އިކާޑީގެ ދެ ލަނޑާއެކު ރެއިމްސް އަތުން ޕީއެސްޖީއަށް މޮޅެއް

ފްރެންޗް ލީގުގައި އާދީއްތަ ދުވަހުގެރޭ ފޯވާޑް މައުރޯ އިކާޑީ ކާމިޔާބުކުރި ދެ ލަނޑުން ރެއިމްސް އަތުން އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ މޮޅުވެއްޖެއެވެ.
ރަށުން ބޭރުގައި ކުޅުނު މި މެޗުން ޕީއެސްޖީ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ސަސްޕެންޝަނުން ސަލާމަތްވެ ޕީއެސްޖީގެ ނޭމާ އާއި ލެއަންޑްރޯ ޕަރެޑެސް ވަނީ ކުޅެފައެވެ. އެކަމަކު ލަވިން ކުރްޒާވާ އަދިވެސް ހުރީ ސަސްޕެންޝަނުގައެވެ.
އާދީއްތަ ދުވަހުގެރޭގެ މެޗުގައި ޕީއެސްޖީގެ އެންހެލް ޑި މާރިއާ ކުޅުނު ނަމަވެސް، ޕީއެސްޖީން ލީގުގައި ދެން ކުޅޭ ތިން މެޗުގައި އޭނާއަށް ނުކުޅެވޭނެއެވެ. މި ކުޅުންތެރިންނަށް ސަސްޕެންޝަންތަކާ ކުރިމަތިލާން ޖެހުނީ ލީގުގައި މި މަހުގެ 14 ވަނަ ދުވަހު މާސޭއާ ދެކޮޅަށް ކުޅުނު މެޗުގައި ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެންނެވެ.
އާދީއްތަ ދުވަހުގެރޭ ޕީއެސްޖީން ކުޅުނު މެޗުގައި އެ ޓީމުން ރަނގަޅު ކުޅުމެއް ދެއްކިއިރު، މި މެޗުގެ ވަރަށް ކުރީކޮޅު ޕީއެސްޖީން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން ނުވަވަނަ މިނެޓުގައި އިކާޑީ ޕީއެސްޖީއަށް ލީޑު ނަގައިދިނީ ކީލިއަން އެމްބާޕޭގެ އެހީއާއެކުއެވެ. އަދި ޕީއެސްޖީން މި މެޗުގައި ލީޑު ފުޅާކުރި ލަނޑު މެޗުގެ 62 ވަނަ މިނެޓުގައި އިކާޑީ ކާމިޔާބުކުރީވެސް އެމްބާޕޭގެ އެހީއާއެކުއެވެ.
ލީގުގައި ކުޅުނު ފަސްވަނަ މެޗުން ޕީއެސްޖީ މޮޅުވިއިރު، އެ ޓީމު އޮތީ ލީގު ތާވަލުގެ ހަތްވަނައިގައި ފަސް މެޗުން ނުވަ ޕޮއިންޓާއެކުއެވެ. ޕީއެސްޖީ އަތުން ބަލިވި ރެއިމްސް އޮތީ ތާވަލުގެ ފުލުން ދެވަނައިގައި ފަސް މެޗުން އެންމެ ޕޮއިންޓަކާއެކުއެވެ.
ލީގުގައި ދެން ޕީއެސްޖީން މެޗެއް ކުޅޭނީ އަންނަ ހުކުރު ދުވަހުގެރެއެވެ. އެރޭ އަމިއްލަ ދަނޑުގައި ޕީއެސްޖީ ނުކުންނާނީ އޭންޖާސްއާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ