ޔޫރޮޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ލެވަންޑޮސްކީ

ޔޫއެފާއިން ހޮވާ ޔޫރޮޕުގެ އެންމެ މޮޅު ފިރިހެން ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމަށް މިދިޔަ ސީޒަނުގައި އާދަޔާ ޙިލާފު މޮޅު ކުޅުމެއް ދެއްކި ބަޔާން މިއުނިކުގެ ސްޓްރައިކަރު ރޮބާޓް ލެވަންޑޮސްކީ ހޮވިއްޖެ އެވެ. ސްވިޒަލެންޑުގެ ނިޔޯނުގައި މިރޭ އޮތް ޔޫއެފާގެ އަހަރުގެ އިނާމު ދިނުމާއި، ކުރިއަށް އޮތް ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގުރު ނެގުމަށް ބޭއްވި ރަސްމިއްޔާތުގައި ލެވަންޑޮސްކީ މި މަގާމު ހޯދީ، ބަޔާން މިއުނިކުގެ ޓީމް މެނުއެލް ނޯޔާ އާއި މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާއާ ވާދަކޮށްގެންނެވެ. މިއީ މި މަގާމު ލެވަންޑޮސްކީ ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. ޖަރުމަނުގެ ތިން ތަށްޓާއި، ޔޫރޮޕުގެ ދެ މުބާރާތް ވެސް ބަޔާން މިއުނިކުން ކާމިޔާބު ކުރި ސީޒަނުގައި އެ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ވަނީ މިރޭގެ އެކި މަގާމުތަކަށް ނޮމިނޭޓްވެފަ އެވެ. އެގޮތުން އެންމެ މޮޅު ކީޕަރުގެ މަގާމަށް ނޯޔާ ހޮވުނު އިރު އެންމެ މޮޅު ޑިފެންޑަރުގެ މަގާމަށް ހޮވުނީ އެ ޓީމުގެ ޒުވާން ވިންގް ޖޯޝުއާ ކިމިޗް އެވެ. އަދި މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ލެވަންޑޮސްކީ ވަނީ އެންމެ މޮޅު ފޯވާޑްގެ މަގާމު ވެސް ހޯދައިފަ އެވެ. މިދިޔަ އަހަރުގެ މޮޅު މިޑްފީލްޑަރަކަށް ހޮވުނީ މެންޗެސްޓާ ސިޓީގެ ޑިބްރޭނާ އެވެ. ދުނިޔޭގެ ގަދަ ބާރުތައް ބަލިކުރުމަށްފަހު ބަޔާން މިއުނުކިން މިދިޔަ ސީޒަނުގައި ބޮޑު ކާމިޔާބީއެއް ހޯދި އިރު އެ ޓީމަށް އިރުޝާދު ދިން ހަންސީ ފްލިކަށް މިރޭ ވަނީ ޔޫއެފާގެ އެންމެ މޮޅު ކޯޗުގެ މަގާމު ލިބިފަ އެވެ. ފުޓުބޯޅަ ކުޅުންތެރިންގެ ތެރޭގައި ހޮވާ އެންމެ ޝަރަފުވެރި މަގާމު ކަމަށްވާ ބެލެންޑިއޯ މިއަހަރު ނުދޭން ނިންމާފައިވާ އިރު، ފީފާއާއި، ޔޫއެފާއިން ވަނީ މިއަހަރު ވެސް މަގާމުތައް ހޮވާނެކަން ކުރިން ވެސް އިއުލާން ކޮށްފަ އެވެ. އަދި މިފަހަރުގެ ޔޫއެފާއާއި، ފީފާގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހައްގު ވަނީ ލެވަންޑޮސްކީއަށް ކަމަށް ފުޓުބޯޅަ ދިރާސާ ކުރާ ގިނަ އެނަލިސްޓުންތަކެއް ބުނެފައިވާ އިރު އޭނާ ވަނީ މިދިޔަ ސީޒަނުގައި ރެކޯޑު އަދަދަކަށް ގޯލު ޖަހައިފަ އެވެ. އެގޮތުން ލެވަންޑޯސްކީ ވަނީ ބަޔާން މިއުނިކުން ޗެމްޕިއަންސް ލީގުގެ ޓްރޮފީ އެއްވެސް މެޗަކުން ބަލިނުވެ އުފުލާލި އިރު އެ މުބާރާތުގައި 15 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިދިޔަ ސީޒަނުގެ ޖަރުމަން ލީގުގައި ލެވަންޑޯސްކީ ވަނީ 34 ލަނޑު ޖަހާފައެވެ. މީގެ އިތުރުން ލީގު ކަޕާއި، ސުޕަކަޕުގައި ވެސް އޭނާ ވަނީ ގޯލު ޖަހައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ