އުލިގަމަށް ހޮނު އެޅުމުން ބައެއް ގެތަކުން މީޑިއާ ނެޓުގެ ހިދުމަތް ކެނޑިފައި

ބުރާސްފަތި ދުވަހުގެ ރޭ ހއ. އުލިގަމަށް ހޮނު އެޅުމުގެ ސަބަބުން މީޑިއާ ނެޓުން އެރަށަށް ދެމުން އަންނަ ކޭބަލް ޓީވީގެ ހިދުމަތް ބައެއް ގެތަކަށް އަދިވެސް ނުލިބޭ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.
އުލިގަން ކައުންސިލުގެ ރައީސް އަހްމަދު މުއާޒު ސީއެންއެމް އަށް ވިދާޅުވީ ހޮނު އެޅުމުން ބައެއް ގެތަކުގެ އިލެކްޓްރޯނިކް ސާމާނަށް ގެއްލުންވެފައިވާ ކަމަށެވެ.
"އެރޭ 12 އިން ގާތްގަނޑަކަށް ދެއަކަށް ހުއްޓާ ނުލާއި ވިދާފަ ވިއްސާރަ ވެހުން. ގުގުރުމުގެ އަޑުވެސް ނުކެނޑެ، އެކަމަކު ވަރަށް ބާރަށް ކުއްލިއަކަށް ގުގުރާލި އަޑަށް ފަހު ކަމަށް ބެލެވެނީ ހޮނު އެޅީ،" މުއާޒު ވިދާޅުވިއެވެ.
ހޮނު އަޅާފައިވާ ކަމަށް ބެލެވެނީ އެރަށުގައި އުރީދޫ އެންޓަނާ ހުންނަ ސަރަހައްދަށެވެ. އެގޮތުން އެ ސަރަހައްދުގެ 12 ވަރަކަށް ގޭގެ އިލެކްޓްރޯނިކް ސާމާނަށް ވަނީ ގެއްލުންވެފަ އެވެ.
ހޮނު އެޅުމުގެ ސަބަބުން އެރަށުގެ މުއާސަލާތީ ހިދުމަތަށް ވެސް މައްސަލަތަކެއް ދިމާވިއެވެ. އެކަމަކު އިއްޔެ ދިރާގުގެ ޓީމެއް އެރަށަށް ގޮސް އެ މައްސަލަ ވަނީ ހައްލުކޮށްފައެވެ.
މުއާޒު އިތުރަށް ވިދާޅުވީ އެރަށުގައި ކޭބަލް ޓީވީގެ ހިދުމަތް ދިނުމަށް ބޭނުންކުރާ ފޮއްޓަކަށް ވެސް ގެއްލުންވެފައިވާ ކަމަށެވެ. އެހެންވެ އެ ބައެއް ގެތަކަށް ކޭބަލް ޓީވީގެ ހިދުމަތް އަދިވެސް ނުލިބެ އެވެ.
އެ ގެތަކަށް ކޭބަލް ޓީވީގެ ހިދުމަތް އަލުން ލިބޭނީ މާލޭން ބައެއް ސާމާނު އެރަށަށް ގެންގޮސް މަރާމާތުކޮށްގެން ކަމަށް މުއާޒު ވިދާޅުވިއެވެ.
ރާއްޖެއަށް މިހާރު ކުރަމުންމިދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. ބޯކޮށް ވާރޭވެހި ރަށްތަކުގައި ފެންބޮޑުވެ، ބައެއް ރަށްރަށުގައި ހިފާ ގެންގުޅޭ ސަމާނަށް ވެސް ގެއްލުންވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ