުއްސަނދިކަމުން ހުރިހާ ދިވެހިންނަށް ފައިދާ ކުރަންޖެހޭނެ ކަން ގަބޫލުކުރީ ހަމައެކަނި ސިޔާސީ ޕާޓީތަކުގެ ވެރިން ނޫން ކަމަށާއި ޓެކްސްގެ ނިޒާމަށް ވިޔަފާރިތަކުންވެސް ތާއީދު ކުރިކަން ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފަ އެެވެ.
މިރަސްމިއްޔާތުގައި ޓެކްސް ނެގުމާ ބެހޭ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް މިދިޔަ އަހަރުގެ ތެރޭގައި ގަވާއިދުން ޓެކްސް ދެއްކި 17 ކުންފުންޏަކަށް ވަނީ އެވޯޑު ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ