"ޔާމީންގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި މައްސަލަ ލަސްކުރީ އެފްއެއައިޔޫގެ ކުރީގެ ވެރިޔާ އަޝްރަފް"

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި މައްސަލަ ތަހުގީގީ އިދާރާއަކަށް ނުފޮނުވައި ލަސްކުރީ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ ކުރީގެ އިސްވެރިޔާ އަބްދުﷲ އަޝްރަފް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ތުހުމަތުކޮށްފިއެވެ.
އެމްއެމްއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެފްއައިޔޫއަކީ އެއްވެސް ސިޔާސީ ނުފޫޒެއް ނެތި މިނިވަންކަމާއެކު، އެ ޔުނިޓަށް ލިބޭ މައުލޫމާތާ ގުޅޭ ގޮތުން ފިޔަވަޅު އަޅައި، ކަމާބެހޭ ފަރާތްތަކަށް ފޮނުވަންޖެހޭ މައުލޫމާތު ފޮނުވަންޖެހޭ ޔުނިޓަކަށްވާ އިރު، ޝައްކުކުރެވޭ މުއާމަލާތްކަމަށް ހުށަހެޅިފައިވާ މުއާމަލާތްތައް ކަމާބެހޭ ފަރާތްތަކަށް ނުފޮނުވައި ލަސްކޮށްފައިވާ ކަމަށެވެ.
"އަބްދުﷲ އަޝްރަފު ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ އިސްވެރިޔާގެ ގޮތުގައި ހުންނެވި ދުވަސްވަރު، ހާއްސަކޮށް 2018 ވަނަ އަހަރުގެ ތެރޭގައި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ލިބިފައިވާ ބައެއް ރިޕޯޓްތަކާ ގުޅޭ ގޮތުން އަބްދުﷲ އަޝްރަފު އިސްވެހުންނަވައި އަމަލުކުރައްވާފައިވަނީ، އެފަދަ މައުލޫމާތު ލިބުމުން އަމަލުކުރަން އޮންނަ ގޮތާ ހިލާފަށް ކަމަށް ފާހަގަކުރެވިފައިވެއެވެ. އެގޮތުން 2018 ޖޫން މަހުގެ ތެރޭގައި، ސިޔާސީ އިސްފަރާތެއްގެ އެކައުންޓަށް ޖަމާކޮށްފައިވާ ގިނަ އަދަދެއްގެ ފައިސާއާ ގުޅިގެން އެފްއައިޔޫ އިން އެކަން ތަހުގީގީ އިދާރާއަކަށް ނުފޮނުވައި ގިނަދުވަސްތަކެއް ކޮށްފައިވެއެވެ..،" އެމްއެމްއޭ އިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެމްއެމްއޭ އިން ބުނީ އެކަމުގެ ސަބަބުން ރިޕޯޓާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ލަސްވިކަން ފާހަގަކުރެވޭ ކަމަށާއި އެ މުއާމަލާތާ ގުޅޭގޮތުން ފިޔަވަޅެއް ނާޅައި ބާއްވާފައި އޮތްކަން އެނގުނީ، އަޝްރަފް ރާއްޖޭގައި ނެތް ދުވަސްވަރެއްގައި ކަމަށެވެ.
އޭގެ އިތުރުން އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ފައިސާގެ މުއާމަލާތްތަކުގެ މައުލޫމާތު އެންމެ ފުރަތަމަ އެފްއައިޔޫއަށް ލިބިފައިވަނީ އަޝްރަފު އަތަށް ކަމަށްވުމުން، އެ ރިފޯޓާ ހަވާލުވެ ސޮއިކޮށްފައިވަނީ އަޝްރަފު ކަމަށާއި އެކަމާގުޅޭ ހުރިހާ އެނަލިސިސްތައް ހަދާފައިވަނީވެސް އޭނާ ކަމަށެވެ. އަދި އެފްއައިޔޫގެ ކުރީގެ ހެޑް އާތިފު ޝުކޫރު އެ މަގާމުން އިސްތިއުފާދެއްވުމަށް ފަހު، އެފްއައިޔޫގެ އެންމެ އިސްވެރިއަކަށް ހުންނަވައި އެމްއެމްޕީއާރުސީގެ ރިޕޯޓްތަކާ ބެހޭގޮތުން ފިޔަވަޅު އެޅުމުގެ ފުރުސަތު އަޝްރަފަށް އޮތް ނަމަވެސް، އެއްވެސް ފިޔަވަޅެއް އަޅުއްވާފައި ނުވާ ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.
"ގާނޫނު ނަމްބަރު 2014/10 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، މި އޮތޯރިޓީގެ ގަވަރުނަރު މަސައްކަތްކުރައްވާފައި ވާނީ އެފްއައިޔޫއަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަމާއި ވަސީލަތްތައް ފޯރުކޮށްދިނުމަށެވެ. އަދި އެ ޔުނިޓުން ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތާއި ނިންމަންޖެހޭ ނިންމުންތައް ނިންމުމުގައި އަދި އެއްވެސް މައްސަލައެއް ތަހުގީގީ އިދާރާއަކަށް ފޮނުވުމުގައި މިހާރުގެ ގަވަރުނަރު ހުރަސްހަޅުއްވާފައިނުވާނެ ކަމުގެ ޔަގީންކަން މި އޮތޯރިޓީން އަރުވަމެވެ..،" އެމްއެމްއޭ އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އެފްއައިޔޫގެ އިސްވެރިޔާގެ މަގާމަށް އަޝްރަފް ހަމަޖެއްސެވީ އެމްއެމްއޭގެ ގަވަރުނަރުކަމުގައި ކުރިން ހުންނެވި އަޒީމާ އާދަމްއެވެ. އެފްއައިޔޫގެ ވެރިޔާގެ މަގާމުން އެމްއެމްއޭގެ އެހެން ސެކްޝަނަކަށް، މަގާމުގެ ގިންތިއަށް ބަދަލު ނާންގޮތަށް، އަޝްރަފް ބަދަލުކުރަން ނިންމެވީ، މަގާމުގެ މަސްއޫލިއްޔަތު އެކަށީގެންވާ ގޮތެއްގައި އަދާކުރުމަށް ނުކުޅެދިފައިވާތީ ގާނޫނުގައިވާ ގޮތުގެ މަތިން ކަމަށް އެމްއެމްއޭ އިން މައުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ