"ދަރަންޏަށް ފައިސާ ނަގައިގެން މި ކުރާ މަސައްކަތަކީ ތަރައްގީ އަށް ކުރާ މަސައްކަތް"

ދަރަންޏަށް ފައިސާ ނަގައިގެން ކުރާ މަސައްކަތަކީ ގައުމުގެ ތަރައްގީ ކުރާ މަސައްކަތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ދަރަންޏަށް ފައިސާ ނަގައިގެން ވެސް ގައުމުގެ އިގްތިސޯދު ފުޅާކުރަން ޖެހޭ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ދަރަންޏަށް ފައިސާ ނަގައިގެން ވެސް ގައުމުގެ އެކި ސިނާއަތްތައް ތަރައްގީ ކުރަންޖެހޭ ކަމަށެވެ. އެގޮތުން މަސްވެރިކަމާއި ދަނޑުވެރިކަމާއި އެއާޕޯޓުތައް ތަރައްގީ ކުރަން ޖެހޭ ކަމަށް މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ގިނައިން ކުރަމުން ގެންދާ ވަރަކަށް ކުރިން ރާއްޖެ އޮތް ހާލަތަށް ދިއުމަށްޓަކައި ނަގާ ދުވަސްތައް މަދުވެގެން ދާނެ ކަމަށެވެ. މިނިސްޓަރު ވަނީ އަންނަ އަހަރާއި ޖެހިގެން އަންނަ 2022 ވަނަ އަހަރު ރާއްޖޭގެ އިގްތިސޯދު ކުރި އަރާނެ ކަމަށް ލަފާ ކުރާ މިންވަރުވެސް ހިއްސާ ކުރައްވާފައެވެ.
އެގޮތުން އަންނަ އަހަރު ރާއްޖޭގެ އިގްތިސޯދު 15-17 ޕަސެންޓު ކުރިއަރާނެ ކަމަށް މިނިސްޓަރު އަންދާޒާ ކުރެއްވިއެވެ. އަދި ޖެހިގެން އަންނަ 2022 ވަނަ އަހަރު 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭ ރާއްޖޭގެ އިގްތިސޯދު އޮތް ހާލަތަށް އިއާދަވާނެ ކަމަށް މިނިސްޓަރު ވަނީ އަންދާޒާ ކުރައްވާފައެވެ.
މިނިސްޓަރު އަމީރު ވަނީ ދަރަންޏަށް ފައިސާ ނަގައިގެން ވެސް ގައުމު ވެއްޓިފައިވާ އިގްތިސޯދީ ހާލަތުން އަރައިގަންނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. ދަރަންޏަށް ފައިސާ ނަގައިގެންވެސް އިގްތިސޯދީ ހާލަތުން އަރައިގަތުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް ގަބޫލުކުރާ ކަމަށެވެ. އެގޮތުން މިއަދު ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް ދަރަންޏަށް ފައިސާ ނަގައިގެން އެ މަސައްކަތް ކުރަމުން ގެންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ