ޔާމީން ދޫކޮށްލަން ގޮވާލައި އިދިކޮޅުން ކަނޑުމަތީގައި މުޒާހަރާކޮށްފި

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލަން ގޮވާލައި، އިދިކޮޅު ކޯލިޝަނުން މާފުށީ ބޭރުން ކަނޑުމަތީގައި މިއަދު މުޒާހަރާކޮށްފި އެވެ.
ހުޅުމާލެ ފަޅުތެރެއިން ފެށި މުޒާހަރާގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އެންމެ އިސްބޭފުޅުން ބައިވެރިވެވަޑައިގަތެވެ. ބޮޑު މަސް ދޯންޏަކާއި ދެ ލޯންޗުގައި އެ ކޯލިޝަންގެ ސަޕޯޓަރުން ތިބެ ޔާމީން މިނިވަންކުރަން ގޮވާލާފައި ވެ އެވެ.
އެ ސަރަހައްދު ބެލެހެއްޓުމަށް ފުލުހުން ވެސް ހަރަކާތްތެރިވި އެވެ.
އިދިކޮޅު ފަރާތްތަކުން މިއަދު ކުރި މުޒާހަރާއަށް ހިތްވަރު ދިނުމަށް، މާފުށީ ބަނދަރު ސަރަހައްދަށް އެއްވެފައި ބަޔަކު އެއްވެފައި.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
ކޮވިޑް-19 ކޮންޓްރޯލް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ރަށު ކައުންސިލްގެ ހުއްދަ ނަގައިގެން ނޫނީ އެއްވެސް ރަށަކަށް ނޭރޭނެ އެވެ. އެހެންވެ މުޒާހަރާގެ ބައިވެރިން އަޑުއުފުލީ ފަޅު ބޭރުގައި ތިބެގެންނެވެ. ނަމަވެސް ބަނދަރު ސަރަހައްދުގައި ތިބި މީހުންނާ މަޝްވަރާކުރުމަށް ދޯނި ފަޅުތެރެއަށް ވަނެވެ.
އިދިކޮޅު ފަރާތްތަކުން ކަނޑުމަތީގައި މިއަދު ކުރި މުޒާހަރާގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވާހަކަދައްކަވަނީ - ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
އެ މުޒާހަރާގައި ވާހަކަދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ފަލަސްތީނާއި ސީރިޔާގެ ރައްޔިތުން އުޅޭ ދަތި ހާލު ތަހައްމަލުކުރާކަށް ދިވެހި ރައްޔިތުން ބޭނުން ނުވާނެ ކަމަށެވެ. އަދި ރާއްޖޭގައި އަމާންކަމާއި ހަމަޖެހުން މިހާތަނަށް ބިނާވެފައި އޮތީ މައިގަނޑު އެންމެ ސަބަބެއްގެ މައްޗަށް ކަމަށެވެ.
އޭނާ ވިދާޅުވީ ސަރުކާރުގެ ވާދަވެރިން ނުކުމެތިބީ ގާނޫނު ހިމާޔަތްކޮށް ރައްޔިތުންގެ ހައްގުގައި ކަމަށެވެ. ޔާމީން މިނިވަންކޮށްފައި ނޫނީ އިދިކޮޅު ފަރާތްތަކުން މިފަހަރު ހުއްޓާ ނުލާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ ރައްޔިތުން މަގުތަކަށް ނުކުތީ ކޮވިޑްގެ ސަބަބުން ރައްޔިތުންނަށް ޖެހިފައިވާ ނިކަމެތި ހާލުން ކަމަށެވެ. އައިސްފައިވާ ބޮޑު ލޮޅުމުގެ ސަބަބުން އިގުތިސޯދު ރަނގަޅަށް ބެލެހެއްޓޭނީ ޔާމީނަށް ކަމަށާއި އެމަނިކުފާނު މިނިވަންކުރަން ކުރެވުނު ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ސައީދު ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން ކަނޑުމަތީގައި މިއަދު މުޒާހަރާކުރި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމަކާއެކު ދައުލަތަށް ފަސް މިލިއަން ޑޮލަރު ދައްކަން ހުކުމްކުރީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ އެސްއޯއެފް ކިޔާ އަމިއްލަ ކުންފުންޏެއްގެ އެކައުންޓަކަށް ޖަމާވުމުން، އެ ކުންފުނިން ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ. ހައި ކޯޓުގައި އެ މައްސަލައިގެ އިސްތިއުނާފު ޝަރީއަތް ނިމުމަކާ ހަމައަށް އައިސްފައި ވެ އެވެ.
އޭގެ އިތުރުން ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއަކާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާކޮށް ކްރިމިނަލް ކޯޓަށް ފޮނުވާފައި ވެ އެވެ. އެ ދައުވާ ކުރަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ރ. ފުށްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކަމަށް ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ