އދގެ ސަލާމަތީ މަޖިލީހުގައި އެމެރިކާއަށް ބޮޑު ނާކާމިޔާބީއެއް!

އދގެ ސަލާމަތީ މަޖިލީހުގައި އެމެރިކާއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
އެމެރިކާއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ، އީރާނާ ދެކޮޅަށް އަޅާފައިވާ ހަތިޔާރުގެ ދަތިކުރުމުގެ ފިޔަވަޅުގެ މުއްދަތު އިތުރުކުރަން އެމެރިކާއިން ހުށަހެޅި މައްސަލައަށް ސަލާމަތީ މަޖިލީހުން ދެކޮޅު ހެދުމާ ގުޅިގެންނެވެ.
ސަލާމަތީ މަޖިލީހުގައި ހިމެނޭ 15 މެމްބަރު ގައުމުގެ ތެރެއިން އެމެރިކާގެ ހުށަހެޅުމާ އެއްކޮޅަށް ވޯޓު ދީފައިވަނީ އެންމެ 2 ގައުމުންނެވެ. އެއީ އެމެރިކާއާއި، ޑޮމިނިކަން ރިޕަބްލިކްގެ ވޯޓު އެކަންޏެވެ.
ސަލާމަތީ މަޖިލީހުގައި ހިމެނޭ އެއްވެސް ގައުމެއް ވޯޓުގައި ބައިވެރިއެއް ނުވިއެވެ.
މި ނަތީޖާއަކީ އެމެރިކާއަށް ކުރިމަތިވި ބޮޑު ލަދުވެތިކަމެއް ކަމަށް މުހައްލިލުން ސިފަކުރައްވައެވެ.
އަދި ކަމުގެ ސަބަބުން އެމެރިކާއާއި، ޔޫރަޕްގެ ގައުމުތަކާ ދެމެދު އުފެދިފައިވާ ބައިބައިވުން ވަރަށް ސާފުކޮށް ހާމަވެގެން ހިނގައްޖެ ކަމަށްވެސް ވިދާޅުވެއެވެ.
ސަލާމަތީ މަޖިލީހުގައި ނެގުނު ވޯޓުގެ ނަތީޖާގެ ކާމިޔާބީ އީރާނުން ވަރަށް ބޮޑަށް ފާހަގަކުރަމުން އެބަގެންދެއެވެ.
އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވީ، މިހާ ބޮޑަށް އެމެރިކާ އެކަހެރިވެފައިވާ ޒަމާނެއް ނާންނަ ކަމަށެވެ. އެމެރިކާގެ ރޭވުން ނާކާމިޔާބުވެ ބަލިވެގެންދިޔައީ ވަރަށް ނިކަމެތި ގޮތެއްގައި ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
އީރާނު ޚާރިޖިއްޔާގެ ތަރުޖަމާނު އައްބާސް މޫސަވީ ވިދާޅުވީ، އދގެ 75 އަހަރުގެ ތާރީޚްގައި އެމެރިކާ މިވަރަށް ދުވަހަކުވެސް އެކަނިވެރި ނުވާ ކަމަށެވެ.
މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނަނީ، އެމެރިކާގެ ހުށަހެޅުމަށް ސަލާމަތީ މަޖިލީހުން ދެކޮޅުހެދުމުން، އީރާނާ ދެކޮޅަށް އެނޫން މަގުތަކުން އިތުރަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން އެމެރިކާއިން މަސައްކަތް ކުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
އެކަމުގެ ތެރޭގައި، އދގެ ސަލާމަތީ މަޖިލީހުގައި އިތުރު ބައިބައިވުންތައް އުފެދިގެންދާނޭ ކަމުގެ ބިރުވެސް އުފެދިފައިވާ ކަމަށް މުހައްލިލުން ވިދާޅުވެއެވެ.
އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ މައްސަލާގައި، އެމެރިކާވެސް ހިމެނޭގޮތުން ހުޅަނގުގެ ބޮޑެތި ބާރުތަކާއި އީރާނާ ދެމެދުވެވުނު އެއްބަސްވުމުން 2018 ވަނަ އަހަރު އެމެރިކާވަނީ ވަކިވެފައެވެ.
އޭގެފަހުން ޓްރަމްޕް މަސައްކަތް ކުރައްވަމުން ގެންދަވަނީ އެ އެއްބަސްވުން ބާތިލްކޮށް އަލުން އެއްބަސްވުމެއް ހެދުމަށެވެ.
ނަމަވެސް، ޓްރަމްޕް ބޭނުންފުޅުވާ ގޮތަށް އެކަންކުރަން ހުޅަނގުގެ އެހެން ގައުމުތަކުން ބޭނުމެއް ނުވެއެވެ. އަދި އެއްބަސްވުމުން ވަކިވާކަށްވެސް ބޭނުމެއް ނުވެއެވެ.
އޮބާމާގެ ވެރިކަމުގައި ހެދި އެއްބަސްވުމުން އެމެރިކާ ވަކިވެ، އެއްބަސްވުމުގެ ދަށުން އެމެރިކާއިން އީރާނަށް ދިން ހުރިހާ ލުއިތައް ބާތިލްކޮށް، ދަތިކުރުމުގެ ފިޔަވަޅުތައް އަލުން އަޅައި އިތުރުކޮށް ޓްރަމްޕްވަނީ ހަރުކަށިވެސް ކުރައްވާފައެވެ.
ޓްރަމްޕް އަދިވެސް ގެންދަވަނީ އީރާނަށް އިތުރަށް ދަތިކުރާނޭ ކަމަށް އިންޒާރު ދެއްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ