އެމްޑީޕީގެ އެކްޓިވިސްޓް މައިމޫނަށް ހައުސިންގެ އެގްޒެކްޓިވް ޑިރެކްޓަރުކަން

ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓުގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށް ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ އެކްޓިވިސްޓް އަހަމަދު މައިމޫން މުހައްމަދު އައްޔަން ކޮށްފި އެވެ. ރައީސް އޮފީހުގެ ފަރާތުން އެ އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒު ސޮއިކުރައްވާ މައިމޫނަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓުގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށް، މީޒާން، ގއ. ކޮލަމާފުށީ، އަހްމަދު މައިމޫން މުހައްމަދު އައްޔަން ކުރައްވާފައިވާ ކަމަށެވެ. "ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބުތައް އަދާކުރުމަށްޓަކައި ބޭނުންފުޅުވާ މަގާމުތަކަށް މީހުން އައްޔަން ކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރީއްޔާއަށް ލިބިދޭ ބާރުގެ ދަށުން ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓުގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށް، އަހުމަދު މައިމޫން އައްޔަން ކުރައްވާފިވާ ކަމުގައި ދަންނަވަން،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ހަވަލާދެއްވައި ޝިފާޒު ސޮއި ކުރައްވައި މައިމޫނަށް ފޮނުވި ސީޓީގައި ބުނެފައިވެއެވެ. އެމްޑީޕީގެ ޔޫތުވިންގް މެމްބަރު މައިމޫނަކީ 2016 ވަނަ އަހަރުން ފެށިގެން އެމްޑީޕީގެ ހަރަކާތްތަކުގައި ބައިވެރިވަމުން އަންނަ އެ ޕާޓިގެ އެކްޓިވެސްޓެކެވެ. އޭގެ ކުރިން މައިމޫން ފެނިގެންގޮސްފައި ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު ނިސްބަތްވާ ޕީޕީއެމްގެ ހަރަކާތްތަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ