މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ބޭނުންވާ ފައިސާ ނުލިބޭ ނަމަ ލިބޭ ގެއްލުން ބޮޑުވާނެ: ޑރ. ހުސައިން

މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ބޭނުންވާ ފައިސާގެ އެހީ ނުލިބޭ ނަމަ ދިމާވާނެ ގެއްލުންތަކާއި ގުޅޭ ގޮތުން އެންވައިރުމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ. މިނިސްޓަރު އެ ކަންބޮޑުވުން ފާޅުކޮށްފައިވަނީ، ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން ޓު ކޮމްބެޓް ޑެސަރޓިފިކޭޝަން (ޔޫއެންސީސީޑީ) އާއި ކޮމަންވެލްތް ގުޅިގެން ބޭއްވި ހައިލެވެލް މިނިސްޓީރިއަލް ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޔޫއެންގެ 75 ވަނަ ޖެނެރަލް އެސެމްބްލީގެ ހަވާސާގައި ބޭއްވި މި ބައްދަލުވުމަކީ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން ޓު ކޮމްބެޓް ޑިޒަރޓިފިކޭޝަން (ޔޫއެންސީސީޑީ) އަދި ކޮމޮންވެލްތް ސެކްރެޓޭރިއެޓް ގުޅިގެން ބޭއްވި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ޔޫއެންސީސީޑީ އާއި ކޮމަންވެލްތް ގުޅިގެން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ތިމާވެށްޓަށް ކުރާ އަސަރު ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކާމެދު މެމްބަރު ގަމުގެތަކުގެ މެދުގައި މަޝްވާރާކުރެވުނެވެ. އެގޮތުން، މި ބައްދަލުވުމުގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އަޅާ ފިޔަވަޅުތައް ބާރުމިނުގައި ކުރިއަށްގެންދެވޭނެ ގޮތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. ނައިޓެޑް ނޭޝަންސް ކޮންވެންޝަން ޓު ކޮމްބެޓް ޑެސަރޓިފިކޭޝަން (ޔޫ.އެން.ސީ.ސީ.ޑީ) އާއި ކޮމަންވެލްތް ގުޅިގެން ބޭއްވި ހައިލެވެލް މިނިސްޓީރިއަލް ބައްދަލުވުމުގައި މިނިސްޓަރު ބައިވެރިވެވަޑައިގަންނަވަނީ --- އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ހުސައިން ވިދާޅުވީ، ތިމާވެށި ރައްކާތެރިކުރުމަށް މިހާރުވެސް ރާއްޖެއިން ގިނަގުނަ ކަންތައްތައް ކުރަމުންގެންދާ ކަމަށާއި ޤުދުރަތީގޮތުން ހާއްސަ ސިފަ ލިބިފައިވާ ތަންތަން ހިމާޔަތްކުރަމުން ގެންދާކަމަށެވެ. އެ ކަންތައްތައް ހާސިލުކުރުމަށާއި ރާއްޖޭގެ ގުދުރަތީ ރީތިކަން ދެމެހެއްޓުމަށް އެކަށީގެންވާ ފައިސާގެ އެހީ ބޭނުންވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލާއިރު ރާއްޖެ ފަދަ ބިންތިރި ގައުމަކަށް މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ބޭނުންވާ ފައިސާގެ އެހީ ނުލިބޭނަމަ ދިމާވާނެ ގެއްލުންތަކާއި ގުޅޭގޮތުން މިނިސްޓަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންނާއި އެހެނިހެން ގޮތްގޮތުންވެސް ކަނޑުގެ ދިރުންތަކަށް ގެއްލުންލިބޭ ކަމަށާއި ކަނޑުގެ ދިރުންތަކަށް ގެއްލުން ލިބެމުންދާކަމަށާއި މިކަންކަން ހައްލުކުރަން ކެނޑިނޭޅި މަސައްކަތްކުރަމުންދާކަމަށެވެ. ދުނިޔެ ހޫނުވުމާއި ގުޅިގެން ކަނޑުގެ ލޮނުގަނޑު އުފުލުމާއި މުރަކަ ހުދުވުމުގެ އިތުރުން މޫދުގެ ބައެއް ދިރުންތައް ނެތިދިއުން ފަދަ ކަންތައްތަކާއި ރާއްޖެފަދަ ޖަޒީރާ ޤައުމުތަކާއި ކުރިމަތިލާންޖެހޭ ކަމަށާއި އެހެންކަމުން ޕެރިސް އެގްރީމަންޓުގައި ވާގޮތަށް ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީސް އަށްވުރެ އިތުރުވިޔަނުދިނުމަށް ހުރިހާ ޤައުމުތަކުގެވެސް އެއްބާރުލުން ބޭނުންވާކަމަށެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ނޫ އިގްތިސާދު ކަމަށާއި އެކަންތައް ހާސިލުކުރެވޭނީ ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ރައްކާތެރިކުރެވޭނެ ގޮތްތައް ހޯދައިގެންކަމަށެވެ. މި ބައްދަލުވުމުގައި، ކޮމަންވެލްތުގެ މެމްބަރު ގައުމުތަކުގެ ތިމާވެށްޓާބެހޭ ވަޒީރުންނާއި، ތިމާވެށްޓާބެހޭ ބައިނަލްއަޤްވާމީ މުއާހަދާތަކުގެ އިސްވެރިންނާއި އަދި ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކުންވެސް މަންދޫބުން ބައިވެރިވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ