އެމްއެމްޕީއާރްސީ ފައިސާ ދައުރު ކުރީ ސިއްރަކުން ނޫން، ނަމަވެސް އެކަކުވެސް ކުއްވެރިއެއްނުވި!

އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގައި ދައުލަތުން ފޭރިގަތް ފައިސާ ބެހުމުގެ މަސައްކަތް ކުރި އެސްއޯއެފްގެ އެކައުންޓަށް ފައިސާ ޖަމާވަމުންދާ ގޮތާއި ގުޅިގެން ބީއެމްއެލް އިން ފޯރުކޮށްދިން މައުލޫމާތުގެ މައްޗަށް ބިނާ ކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިރީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ތައްޔާރު ކުރި ރިޕޯޓް އެއްވެސް އިދާރާ އަކަށް ނުފޮނުވި ނަމަވެސް އެމައްސަލައިގައި އެއްވެސް މީހަކުގެ މައްޗަށް ދައުވާނުކުރަން ޕްރޮސެކިއުޓަރ ޖެނެރަލް ނިންމާ އެމައްސަލަ ތަޙްޤީޤު ކުރުން އަލުން ފުލުހުންނާއި ހަވާލު ކޮށްފިއެވެ.
އޭސީސީ އިން މިއަދު ނެރުނު ރިޕޯޓެއްގައި ވިދާޅުވީ“މޯލްޑިވްސް މަނިޓަރީ އޮތޯރިރީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އަށް ލިބިފައިވާ އެސްޓީއާރގައި މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމަށް ޝައްކުކުރެވޭ ކަންތައްތަކެއް ހުރިކަން އެނގެން އޮންނައިރު، އެ މައްސަލަ އިތުރަށް ތަހްޤީޤުކުރުމަށް ތަޙްޤީޤީ އިދާރާއަކަށް ފޮނުވާފައި ނުވަނީ ވަކިފަރާތެއްގެ ނުފޫޒުންކަމަށް ކުރެވޭ ތުހުމަތާގުޅޭ މައްސަލަ ކޮމިޝަނުން ތަޙްޤީޤުކޮށް ނިންމާފައިވާ ކަމަށެވެ.
ދަށުން ތުހުމަތު ކުރެވޭ ކުންފުންޏާ ގުޅިގެން ހުށަހެޅިފައިވާ އެސް.ޓީ.އާރގެ މަޢުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ފޮނުވުމަށާއި ތުހުމަތު ކުރެވޭ ކުންފުންޏަށް ފައިސާ ލިބެމުންދާގޮތް ދެނެގަތުމަށާއި އެ ކުންފުންޏަށް ލިބޭ ފައިސާ އެއްވެސް ޤާނޫނާ ހިލާފު ޢަމަލެއް ކުރުމަށް ބޭނުންކުރޭތޯ ބެލުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އެންގުމަށާއި ބޭންކްތަކަށް ކަސްޓަމަރ ޑިއު ޑިލިޖެންސް ހެދުމަށް އެންގުމަށާއި މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ފައިނޭންޝަލް ސެކްޓަރ ޑިވިޝަން އަށް އެންގުމަށް ފެންނަކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
"އެގޮތައް ރިޕޯޓުގައި ބަޔާންކޮށްފައި ވީނަމަވެސް، އެ ރިޕޯޓް 06 އެޕްރީލް 2015ގައި ފައިނަލް ކުރުމުގައި އެ ރިޕޯޓް ތަހުޤީޤީ އިދާރާއަކަށް ނުފޮނުވަން ވަނީ ނިންމާފައެވެ. މި ނިންމުމުގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ އަމިއްލަ ކުންފުންޏެއްގެ އެކައުންޓަށް ޖަމާވެދިޔައިރު، އެކަން ހުއްޓުވަން އެއްވެސް ފިޔަވަޅެއް ނޭޅި އެ ކުންފުންޏަށް ނާޖާއިޒު ފައިދާ ލިބިފައިވާކަން ތަހުޤީޤަށް ވަނީ ފާހަގަކުރެވިފައެވެ. މީގެއިތުރުން، އެފް.އައި.ޔޫގެ އެނަލިސިސް ރިޕޯޓް ތަހުޤީޤީ އިދާރާއަކަށް ނުފޮނުވަން ނިންމާފައިވަނީ އެފް.އައި.ޔޫގެ އޭރުގެ ވެރިޔާކަން އޭނާގެ އިޢުތިރާފުންނާއި، މި މައްސަލައިގެ ތަހުޤީޤަށް ލިބިފައިވާ ހެކިތަކުން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަން ތަޙްޤީޤަށް ވަނީ ފާހަގަކުރެވިފައެވެ." އޭސީސީގެ ރިޕޯޓްގައި ވެއެވެ.
އެފް.އައި.ޔޫގެ އޭރުގެ ވެރިޔާގެ ނަމެއް އޭސީސީގެ ރިޕޯޓްގައި ހާމަކޮށްފައެއް ނެތެވެ. އެފް.އައި.ޔޫގެ އޭރުގެ ވެރިޔަކީ އާތިފް ޝަކޫރެވެ.
މި މައްސަލަ ތަޙްޤީޤު ފުރިހަމަކުރުމަށްފަހު 18 ފެބްރުވަރީ 2019 ގައި މި މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުނުނަމަވެސް މިމައްސަލައާ ގުޅިގެން ތަޙުޤީޤަށް ފާހަގަކުރެވުނު ކަންތައްތައް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިރާސާކުރުމަށްފަހު، މިމައްސަލާގައި މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދަ ކުށެއް ކޮށްފައިވާކަމަށް ބެލެވޭތީ މިމައްސަލަ މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން އިތުރަށް ތަޙުޤީޤުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ފޮނުވުމަށް އިރުޝާދުދީފައިވާތީ މި މައްސަލަ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ތަޙުޤީޤުކުރުމަށް 21 ފެބްރުވަރީ 2019 ގައި މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ފޮނުވާފައި ކަމަށް އޭސީސީ އިން ވިދާޅުވިއެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތައް ލިބެން ޖެހޭ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ މައްސަލައިގައި ޖަލު ޙުކުމް އައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވެސް މިހާރު ވަނީ މިނިވަން ވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ