މެސީ އާއި ލެވަންޑޯސްކީ އަޅާކިޔުމަކީ ގޯހެއް: ބަޔާން ކޯޗު

ލިޒްބަން (އޮގަސްޓް 14) - މި ސީޒަނުގެ ކުޅުމަށް ބަލާފައި ވިޔަސް މިރޭގެ މެޗުގެ ކުރިން ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އާއި ބަޔާން މިއުނިކްގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީއާ އަޅާކިޔުމަކީ ހެދޭނެ ގޯހެއް ކަމަށް އެ ޓީމުގެ ކޯޗު ހަންސީ ފްލިކް ބުނެފި އެވެ.
ބަޔާންގެ ކުރީގެ ކުޅުންތެރިޔާ ލޯތާ މަތައިސް ޖަރުމަނުގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި މެސީ އަށް ވުރެން ލެވަންޑޯސްކީ މޮޅު ކަމަށް ބުނެ ވާހަކަ ދައްކާފައިވާތީ އެކަމާ ގުޅޭ ގޮތުން ގިނަ ބަޔަކު އަންނަނީ ހިޔާލު ފާޅުކުރަމުންނެވެ. އެކަމާ ބެހޭގޮތުން ބާސެލޯނާގެ ކޯޗު ކީކޭ ސެޓިއެން ބުނީ ލެވަންޑޯސްކީ އަކީ މެސީ ލެވަލްގެ ކުޅުންތެރިއެއް ނޫންކަން ވަރަށް ސާފުކޮށް ފެންނަން އޮތް ކަމަށެވެ. ބަޔާންގެ ކޯޗު ފްލިކް ބުނީ އެ ދެ ކުޅުންތެރިން އަޅާކިޔުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.
"ލެވަންޑޯސްކީ އަކީ ދުނިޔޭގެ ފެންވަރުގެ ސެންޓްރަލް ސްޓްރައިކަރެއް. އޭނަ ގޯލު ޖަހާނެ ކަމުގެ ޔަގީންކަން އޮވޭ. މެސީ އަކީ ހުރިހާ ގޮތަކުން ބެލިޔަސް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ. އަހަންނަށް ހިއެއްނުވޭ އެ ފެންވަރުގެ ކުޅުންތެރިއެއް ދެން އަންނާނެހެން ވެސް. އެހެންވީމަ މި ބުނަނީ ލެވަންޑޯސްކީ އާއި މެސީ އަޅާކިޔުން ރަނގަޅެއް ނޫނޭ،" މިރޭގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ފްލިކް ބުންޏެވެ.
"އެ ދެ ކުޅުންތެރިން އަޅައެއް ނުކިޔޭނެ. އެއީ ރަނގަޅު ކަމެއް ވެސް ނޫން. އެއީ މެޗެއްގެ ކުރިން ފޯކަސް ގެއްލުވާލަން ނޫނީ އެހެން މިސްރާބަކަށް ބަދަލުކުރަން ކުރާ ގޯސް ކަމެއް."
މި ސީޒަނުގައި ލަނޑު ޖެހުމުގެ ރެކޯޑަށް ބަލާއިރު ލެވަންޑޯސްކީ ވަނީ މެސީ ފަހަތަށް ޖައްސާލައިފަ އެވެ. ލެވަންޑޯސްކީ ވަނީ 44 މެޗުން 53 ގޯލު ޖަހައިފަ އެވެ. މެސީ އަށް 43 މެޗުން ޖެހުނީ 31 ގޯލެވެ. ބަޔާންގެ ފޯވާޑް ތޯމަސް މުލާ ބުނީ ވަކި ކުޅުންތެރިއަކު ބަހައްޓައިގެން މެސީ ހުއްޓުވަން އުޅުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށާއި އޭނާ ހުއްޓުވޭނެ ގޮތަކީ ޓީމެއްގެ ގޮތުގައި ކުޅުން ކަމަށެވެ.
މި ފަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް ހަތް އަހަރު ތެރޭގައި ދެ ވަނަ ފަހަރަށް ސީޒަނުގެ ތިން މުބާރާތް ކާމިޔާބު ކުރުމުގެ އަޒުމުގައި ބަޔާނުން މަސައްކަތްކުރަމުން އަންނައިރު، މުލާގެ ނަޒަރުގައި ބާސެލޯނާ މެޗަކީ ފައިނަލެކެވެ. އަދި މި މެޗުން މޮޅުވެއްޖެނަމަ ކޮންފިޑެންސާ އެކު ދެން ހުރި މެޗުތަކުގައި ކުޅެވޭނެ ކަމަށް މުލާ ގަބޫލުކުރެ އެވެ.
ބާސެލޯނާގެ ކޯޗު ސެޓިއެން ބުނީ އެންމެ ފަހުން ކުޅުނު މެޗުގައި ނަޕޯލީއާ ދެކޮޅަށް މެސީ ހުރި ފޯމުގައި އޭނާ ކުޅެފިނަމަ މިރޭ ބަޔާން އަތުން މޮޅުވެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި މެސީ ބޮލުގައި ބޮޑު ޒިންމާ އެޅުވުމަކީ ވެސް ރަނގަޅު ގޮތެއް ނޫން ކަމަށާއި މީގެ ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް މެސީ ފަދަ ތަރިއެއްގެ ބޭނުން އެންމެ ފުރިހަމަ އަށް މި ފަދަ މެޗުތަކުގައި ހިފަންޖެހޭ ކަމަށް ސެޓިއެން ބުންޏެވެ.
ޕޯޗުގަލްގެ ލިޒްބަންގައި ކުޅޭ މިރޭގެ ކުއާޓާ ފައިނަލް މެޗުން ބާސެލޯނާ އާއި ބަޔާން ބައްދަލުކޮށް މޮޅުވާ ޓީމެއް ސެމީގައި ކުޅެން ޖެހޭނީ މާދަމާރޭ މެންޗެސްޓާ ސިޓީ އާއި ލިޔޯން ކުޅޭ ކުއާޓާ ފައިނަލުގެ ފަހު މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. ބަޔާނާއި ބާސެލޯނާ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ