ރައީސް ޔާމީން ދައުލަތަށް ދައްކަވަންޖެހޭ ފައިސާ ހޯދުމަށް އޭޖީން މީރާއަށް!

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވުމާ ގުޅިގެން އެމަނިކުފާނު ދައުލަތަށް ޖޫރިމަނާގެ ގޮތުގައި ދައްކަވަންޖެހޭ ފަސް މިލިއަން ޑޮލަރު ހޯދުމަށް އެޓަރނީ ޖެނަރަލް (އޭޖީ)ގެ އޮފީހުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް އަންގައިފިއެވެ.
އޭޖީ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ ރައީސް ޔާމީން ދައުލަތަށް ދައްކަވަންޖެހޭ ފަސްމިލިއަން ރުފިޔާ މަދުވެގެން ހަ މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް 28 ނޮވެންބަރު 2019 ގައި އެމަނިކުފާނަށް ހުކުމްކުރި ދުވަހު އަންގާފައިވާކަމަށެވެ.
ނަމަވެސް، އެ މުއްދަތުގެ ތެރޭގައި އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ފަރާތުން އެ ފައިސާ ދައްކާފައިނުވާތީ، ގާނޫނު ނަންބަރު 2010/03 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ 50 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތަށް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދައްކަވަންޖެހޭ ޖޫރިމަނާ ފައިސާ ހޯދުމަށްޓަކައި، އެ މައްސަލައިގެ އެންމެހައި ލިޔެކިޔުންތައް މީރާއަށް އިއްޔެ ފޮނުވާފައިވާނެ ކަމަށް އޭޖީ އޮފީހުން މައުލޫމާތުދެއެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 188 ވަނަ މާއްދާގެ (ހ) ގައި، ދައުވާލިބޭ މީހާގެ މައްޗަށް ކުށް ސާބިތުވެގެން ކޯޓުން އޭނާގެ މައްޗަށް ކުރި ހުކުމުގައިވާ އަދަބަކީ ޖޫރިމަނާކުރުން ކަމުގައިވާނަމަ، އެ ހުކުމުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މީރާއަށް އެ މީހަކު އެ ޖޫރިމަނާ ދައްކަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
އަދި، އެ މާއްދާގެ (ނ) ގައި، އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ޖޫރިމަނާ ނުދައްކައިފިނަމަ، ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުން އެ ފައިސާ ހޯދުމަށް ދައުލަތުގެ ކަމާބެހޭ ފަރާތުން އަމަލުކުރާ އުސޫލުން އެ ފައިސާ ދައުލަތަށް ނަގަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 188 ވަނަ މާއްދާގެ (ހ) ގެ ދަށުން ޖިނާއީ މައްސަލައެއްގެ އަދަބެއްގެ ގޮތުގައި ދައުވާލިބޭ ފަރާތް ޖޫރިމަނާކޮށް ހުކުމްކުރާ މައްސަލަތަކުގައި، އެ ފައިސާ ދައްކަން ކޯޓުން އަމުރުކޮށްފައިވާ މުއްދަތުގައި އެ ފައިސާ ދައްކާފައިނުވާނަމަ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 50 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތަށް ދައްކަންޖެހޭ ފައިސާ ހޯދާ ހުކުމް ތަންފީޒުކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމަކީ މީރާގެ މަސްއޫލިއްޔަތެއްކަމުގައި ވާތީ، އެކަން ވާނީ އެ އިދާރާއާއި ހިއްސާކޮށްފައި ކަމަށްވެސް އޭޖީ އޮފީހުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ