ވެމްކޯ، އެސްޓީއޯ، ޕްރިޒަން ކްލަބު އަދި އިމިގްރޭޝަން ކުއާޓާއަށް

ކްލަބު މޯލްޑިވްސް ކަޕް 2019ގެ ކުއާޓާ ފައިނަލުން ކްލަބު ވެމްކޯ އާއި އެސްޓީއޯ އާއި ޕްރިޒަން ކްލަބު އަދި ކްލަބު އިމިގްރޭޝަން ޖާގަ ހޯދައިފިއެވެ.
ވެމްކޯ އާއި އެސްޓީއޯ އާއި ޕްރިޒަން ކްލަބު އަދި އިމިގްރޭޝަނުން ކުއާޓާގެ ޖާގަތައް ހޯދާފައިވަނީ ރޭ ކުޅުނު އެ މެބާރާތުގެ ގަދަ 16ގެ މެޗުތައް ކާމިޔާބުކޮށްގެންނެވެ.
ރޭ ކުޅުނު ގަދަ 16ގެ މެޗުގައި ވެމްކޯ އިން ވަނީ 1-0ގެ ނަތީޖާއަކުން ސްޓެލްކޯ ބަލިކޮށްފައެވެ. އެ މެޗުގައި ވެމްކޯ އިން ޖެހި ލަނޑު، އެޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ ޝައްފާން (ޝާކާ) އެވެ.
ކަސްޓަމްސްއާ ދެކޮޅަށް ކުޅުނު ގަދަ 16ގެ މެޗުން އެސްޓީއޯ މޮޅުވީ 2-1ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ފުރިހަމަ ވަގުތުގައި ދެ ޓީމުން ވެސް ވަނީ ލަނޑެއް ޖަހައިފައެވެ. ފުރިހަމަ ވަގުތުގައި ކަސްޓަމްސްގެ ލަނޑު މުމްތާޒް މުހައްމަދު ކާމިޔާބުކޮށްދިން އިރު، އެސްޓީއޯގެ ލަނޑު ކާމިޔާބުކޮށްދިނީ އިސްމާއީލް އީސާ (މެސީ)އެވެ. ފުރިހަމަ ވަގުތު ނިމުނު އިރު، 1-1ގެ ނަތީޖާއަކުން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި ކާމިޔާބުވި ހަމައެކަނި ޕެނަލްޓީއަކީ އެސްޓީއޯގެ މެސީ ފޮނުވާލި ޕެނަލްޓީއެވެ.
ކްލަބު އެޗްޑީސީއާ ދެކޮޅަށް ރޭ ކުޅުނު ގަދަ 16ގެ މެޗުން ޕްރިޒަން ކްލަބު މޮޅުވީ 7-6ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ފުރިހަމަ ވަގުތުގައި އެޗްޑީސީގެ ލަނޑު މުހައްމަދު ސުޖަން އަހްމަދު ކާމިޔާބުކޮށްދިން އިރު، ޕްރިޒަން ކްލަބުގެ ލަނޑު ކާމިޔާބުކޮށްދިނީ ޖައިލަމް ޖަމީލެވެ. ފުރިހަމަ ވަގުތު ނިމުނު އިރު، 1-1ގެ ނަތީޖާއަކުން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.
އެ މެޗުގެ ޕެނަލްޓީ ޝޫޓްއައުޓުގައި ޕްރިޒަން ކްލަބުގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ޖައިލަމް ޖަމީލާއި އަމްޖަދު އަލީ އާއި މޫސާ ހަސަން ފުޅާއި އަހްމަދު ވިޖުދާނާއި މުހައްމަދު ޝާމް އަދި ހުސައިން ނަބީހެވެ. އެޗްޑީސީގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ އަބްދުﷲ ޝާފިއު އާއި ޔާމީން މުހައްމަދާއި މުހައްމަދު ސުޖަން އަހްމަދާއި އިބްރާހިމް ފުރުގާން (ފުގޭ) އަދި އަލީ މަލާޝްއެވެ. ޕެނަލްޓީގައި ޕްރިޒަން ކްލަބުން ކުރި ހޯދީ 6-5ގެ ނަތީޖާއަކުންނެވެ.
ދިރާގާ ދެކޮޅަށް ރޭ ކުޅުނު ގަދަ 16ގެ މެޗުން އިމިގްރޭޝަން މޮޅުވީ 3-0ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި އިމިގްރޭޝަނުން ޖެހި ލަނޑުތައް، އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ ހައިޝަމް (ޗުމްޕު) އާއި އަހްމަދު ފައްރާހު (ފައްރަ) އަދި އިބްރާހިމް މަހުދީ ހުސައިނެވެ.
ކުއާޓާގެ އަނެއް ހަތަރު ޖާގަ ކަށަވަރުކުރާ ޓީމުތައް އެނގޭނީ މިރޭ ކުޅޭ ގަދަ 16ގެ ފަހު މެޗުތަކަށްފަހުއެވެ. މިރޭ 8:15ގައި ދިވެހި ސިފައިން ކްލަބު (ޑީއެސްސީ)އާ ދެކޮޅަށް އެމްޕީއެލް ނުކުންނަ އިރު، ހަމަ އެގަޑީގައި ޔުނައިޓްޑް ބީއެމްއެލްއާ ދެކޮޅަށް އޭވިއޭޝަން ސެކިއުރިޓީ ނުކުންނާނެއެވެ. އަދި މިރޭ 9:30ގައި ޕޮލިސް ކްލަބާ ދެކޮޅަށް އުރީދޫ ނުކުންނަ އިރު، ހަމަ އެގަޑީގައި އެންމެ ފަހުގެ ޗެމްޕިއަން ގްރޭޓާ މާލެއާ ދެކޮޅަށް އެންމެ ފަހުގެ ރަނަރަޕް މޯލްޑިވިއަން ނުކުންނާނެއެވެ.
މިމަހުގެ ނުވަވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގެ ފިރިހެން ބައިގައި 32 ޓީމު ވާދަކުރާ އިރު، އަންހެން ބައި ކަމަށްވާ 18/30 ފުޓްސަލް ފިއެސްޓާގައި އަށް ޓީމެއް ވާދަކުރެއެވެ.
ކްލަބު މޯލްޑިވްސް ކަޕް 2019ގެ އޮފިޝަލް އޮންލައިން ނިއުސް ޕާޓްނަރަކީ ވަން އޮންލައިނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ