މަޖިލީހުގައި ދޮގު މައުލޫމާތުދޭނަމަ ދައުވާކުރަން ފޮނުވާނަން: ނަޝީދު

ރައްޔިތުންގެ މަޖިލީހުގައި މުއައްސަސާތަކުގެ ބޭފުުޅުން ކަންކަމުގެ މައުލޫމާތު ދެއްވާއިރު އިތުރުފުޅު ހައްދަވައިގެން މައުލޫމާތު ދެއްވާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި އެގޮތަށް އިތުރުފުޅު ހެއްދުވުމަކީ ޖިނާއީ ކުށެއްކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ އެގޮތަށް މައުލޫމާތު ދޭ ފަރާތްތަކުގެ ކަންކަން ތަހުގީގުކުރައްވާ ދައުވާކޮށްދިނުމަށް އެދި ޕީޖީ އަރިހުގައި ދަންނަވާނެ ކަމަށެވެ.
"އަޅުގަނޑު ދައުލަތުގެ އެންމެހާ ފަރާތްތަކަށް ދަންނަވާލަން ބޭނުން. ސަރުކާރުގެ އެންމެހާ ބޭފުޅުންނަށްވެސް މުއައްސަސާތަކުގެ އެންމެހާ ބޭފުޅުންނަށްވެސް އަދި ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންނަށްވެސް މިމަޖިލީހަށް ވަޑައިގެން އިތުރުފުޅު ހެއްދެވުމަކީ ޖިނާއީ ކުށެއް. މި މަޖިލީހަށް ދެން ބޭފުޅަކު އެބާވަތުގެ ކަމެއް ކުރައްވާކަން ފާހަގަކުރެއްވިއްޖެނަމަ ތަހުގީގުކުރެވޭނެ އަދި ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އަރިހުގައި ދެންނެވޭނެ،" ނަޝީދު ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސް ވިދާޅުވީ ކޮމިޓީތަކުގައި މުއައްސަސާތަކުން މައުލޫމާތު ދެއްވާއިރު ސާފު ބަހުން ވާހަކަ ނުދައްކަވާ ކަމުގެ ޝަކުވާ ބައެއް މުގައްރިރުންގެ ފަރާތުން ލިބެމުން އަންނަ ކަމަށެވެ.
19 ވަނަ މަޖިލީސް ފެށުމާއެކު ކޮމިޓީތަކަށް ގިނަ މުއައްސަސާތަކެއް ހާޒިރުކޮށްގެން އަންނަނީ ކުރީ ސަރުކާރުގައި ހިންގާފައިވާ ކަންކަމުގެ މައުލޫމާތުތައް ސާފުކުރަމުންނެވެ. އެގޮތުން ވައްކަމާއި، ކޮރަޕްޝަނާއި، ގުޅުންހުރި ގިނަ ކަންތައްތަކެއްގެ މައުލޫމާތު ސާފުކުރަމުން އަންނައިރު މި ސަރުކާރުން ކުރާ ކަންކަންވެސް ސާފުކުރުމަށް މުއައްސަސާތައް އަންނަނީ ކޮމެޓީތަކަށް ހާޒިރުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ