އެޗްޑީއެފްސީއަށް ދައްކަންޖެހޭ ލޯނު ފައިސާ އަނބުރާ ދެއްކުން ދެވަނަ ފަހަރަށް ފަސްކޮށްދީފި

ކޮވިޑް-19 އާއި ގުޅިގެން ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)އިން ދޫކުރެވިފައިވާ ލޯނުތަކަށް ދެވިފައިވާ މޮރެޓޯރިއަމްގެ މުއްދަތު އިތުރު ކޮށްދީފި އެވެ.
އެޗްޑީއެފްސީން ބުދަ ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ދިވެހި ރާއްޖޭގެ އިޤްތިޞާދަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތި ހާލަތުން އަރައިގަތުމަށްޓަކައި މިހާތަނަށް ދޫކޮށްފައިވާ ލޯނުތަކުގެ މޮރެޓޯރިއަމްގެ މުއްދަތު އިތުރުކޮށްދިނުމަށް ނިންމައި، 27 އޯގަސްޓް 2020 ގައި އެކޯޕަރޭޝަނުން ޢާންމުކޮށްފައިވާ ނޫސްބަޔާނާއި ޙަވާލާދީ މުއްދަތު އިތުރުކޮށްދީފައިވާ ކަމަށެވެ.
އެޗްޑީއެފްސީން ބުނީ، އެނޫސްބަޔާނުގައި ދެންނެވިފައިވާ ފަދައިން މޮރެޓޯރިއަމްގެ މުއްދަތު ސެޕްޓެމްބަރު މަހުން ފެށިގެން 04 މަސްދުވަހަށް އިތުރުކޮށް، ބުދަ ދުވަހުން (މިއަދު) ފެށިގެން މިޚިދުމަތަށް އެދުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ކަސްޓަމަރުންގެ މަޢުލޫމާތަށްޓަކައި ދަންނަވާ ކަމަށެވެ. އަދި މޮރެޓޯރިއަމްއަށް އެދުމަށް ހަމަޖެހިފައިވަނީ އެކޯޕަރޭޝަންގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިން ޕޯރޓަލްއިން ކަމަށް ވެސް އެޗްޑީއެފްސީން ބުނެފައި ވެއެވެ.
އެޗްޑީއެފްސީން ބުނީ، މޮރެޓޯރިއަމްއަށް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 25 ސެޕްޓެމްބަރ 2020 ކަމަށެވެ. އެތާރީޚާއި ހަމައަށް މޮރެޓޯރިއަމްއަށް އެދި ހުށަހަޅާފައި ނުވާނަމަ، ބެލެވޭނީ އެފަރާތްތަކުން މޮރެޓޯރިއަމްގެ ޚިދުމަތް ބޭނުންނުވާ ކަމުގައިވެސް އެޗްޑީއެފްސީން ބުނެފައި ވެއެވެ. އަދި އެލޯނުތަކަށް މަހުން މަހަށް ދައްކަން ޖެހޭ ފައިސާ ސެޕްޓެމްބަރު 2020 އިން ފެށިގެން ދައްކަންވާނެ ކަމަށްވެސް އެޗްޑީއެފްސީން ބުނެފައިވެ އެވެ.
މޮރެޓޯރިއަމްއަށް އެދުމާއި ގުޅޭ އިތުރު މަޢުލޫމާތު އެޗްޑީއެފްސީގެ ވެބްސައިޓު (www.sdfc.mv) މެދުވެރިކޮށް މިހާރު ލިބެން ހުންނާނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ވެސް ވަނީ އެބޭންކުން ނަގާފައިވާ ލޯނާއި ފައިނޭންސިންގ އަށް ފައިސާ ދެއްކުން ދެވަނަ ފަހަރަށް ފަސް ކުރުމަށް އެދި ހުށައަޅުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ