ދެކުނު ޗައިނާ ކަނޑުގައި އެމެރިކާއާއި ޗައިނާ ވާދަވެރި އަސްކަރީ ތަމްރީންތަކެއް ކުރިޔަށް ގެންދަނީ

ވޮޝިންޓަން (5 ޖުލައި 2020): ޗައިނާގެ ކަނޑުގެ ސަރަހައްދާ ކައިރީގައިވާ ދެކުނު ޗައިނާ ކަނޑުގައި އަސްކަރީ ތަމްރީންތަކެއް ކުރިޔަށް ގެންދާ ކަމަށް އެމެރިކާއިން ބުނެފިއެވެ. އެމެރިކާގެ ކަނޑުގެ ސިފައިން ނެރުނު ބަޔާނެއްގައި ބުނީ އެމެރިކާއިން މިތަމްރީންތައް ކުރިޔަށް ގެންދަނީ ޗައިނާއިންވެސް އެސަރަހައްދުގައި އަސްކަރީ ތަމްރީންތަކެއް ކުރިޔަށްދާ ދަނޑިވަޅެއްގައި ކަމަށާއި އެމެރިކާގެ ތަމްރީންތަކުގެ މަގްސަދަކީ ދެކުނު ޗައިނާ ކަނޑު ހުރަސްކޮށް މިނިވަންކަމާއެކު ދަތުރުފަތުރު ކުރުމުގެ ފުރުސަތު އޮތްކަން ކަށަވަރު ކުރުމެވެ. ޗައިނާގެ ބަނޑުދަށުގައި އޮންނަ ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދަކީ ޗައިނާގެ މުހިއްމު ޖިޔޮސްޓްރެޓީޖިކް ސަރަހައްދަކަށްވާއިރު އެސަރަހައްދުގައިވާ ބައެއް ޖަރީޒާތަކާއި ފަޅުތަކުގެ މިލްކުވެރިކަމަށް ޗައިނާ ދައުވާކުރެއެވެ. ދެކުނު ޗައިނާ ކަނޑުގައި ޗައިނާގެ ސަރަހައްދީ ރޮނގު ޗައިނާ އަމިއްލައަށް ކަނޑައަޅާފައިވާއިރު އެއީ އެހެންގައުމުތަކުގެ މަސްލަހަތަށް ގެއްލުންވާ ކަމެއްކަމަށް ބުނެ އެކަނޑަށް އައްސޭރިވާ ޗައިނާގެ އަވަށްޓެރި އެހެންގައުމުތަކުން އެކަމާ ދެކޮޅު ހަދައެވެ. އެހެންކަމުން މިމައްސަލާގައި ޗައިނާއާ އެގައުމުތަކާ ދެމެދު ސަރަހައްދީ ރޮނގުގެ ދެބަސްވުންތައް އޮވެއެވެ. ޗައިނާގެ ކަނޑުގެ ސިފައިން މިދެބަސްވުންތައް ހައްލުކުރަން މަސައްކަތް ކުރުމުގެ ބަދަލުގައި އެމައްސަލަ ބޮޑުކޮށް އެގައުމުތަކާ ޗައިނާއާ ދެމެދު މައްސަލަ އިތުރަށް ހޫނުކުރަން މަސައްކަތް ކުރާކަމުގެ ތުހުމަތު ޗައިނާއިންވަނީ އެމެރިކާގެ މައްޗަށް ކޮށްފައެވެ. ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދީ ރޮނގުގެ މައްސަލާގައި ޗައިނާއާ ދެބަސްވާ ގައުމުތަކުގެ ތެރޭގައި ފިލިޕީންސް، ވިއެޓްނާމް އަދި މެލޭޝިއާ ހިމެނެއެވެ. މިސަރަހައްދަކީ ދުނިޔޭގެ ވިޔަފާރީގައި މުހިއްމު ސަރަހައްދަކަށްވާއިރު އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 30 ޓްރިލިޔަން ޑޮލަރުގެ މުދާ އިންޕޯޓްކޮށް އެކްސްޕޯޓް ކުރަނީ މިސަރަހައްދު ހުރަސްކޮށެވެ. ދެކުނު ޗައިނާ ކަނޑުގައި އެމެރިކާވެސް އަދި ޗައިނާވެސް އަސްކަރީ ތަމްރީންތައް ހަދަމުން ގެންދަނީ އެކަނޑުގެ ބައިނަލްއަގްވާމީ ސަރަހައްދުގައެވެ. ނަމަވެސް ޗައިނާގެ ބަނޑުދަށުގައި އޮންނަ ޗައިނާއަށް ޖިޔޮސްޓްރެޓީޖިކް ގޮތުންނާއި ޖިޔޮޕޮލިޓިކަލް ގޮތުން އިންތިހާއަށް މުހިއްމު ސަރަހައްދެއްގައި ޗައިނާ އަސްކަރީ ތަމްރީންތައް ހަދަމުން ގެންދާ ވަގުތުގައި އެސަރަހައްދާ 12 ހާސް ކިލޯމީޓަރު ދުރުގައިވާ އެމެރިކާ އެސަރަހައްދަށް އައިސް އަސްކަރީ ތަމްރީންތައް ހަދަން ފެށުމަކީ އެމެރިކާގެ ނިޔަތާ އަދި މަގްސަދާ މެދު ސުވާލު އުފެދޭކަމަށް ޗައިނާގެ ރަސްމީ މިޑިއާ ބުނެއެވެ. ދެކުނު ޗައިނާ ކަނޑުގައި އެމެރިކާ ކުރިޔަށް ގެންދާ އަސްކަރީ ތަމްރީންތަކުގައި މަތިންދާ ބޯޓު އުފުލާ ދެމަނަވަރު ކަމަށްވާ ނިމެޓްސް އާއި ރޮނަލްޑް ޜޭގަން ބައިވެރިވާ ކަމަށާ އެއާއެކު ގިނައަދަދެއްގެ ކުދި މަނަވަރުތައްވެސް ބައިވެރިވާ ކަމަށް އެމެރިކާގެ ކަނޑުގެ ސިފައިންގެ ބަޔާން ބުނެއެވެ. (ނޫސްއެޖެންސީތައް)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ