ރާއްޖޭގެ ސަލާމަތާއި މަސްލަހަތު ގެއްލޭ ގޮތަށް ވާހަކަ ނުދެއްކުމަށް އިލްތިމާސްކޮށްފި

ރާއްޖޭގެ ރަޖިސްޓްރީކޮށްގެން ހިންގަމުން އަންނަ ޖަމިއްޔާތަކުން މީސް މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން ގައުމުގެ ސަލާމަތާއި މަސްލަހަތަށް ގެއްލުން ލިބޭ ގޮތަށް ހިޔާލުފާޅުކުރަމުން އަންނާތީ، އެކަން ނުކުރުމަށް ޔޫތު މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
ޔޫތް މިނިސްޓްރީ އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ވަނީ، ރާއްޖޭގެ ސަލާމަތާއި އާންމު މަސްލަހަތަށް ގެއްލުން ލިބޭ ގޮތަށް ސޯޝަލް މީޑިއާ އާއި އެހެނިހެން ޕްލެޓްފޯމްތަކުގައި ޖަމިއްޔާތަކުން ވާހަކަ ދައްކަމުން އަންނަ ކަމަށް ފާހަގަ ކުރެވިފައި ވާކަމަށެވެ.
އަދި ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ ގާނޫނުގެ އިމުގެ ތެރެއިން ޖަމިއްޔާތަކުން ހިންގަމުން އަންނަ ކޮންމެ ހަރަކާތަކަށް މިނިސްޓްރީ އިން މަރުހަބާ ކިޔާ ކަމަށާއި، އަދި އިސްލާހު ކުރަން ޖެހޭ ކަަންކަން ފާހަގަަކޮށް އެކަންކަމާއި، މެދު ވާހަކަ ދެއްކުމަކީ ޑިމަކްރަސީގެވެސް ހަރުދަނާ އަސާސެއް ކަމުން ހަރުދަނާ ޑިމަކްރަޓިކް މުޖުތަމައެއް ބިނާކުރުމަށް އެއީ މުހިންމު ކަމެއް ކަމަށް ގަބޫލު ކުރާ ކަމަށް އެ މިނިސްޓްރީ އިން ނެރުނު ބަޔާނުގައި ވަނީ ވިދާޅުފައެވެ.
ނަމަވެސް ގާނޫނާއި ގަވައިދުތަކާއި ހިލާފަށް ހިންގާ ސަލާމަތާއި ރާއްޖޭގެ މަސްލަހަތަށް ގެއްލުން ލިބޭ ފަދަ ކުށްތަކާއި އަދި ރޭވިގެން ހިންގޭ ކުށްތަކަށް ހިތްވަރު ލިބޭ ގޮތަށް ޖަމިއްޔާތަކުން އަމަލުކުރަމުން ދިއުމަކީ ހިޔާލު ފާޅުކުރުމުގެ އަދި އެއްވެ އުޅުމުގެ ގާނޫނާއި ހިލާފު ކަމެއް ކަމަށް އެމިނިސްޓްރީ އިން ދެކޭ ކަމަށާއި، އެހެން ކަމުން އެފަދަ ކަންކަން ނުކުރުމަށް އެމިނިސްޓްރީ އިން ނެރުނު ބަޔާނުގައި ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ